2013ގެ އިންތިހާބު ކާމިޔާބު ކުރުމުގެ ފުރުސަތު އެންމެ ބޮޑީ ޕީޕީއެމްގެ ކެންޑިޑޭޓު: ރައީސް މައުމޫނު

އަންނަ އަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުގެ ފުރުސަތު އެންމެ ބޮޑީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަށް ކަމަށް ރައީސް މައުމޫނު އަބުދުލް ގައްޔޫމު ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ އޮފީހުގައި މިއަދު ވާހަކަ ދައްކަވަމުން ރައީސް މައުމޫނު ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަ ކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީއަށްފަހު ވެސް ޕީޕިއެމް އެކަތިގަނޑެއްގެ ގޮތުގައި ދެމެހެއްޓުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ޕާޓީގެ ހުރިހާ ފަރާތްތަކަކުން ވެސް ކުރާނެއެވެ. ރައީސް މައުމޫނު ވިދާޅުވީ ސިޔާސީ ވާދަވެރިކަމުގެ ތެރޭގައި އެކި ކަހަލަ ކަންތައްތައް ކުރިޔަށް ދިޔަ ނަމަވެސް ޕީޕީއެމް އޮންނާނީ އެކަތިގަނޑެއްގެ ގޮތުގައެވެ.
އަދި ޕްރައިމަރީގައި ޕީޕީއެމަކީ ކިތަންމެ އާޕާޓީއެއް ކަމަށްވީ ނަމަވެސް ޑިމޮކްރަޓިކް ތަސައްރަފު ފުދިފައިވާ ޕާޓީއެއްކަން ވެސް ދައްކުވައިދޭނެ ކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ.
މައުމޫނު ވިދާޅުވީ ޕީޕީއެމްގެ މެނިފެސްޓޯ އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި ވަރަށް އަވަހަށް މެނިފެސްޓޯ ރައްޔިތުންނައި ހަމައަށް ފޯރުކޮށްދޭނެ ކަމަށެވެ. ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާނެކަން އިއުލާނު ކުރައްވާފައިވާ ދެ ކެންޑިޑޭޓުން ކަމަށްވާ އަބުދުﷲ ޔާމީނާއި އުމަރު ނަސީރު ވެސް ބައިވެރިވެވަޑައިގެންނެވި މިބައްދަލުވުމުގައި މިއަދު ވެސް ރައީސް މައުމޫނު ވިދާޅުވީ އެމަނިކުފާނު ރިޔާސީ ޕްރައިމަރީގައި ވާދަ ކުރެއްވުމައި މެދު އަދި ވަކި ގޮތެއް ނުނިންމަވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ