އިމްރާންގެ ބަންދު އަމުރު އިސްތިއުނާފް ކުރަން ހުށަހެޅި މައްސަލަ ހައި ކޯޓުން ބަލައެއްނުގަތް
އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކުރި އަމުރު އިސްތިއުނާފްކުރަން އިމްރާންގެ ފަރާތުން ހުށަހެޅި މައްސަލަ ބަލައިގަނެވެން ނެތް ކަމަށް ހައި ކޯޓުން ނިންމައިފި އެވެ. އިމްރާންގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން އެ މައްސަލައިގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު އިސްތިއުނާފް ކުރަން ހުށަހެޅި މައްސަލަ ބަލައިގަނެވެން ނެތް ކަމަށް ނިންމީ މިދިޔަ ބުދަ ދުވަހު އެވެ. ހައި ކޯޓުގެ ނިންމުމުގައިވަނީ ޝަރީއަތް ނުވަތަ ތަހުގީގު މަރުހަލާގައި ބަންދާ މެދު ގޮތެއް ނިންމުމަކީ އެ މައްސަލައެއް ބަލާ ފަނޑިޔާރަކަށް ލިބިގެންވާ "ތަޤްދީރީ" ބާރެއް ކަމަށް ހައި ކޯޓުން ކަނޑައަޅާފައިވާ ކަމަށެވެ. އަދި އެ ބާރުގެ ދަށުން ފަނޑިޔާރު ނިންމަވާ ނިންމުންތަކަކީ އިސްތިއުނާފީ ކޯޓަށް ރިވިއު ކުރެވޭނެ ކަންތައްތަކެއް ނޫން ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާކަން ވެސް އެ ނިންމުމުގައި ފާހަގަކޮށްފައިވެ އެވެ. އެހެންވެ އިމްރާން ބަންދުގައި ބަހައްޓަން ނިންމި ނިންމުމަކީ އޭނާގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން އެ މައްސަލަ ބައްލަވާ ފަނޑިޔާރުން ނިންމަވާފައިވާ ނިންމުމެއް ކަމަށްވާތީ އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށް އެންގީ ކަމަށް އެ ނިންމުމުގައިވެ އެވެ. އިމްރާންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކުރަނީ މިދިޔަ މެއި މަހުގެ ފުރަތަމަ ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާގައި ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ. އެ މައްސަލައިގައި އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފައިވާ އިރު އެ މައްސަލަ ކްރިމިނަލް ކޯޓުގައި ބެލި ތިން ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ދެ ފަނޑިޔާރަކު ހައި ކޯޓަށް މިހާރު ވަނީ ބަދަލުކޮށްފަ އެވެ. އެހެންވެ އޭގެ ފަހުން އެ މައްސަލައިގެ ޝަރީއަތެއް ކުރިއަކަށް ނުގެންދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ