ކަރަންޓް ސަބްސިޑީއަށް އަލުން ރަޖިސްޓްރީ ކުރަން ހުޅުވާލަނީ

ކަރަންޓް ސަބްސިޑީއަށް އަލުން ރަޖިސްޓްރީ ކުރަން ހަމަޖައްސައި، އަންނަ މަހުގެ 10 ގައި އެ ފުރުސަތު ހުޅުވާލަން އެންސްޕާއިން ނިންމައިފި އެވެ. އެންސްޕާގެ ސީއީއޯ މުޖުތަބާ ޖަލީލު މިއަދު ނޫސްވެރިންނަށް ވިދާޅުވި ގޮތުގައި ކަރަންޓް ސަބްސިޑީ އަށް އަލުން ރަޖިސްޓަކުރުމުގެ ފުރުސަތު އޮންނާނީ އަންނަ އޭޕްރީލް ނުވަވަނަ ދުވަހުގެ ނިޔަލަށެވެ. މިގޮތަށް ނިންމުމުން، ކަރަންޓް ސަބްސިޑީ މިހާރު ލިބޭ ގޭބިސީތައް ވެސް އަލުން ރަޖިސްޓްރީ ކުރަން ޖެހޭނެ އެވެ. ރަޖިސްޓްރީ ނުކޮށްފިނަމަ އޭޕްރީލް 10 އިން ފެށިގެން އެ ގޭބިސީއަކަށް ކަރަންޓް ސަބްސިޑީ ހުއްޓޭނެ ކަމަށް މުޖުތަބާ ވިދާޅުވި އެވެ. ކަރަންޓް ސަބްސިޑީއަށް އަލުން ރަޖިސްޓްރީ ކުރަން ހުޅުވާލަނީ މުޖުތަބާ ވިދާޅުވި ގޮތުގައި ހައްގުވެރިންނަށް ސަބްސިޑީ ދިނުމުގެ އިތުރުން، މިހާރު ރަޖިސްޓްރީ ނުކޮށް ތިބި ފަރާތްތަކަށް ފުރުސަތު ދިނުމަށެވެ. "މި ރަޖިސްޓްރޭޝަން ހުޅުވާލުމުގެ އެންމެ ބޮޑު މަގުސަދަކީ އޭގައި [ސަބްސިޑީގައި] ނުހިމެނޭ ފަރާތްތައް ހުރުމާއި، ހިމެނިފައިވާ ފަރާތްތަކުގެ ތެރެއިން ވެސް ގިނަ ބަޔަކަށް ލިބެމުން ދަނީ މުއްސަދިންނާއި ފަގީރުން ހަމަހަމަ ގޮތަކަށް ނޫން ކަން އަޅުގަނޑުމެންނަށް ފާހަގަ ކުރެވޭތީ،" އެންސްޕާގައި ބޭއްވި ނިއުސް ކޮންފަރެސްގައި މުޖުތަބާ ވިދާޅުވި އެވެ. މާލޭ ސަރަހައްދުގެ 84 ޕަސެންޓް ގޭބިސީއަށް ކަރަންޓް ސަބްސިޑީ ލިބޭއިރު މުޖުތަބާ ވިދާޅުވި ގޮތުގައި އޭގެ ތެރޭގައި މުއްސަދިން ވެސް ވަރަށް ގިނަ އެވެ. އަދި ރަށްރަށުގައި ވެސް ލިބެން ނުޖެހޭ ފަރާތްތަކަށް ސަބްސިޑީ ލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ. ފެނަކަ ކޯޕަރޭޝަނުން ކަރަންޓް ހިދުމަތް ދޭ ރަށްރަށުގެ ތެރެއިން ސަބްސިޑީ ލިބޭ 11 ޕަސެންޓް މީޓަރަކީ ވިޔަފާރި އަށް ރަޖިސްޓްރީ ކޮށްފައިވާ މީޓަރު ކަމަށާއި އެއީ ސަބްސިޑީ ހައްގުވާ ފަރާތްތަކެއް ނޫން ކަމަށް މުޖުތަބާ ވިދާޅުވި އެވެ. އެހެންވެ އޭޕްރީލުން ފެށިގެން އެ މީޓަރުތަކަށް ސަބްސިޑީ ހުއްޓާލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ