ޔުނައިޓެޑުން ހެދީ ސްކޫލް ކުދިން ހަދާ ކަހަލަ މިސްޓޭކްތަކެއް: މޮއިސް

މިއުނިކް (އެޕްރީލް 10) - ދެ ވަނަ ހާފުގައި ލީޑު ލިބި، ބަޔާން މިއުނިކް އަތުން ބަލިވެ ޗެމްޕިއަންސް ލީގުން ކެޓީ ކުޅުންތެރިންނަށް ހެދުނު "ސްކޫލް ކުދިން ހަދާ ކަހަލަ މިސްޓޭކްތަކެއްގެ" ސަބަބުން ކަމަށް ކޯޗު ޑޭވިޑް މޮއިސް ބުނެފި އެވެ. ބަޔާން ސެމީ އަށް ދަތުރުކުރީ ކުއާޓާ ފައިނަލް ދެ ވަނަ ލެގުގައި ޔުނައިޓެޑް އަތުން ބުދަ ދުވަހުގެ ރޭ 3-1 އިން މޮޅުވެ 4-2 ގެ އެގްރިގޭޓް ނަތީޖާ އިންނެވެ. ޔުނައިޓެޑުން މެޗުގެ ލީޑް ހޯދީ 57 ވަނަ މިނިޓުގައި ޕެޓްރިސް އެވްރާ ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ކަނަށް ވަދެގެންނެވެ. ނަމަވެސް އޭގެ 69 ސިކުންތު ފަހުން ބަޔާންގެ މާރިއޯ މަންޒޫކިޗް ލަނޑެއް ޖަހާ އެއްވަރުކޮށްދިނެވެ. ބަޔާންގެ ފަހު ދެ ލަނޑު ޖެހީ ތޯމަސް މުލާ އާއި އާޔެން ރޮބެން އެވެ. "ކުޅުންތެރިން މިރޭ ވަރަށް މަސައްކަތް ކުރި. އެކަމަކު އަހަރެމެންނަށް ހެދުނު އެންމެ ބޮޑު ގޯހަކީ އެހާ އަވަހަށް އެއްވަރުކުރަން އެ މީހުންނަށް ފުރުސަތު ދެވުން،" މޮއިސް ބުންޏެވެ. "ކުދި ކުދި މިސްޓޭކްތަކަކުން އަހަރެމެންނަށް މި އަގު އަދާކުރަން ޖެހުނީ." މޮއިސް ބުނީ ބަޔާން މާކްކޮށްގެން އުޅެމުން ގޮސް ލީޑު ނެގިތާ އެހާ އަވަހަށް ބައިކޮޅަށް ލަނޑެއް ވަނުމުން މާޔޫސްވި ކަމަށެވެ. "2-1 އިން ބަޔާން ކުރީގައި އޮތް އިރު ވެސް 2-2 އަށް ހަދާލަން ވެސް އަހަރެމެންނަށް ފުރުސަތު ލިބުނު. ފުރަތަމަ ލެގަށް ވުރެ ދެ ވަނަ ލެގުގައި ގިނަ ފުރުސަތު އަހަރެމެން ހޯދިން،" މޮއިސް ބުންޏެވެ. ޔުނައިޓެޑަށް ދެން އޮތީ ޕްރިމިއާ ލީގު ކަމަށްވުމުން މޮއިސް ބުނީ ލީގުގެ މަގާމު ވަރުގަދަ ކުރަން މަސައްކަތް ކުރާނެ ކަމަށެވެ. ލީގު ކަޕާއި އެފްއޭ ކަޕުން ވެސް ޔުނައިޓެޑް ވަނީ ކަޓައިފަ އެވެ. ލީގުގައި އޮތީ ހަތް ވަނައިގަ އެވެ. އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގަ ލިބެން އޮތީ ލީގުގެ ގަދަ ހަތަރަކަށް ވަދެގެންނެވެ. މޮއިސް ބުނީ ފޯވާޑް ވޭން ރޫނީގެ ފައިގެ ބޮޑުވައި އިނގިއްޔަށް ލިބުނު އަނިޔާ މުޅިން ރަނގަޅުނުވާތީ އޭނާ ކުޅެން އެރީ ޕެއިން-ކިލިން އިންޖެކްޝަން ޖަހައިގެން ކަމަށެވެ. އަދި އުއްމީދު ކުރިވަރުގެ ކުޅުމެއް ރޫނީގެ ފަރާތުން ނުފެނުނު ކަމަށް ބުންޏެވެ. އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ މެޗުގެ ގިނަ އިރު ހޭދަވީ ޔުނައިޓެޑުގެ އަށް ކުޅުންތެރިން ޕެނަލްޓީ އޭރިއާ ތެރޭ ބޯޅަ ދިފާއު ކުރުމުގައި ކަމަށްވީތީ މެޗު އުނދަގޫވި ކަމަށެވެ. "އެކަމަކު އަހަރެމެން ކުޅުނީ ކެތްތެރިކަމާ އެކު. އެންމެ ފަހުން، ފަހު ވަގުތު ނަސީބު ލައްވާލީ. އަހަރެމެން މިހާރު މިތިބީ ސެމީގައި،" ބަޔާނަށް މި ސީޒަނުގެ ބުންޑެސްލިގާ ހޯދައިދިން ކޯޗު ބުންޏެވެ. ޗެމްޕިއަންސް ލީގު ފައިނަލް ކުޅޭނީ އަންނަ މަހު 24 ވަނަ ދުވަހު ލިޒްބަންގަ އެވެ. --އޭއެފްޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ