ޕޭޕަރު ކޮޕީކޮށްގެން ފިޔަވަޅު އަޅަން އެންގި ގާޒީ އަށް ވ. ދާއިރާގެ އިސް މެޖިސްޓްރޭޓްކަން ދޭން ނިންމައިފި

ޓެސްޓް ޕޭޕަރު ކޮޕީކުރި މައްސަލައިގައި ގދ. ގައްދޫ ކޯޓުގެ މެޖިސްޓްރޭޓް މުހައްމަދު ރާޣިބް އަހުމަދާ މެދު ފިޔަވަޅު އަޅަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގާފައި ވަނިކޮށް އޭނާ އަށް ވ. އަތޮޅު ޖުޑިޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްކަން ދޭން ނިންމައިފި އެވެ. ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެގޮތަށް ނިންމިއިރު ރާޣިބް މިހާރު ހުންނަވަނީ ވެސް ގދ. ޖުޑިޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓަކަށެވެ. ޖޭއެސްސީން ނިންމާފައިވަނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން އޭނާ އަށް އެ މަގާމު ދިނުމަށެވެ. ޖޭއެސްސީން ބުނީ އެގޮތަށް ނިންމީ އެ މަގާމަށް ބަދަލުވުމަށް އެދި ސުޕްރީމް ކޯޓަށް ރާޣިބް ސިޓީއެއް ފޮނުއްވުމުން އެގޮތަށް ބަދަލުކުރަން ފެންނަ ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާތީ ކަމަށެވެ. އަދި އެކަން ކޮމިޝަނަށް ހުށަހެޅުމުން އެ މަގާމަށް ރާޣިބް ބަދަލުކުރުމަކީ އެންމެ މަސްލަހަތު ރަނގަޅު ގޮތް ކަމަށް އެ ކޮމިޝަނަށް ފެންނާތީ އާއި ވ. އަތޮޅު ދާއިރާގެ އިސް މެޖިސްޓްރޭޓްކަމުގެ މަގާމު ހުސްވެފައި އޮތުމުން ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ. ރާޣިބާ މެދު ފިޔަވަޅު އަޅަން އޭސީސީން ޖޭއެސްސީ އަށް އެންގީ މިދިޔަ މެއި މަހުގެ ތެރޭގަ އެވެ. އޭސީސީން ބުނީ ކުއްލިއްޔާއިން ހިންގި ޑިޕްލޮމާ ކޯހެއްގެ އިމްތިހާނުގައި ރާޣިބް އިންއިރު ޖަވާބު ކަރުދާސް ހިފައިގެން އިން ކަމަށް ރާޣިބް އެއްބަސްވެފައިވާ ކަމަށެވެ. އެހެންކަމުން އެފަދަ ކަމެއް ތަކުރާރު ނުވާނެފަދަ ފިޔަވަޅެއް އޭނާއާ މެދު އަޅައި ދިނުމަށް އޭސީސީން ވަނީ ޖޭއެސްސީ އަށް އަންގައިފަ އެވެ. ރާޣިބަކީ ތަޖުރިބާ ހޯދުމަށްޓަކައި ކުރިން ޖިނާއީ ކޯޓުގައި މަސައްކަތް ކުރައްވާ ބައެއް މައްސަލަތައް އެ ކޯޓުގައި ބެއްލެވި ގާޒީއެކެވެ. އަދި ކުރީގެ ބަންޑާރަ ނައިބު އަބްދުﷲ މުއިއްޒު ގައްދޫ ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ނިންމައި މުއިއްޒު އެ ކޯޓަށް ހާޒިރުވުމަށް އަމުރު ނެރުއްވީ ވެސް ރާޣިބެވެ. ނަމަވެސް އެ އަމުރު ހައި ކޯޓުން ވަނީ ފަހުން ބާތިލްކޮށްފަ އެވެ. ޖޭއެސްސީގެ އެ ނިންމުމާ އެކު ވ. އަތޮޅު ޖުޑިޝަލް ދާއިރާ އަށް އިސް މެޖިސްޓްރޭޓަކު ހޯދުމަށް އެ ކޮމިޝަނުން ކޮށްފައިވާ އިއުލާން ވަނީ ބާތިލްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ