މުޝައްރަފްގެ މައްޗަށް ބަޣާވާތުގެ ޝަރީއަތް ހިންގާނެ ޓްރައިބިއުނަލެއް ހަދަން ކޯޓުން އެއްބަސްވެއްޖެ

އިސްލާމްއާބާދު (ނޮވެމްބަރު 19) - ޕާކިސްތާނުގެ ކުރީގެ ރައީސް ޕަރްވޭޒް މުޝައްރަފްގެ މައްޗަށް، ބަޣާވާތް ކުރުމުގެ ދައުވާ އުފުލައި ޝަރީއަތް ހިންގުމަށް ހާއްސަ ޓްރައިބިއުނަލެއް އުފެއްދުމަށް ސަރުކާރުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ހުށަހެޅުން ކޯޓުން ބަލައިގެންފި އެވެ. ސުޕްރީމް ކޯޓުގެ ތަރުޖަމާނަކު ވިދާޅުވީ ހައި ކޯޓުގެ ތިން ފަނޑިޔާރެއްގެ މައްޗަށް އެކުލެވޭ ބެންޗަކުން މުޝައްރަފްގެ މައްޗަށް ޝަރީއަތް ހިންގައިދިނުމަށް ސަރުކާރުން އެދުމާ ގުޅިގެން އުއްތަމަ ފަނޑިޔާރު އިފްތިޚާރް މުހައްމަދު ޗައުދަރީ މިހާރު ވަނީ ހަތަރު ޕްރޮވިންސްގެ ކޮންމެ ހައި ކޯޓަކުން ސުޕްރީމް ކޯޓަށް ފަނޑިޔާރުންގެ ނަންތައް ފޮނުވައިދިނުމަށް އެދިވަޑައިގެންފައި ކަމަށެވެ. ތަރުޖަމާނު ވިދާޅުވީ ހައި ކޯޓުތަކުން ހުށަހަޅައި ނަންތަކުގެ ތެރެއިން ތިން ނަމެއް ކަނޑައަޅުއްވާނީ އުއްތަމަ ފަނޑިޔާރު ކަމަށެވެ. އަސްކަރިއްޔާގެ ވެރިޔަކަށް ހުންނަވައިގެން ކުރި ބަޣާވާތެއްގައި 1999 ވަނަ އަހަރު ވެރިކަން ހޯއްދެވި މުޝައްރަފްގެ މައްޗަށް ބަޣާވާތުގެ ދައުވާ ކުރަން ގަސްދުކުރާކަން އާ ސަރުކާރު ވެރިކަމާ ހަވާލުވުމާ އެކު ވަނީ ހާމަކޮށްފަ އެވެ. މިހާރު އޮތީ މުޝައްރަފްގެ ބަޣާވާތުގައި ވެރިކަމުން ދުރުކުރި ނަވާޒް ޝަރީފްގެ ސަރުކާރެކެވެ. މުޝައްރަފް 2007 ވަނަ އަހަރު އިމަޖެންސީ ހިންގަވައި، ގާނޫނު އަސާސީ ސަސްޕެންޑް ކުރައްވައި ބައެއް ފަނޑިޔާރުން ގޭގައި ބަންދުކޮށްފައި ވަނީ މުޝައްރަފް ސިފައިންގެ އެންމެ އިސް ޖެނެރަލް ގޮތުގައި ހުންނަވައިގެން ރައީސް ކަމުގެ މަގާމު ނުފުރުއްވޭނެ ކަމަށް ބުނެ ހުށަހެޅި މައްސަލައެއްގައި ސުޕްރީމް ކޯޓުން ހުކުމް ކުރަން ވަގުތު ކުޑަތަން ވެފައި އޮއްވަ އެވެ. ދިރާސާކުރާ ފަރާތްތަކުން ބުނަނީ މުޝައްރަފަށް އަސްކަރިއްޔާގެ ތާއީދު އަދިވެސް އޮތުމާ އެކު، އޭނާގެ މައްޗަށް ކުރާ ދައުވާގެ ސަބަބުން ޕާކިސްތާނުގެ ސިޔާސީ މައިދާން އަނެއްކާވެސް ހަލަބޮލިވެ ނުރައްކާވެގެން ދިއުމުގެ ބިރު އެބަ އޮތް ކަމަށެވެ. --އޭއެފްޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ