ގދ.ގައްދޫއިން ގޯތި ކެނޑުން ލަސްވަމުންދާތީ ރައްޔިތުން އަމިއްލައަށް ނުކުމެ ގޯތި ކަނޑަން ފަށައިފިއެވެ.
ގައްދޫއިން ސީއެންއެމަށް މައުލޫމާތުދިން މީހަކު ބުނީ އިއްޔެ އެރަށު ހިއްކި ސަރަހައްދުން ރައްޔިތުން ނުކުމެ ދިހަ ގޯއްޗެއް ކަނޑާފައިވާ ކަމަށާއި އެގޯތިތައް ރަށުގެ ރައްޔިތުންގެ ތެރެއިން އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ މީހުންނާއި ހަވާލުކޮށްފައިވާ ކަމަށެވެ. އަދި މިއަދު އެގޯތިތައް ސާފުކޮށް އިތުރަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށް އޭނާ ބުންޏެވެ.
މިހަބަރާއި ގުޅޭ ގޮތުން ސީއެންއެމަށް މައުލޫމާތު ދެއްވަމުން ގައްދޫ ކައުންސިލްގެ ރައީސް މުހައްމަދު ރިޟާން ވިދާޅުވީ އިއްޔެ ބަޔަކު ނުކުމެ އެކަހަލަ ކަމެއް ކުރި ކަމަށެވެ.
"ބަޔަކު ގޮސް ސުކޫލު ކައިރީގައި (ހިއްކި ސަރަހައްދުގައި) ދަނޑި ޖަހައިގެން އުޅުނު. އެމީހުން އިހުތިޖާޖު ކުރަމުންދަނީ އަސްލު ގޯތި ދިނުން ލަސްވަމުންދާތީ. އެއީ ދެން އެކަން ކުރެވޭނެ ގޮތެއް ނޫންތާދޯ. އިހުތިޖާޖު ކުރާތީ އެކަން ނުހުއްޓުވާނަން. އެކަމަކު އެގޮތަށް ކުރިއަށްދާ ނަމަ ކައުންސިލްގައި މަޝްވަރާ ކުރުމަށްފަހު ގޮތެއް ނިންމާނަން" ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
އާބާދީގައި 2799 މީހުން ހިމެނޭ ގައްދޫއިން އެންމެ ފަހުން ގޯތި ދޫކޮށްފައިވަނީ 1996 ގައެވެ. އޭގެ ފަހުން އެރަށުން ގޯތި ދޫކޔުރުން ހުއްޓާލާފައިވަނީ ބިން ހުސްވެގެންނެވެ. އޭގެ ފަހުން 2008 ވަނަ އަހަރު އެރަށުން ބިން ހިއްކާ 2010 ވަނަ އަހަރުވަނީ ގޯތި ދޫކުރުމަށް އިއުލާނުކޮށްފައެވެ. 600، އެއްހާ މީހުން ކުރިމަތިލުމުން ގޯތި ދިނުމަށް ޝަރުތު ފުރިހަމަވާ ކަމަށް ނިންމާފައިވަނީ 260 މީހުންނަށެވެ. ނަމަވެސް ބައެއް މައްސަލަތައް ކުރިމަތިވުމާއި ގުޅިގެން އެފަރާތްތަކަށް ވެސް ގޯތި ދޫނުކޮށް ލާފައިވާ ހުރިހާ ފޯމުތައްވަނީ ބާތިލުކޮށްފައެވެ.
"ގޯތީގެ މައްސަލައަކީ ހުރިހާ ރައްޔިތުން ވެސް ކަނބޮޑުވާ މައްސަލައެއް. އެފަހަރު ހުރިހާ ފޯމުތަކެއް ބާތިލު ކުރަން ޖެހުނީ ލޭންޑް އެންޑް ސާވޭ އޮތޯރިޓީން ނަގަން ޖެހޭ ހުއްދަތައް ނުނަގާ އޮތުމާއި ޕޮއިންޓް ދިނުމުގެ އުސޫލުތަކުގައި ހުރި މައްސަލަތަކަކާއި ގުޅިގެން. ކުރިއަސް އޮތް ދެހަފްތާއެއްހާ ދުވަސް ތެރޭގައި އަލުން އިއުލާނު ކުރެވޭނެ ކަމަށް މިބަލަނީ 130 ގޯއްޗަކަށް. ވަގުތު މިނަގަނީ ހުއްދަ އަލުން ނަގަން ޖެހުމާއި ކޮމިޓީއެއް އެކުލަވާލާ މާކްސްދޭނެ އުސޫލެއް ވެސް ކަނޑައަޅަން ޖެހޭތީ" މުހައްމަދު ރިޟާން ވިދާޅުވިއެވެ.
ގައްދޫ ރައްޔިތުން ނުކުމެ އަމިއްލައަށް ގޯތި ކަނޑަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ