އަބުދުﷲ ގާޒީ ހައްޔަރު ކުރި މައްސަލަ ހުޅުމާލޭ ކޯޓުން ބެލޭނެ ކަމަށް ކަނޑައަޅައިފި

ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ސަލާމަތީ ބާރުތަކުން ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރުކުރި މައްސަލަ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ބެލޭނެ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅައި ހުކުމް ކޮށްފިއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހުން އިސްތިއުނާކުރި މިމައްސަލާއާއި ގުޅިގެން މިއަދު ހައިކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހުކުމް އިއްވަމުން ފަނޑިޔާރު ވިދާޅުވީ ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން މީގެ ކުރިން މިފަދަ އެހެން މައްސަލައަކާއި ގުޅިގެން ހުޅުމާލެ ކޯޓަށް ސިޓީއެއް ފޮނުވާފައިވާނެ ކަމަށާއި އަދި ހުޅުމާލެ ކޯޓުން އެމައްސަލަ ކުރިއަށް ގެންގޮސްފައި ޕީޖީ އޮފީހުން ހުށަހެޅި އަބްދުﷲ ގާޒީގެ މައްސަލަ ހުޅުމާލެ ކޯޓުގެ އިހްތިޞާސްގެ ތެރޭގައި ހިމެނޭ ކަމެއްކަމަށެވެ.
ހައިކޯޓުގެ ހުކުމް އިއްވަމުން ފަނޑިޔާރު ވިދާޅުވީ ކޯޓުތަކާ ބެހޭ ގާނޫނުގެ 67 އަދި 69 ވަނަ މާއްދާގެ ދަށުން އަބްދުﷲ ގާޒީގެ މައްސަލަ ބެލުމުގެ އިހްތިޞާސް، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ އިހްތިޞާސްގެ ތެރޭގައި ހިމެނޭނެ ކަމެއްކަމަށެވެ. އަދި ހައިކޯޓުގައި ޕީޖީ އޮފީހުގެ ގާނޫނީ ވަކީލު ހުށަހަޅާފައިވާ ބަޔާނާއި އަދި ދައްކަވާފައިވާ ވާހަކަތަކަށް ބިނާކޮށް މިމައްސަލަ އަކީ ހުޅުމާލެ ކޯޓުގެ އިހްތިޞާސްގެ ތެރޭގައިހިމެނޭ ކަމެއްކަމަށް ވެސް ހުކުމުގައި ބުނެފައިވެއެވެ.
މިދިޔަ އަހަރުގެ ޖުލައި 03 ގައި ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ފުނުވާފައިވާ ސިޓީއަށް ހުޅުމާލެ ކޯޓުން އަމަލު ކޮށްފައިވާ ކަމަށާއި ކުރިން ހުޅުމާލެ ކޯޓަށް ޕީޖީ އޮފީހުން ހުށަހަޅާފައިވާ އަބްދުﷲ ގާޒީއާ ގުޅުންހުރި އެހެން މައްސަލައެއް މިހާރުވެސް ބަލަމުންދާ ކަމަށް ހުކުމުގައި ފާހަގަކޮށްފައިވެއެވެ.
އެމައްސަލައިގެ އަޑުއެހުމެއް 2012 މެއި 27 ވަނަ ދުވަހު ބާއްވާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނާ ކަމަށާއި ނަމަވެސް އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލަ ކޯޓުތަކާބެހޭ ގާނޫނުގެ 66 އަދި 69 ވަނަ މާއްދާގެ ދަށުން ހުޅުމާލެ ކޯޓުގެ އިހްތިޞާސްގެ ތެރޭގައި ނުހިމެނޭ ކަމަށް ބުނެ ހުޅުމާލޭ ކޯޓުގެ އޭރު އިސް މެޖިސްޓްރޭޓް މޫސާ ނަސީމް ފޮނުވާލާފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ހައިކޯޓުގެ ހުކުމުގަވެއެވެ.
ޕީޖީ އޮފީހުން ވަކިވަކި ދައުވާއެއްގެ ގޮތުގައި ހުޅުމާލެ ކޯޓަށް ހުށަހަޅާފައިވާ އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލާގައި ދައުވާކުރުމަށް ފޮނުވާފައިވަނީ ރައީސް ނަޝީދު އާއި ރައީސް ނަޝީދުގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރ ތޮލްހަތު އިބްރާހީމް ކަލޭފާނު އާއި ޗީޕް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލު އާއި އޭރު މާލެ އެރިއާގެ ކޮމާންޑަރަކަށް ހުރި ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަޑް އިބްރާހީމް ދީދީ އާއި ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ