ކަރަންޓް ސަބްސިޑީއަށް ކުރާ ހަރަދުން 20 މިލިއަން ސަލާމަތް ކުރެވިއްޖެ - އެންސްޕާ

ރާއްޖެއަށް ތެޔޮ ގަންނަން ލިބޭ އަގު ހެޔޮވުމާއި ގުޅިގެން ސަރުކާރުން ކަރަންޓް ސަބްސިޑީއަށް ދޫކުރާ ފައިސާއިން މި މަހު ގާތްގަނޑަކަށް 20 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ނޭޝަނަލް ޝޯސަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ބުނެފިއެވެ.
އެންސްޕާގެ ސީއީއޯ މުޖުތަބާ ޖަލީލު ވިދާޅުވީ ކަރަންޓް ސަބްސިޑީ އަށް މިދިޔަ އަހަރު މަހެއްގެ މައްޗަށް އެވްރެޖްކޮށް ސަރުކާރުން 81 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. ނަމަވެސް ކަރަންޓް ސަބްސިޑީއަށް ސަރުކާރުން މީގެ ކުރިން މަހަކަށް ހޭދަކުރި ވަރަށް ވުރެ މިއަހަރު މަހެއްގެ މައްޗަށް ކުރާ ހޭދަ 25 އިންސައްތަ ދަށްވާނެ ކަމަށާއި އެއީ ގާތްގަނޑަކަށް 20 މިލިއަން ރުފިޔާ ކަމަށް ވެސް މުޖުތަބާ ވިދާޅުވިއެވެ.
ކަރަންޓް ސަބްސިޑީ ބޭނުންވާ ފަރާތްތަކުން އަލުން ރަޖިސްޓްރީވުމަށް އެންސްޕާ އިން މިހާރު ނިންމާފައިވާ ކަމަަށް ވެސް މުޖުތަބާ ވިދާޅުވިއެވެ.
އެ ފުރުސަތު އަންނަ މަހުގެ 10 ވަނަ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ ނުވަވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މުޖުތަބާ ވިދާޅުވީ އަލުން ރަޖިސްޓްރީވުމަށް އެންސްޕާ އިން ހުޅުވާލައި އެކަމުގައި އާ އުސޫލުތަކެއް އެކުލަވާލުމުން ކަރަންޓް ސަބްސިޑީއަށް މިހާރު ކުރާ ހޭދައިން ބޮޑު އެއްޗެއް ސަލާމަތް ކުރެވޭނެ ކަމަށެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވެއްޓުމާއި ގުޅިގެން ރާއްޖޭގައި މިހާރު ޕެޓްރޯލާއި ޑީސަލް ލީޓަރެއް  ވިއްކަނީ 10ރ. އަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ