ނާޒިމް އަށް އިންޒާރު ދިންކަމަށް ބުނާ ވާހަކަ އުމަރު ދޮގުކުރައްވައިފި

ކުރީގެ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމްގެ ގެއަށް ފުލުހުން ވަދެ އެގެ ބަލައި ފާސްކުރުމުގެ ދެމަސްކުރިން ޓްއަރިޒަމް މިނިސްޓަރ އަހްމަދު އަދީބް އާއި ހޯމް މިނިސްޓަރ އުމަރު ނަސީރު އާއި ނާޒިމް ކުރެއްވި ކޮންފަރެންސް ކޯލެއްގައި ނާޒިމް އަށް އިންޒާރު ދީފައިވާ ކަމަށް ބުނާ ވާހަކަ ހޯމް މިނިސްޓަރ އުމަރު ނަސީރު ދޮގު ކުރައްވައިފި އެވެ.
އުމަރު ނަސީރު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނާޒިމް އަށް އެއްވެސް ބިރެއް ދައްކައި އެއްވެސް އިންޒާރެއް ދީފައި ނުވާނެ ކަމަށެވެ. އަދި (ނާޒިމް އަށް އިންޒާރު ދިނުމާއި ބެހޭ ގޮތުން) ވީނިއުސްއިން ގެނެސްދިން ޚަބަރުގައި ވަނީ މައުލޫމާތު އޮޅުވާލާފައި ކަމަށް ވެސް ހޯމް މިނިސްޓަރ ޓްވީޓް ވިދާޅުވެފައި ވެއެވެ.
ކުރީގެ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމްގެ މައްޗަށް ދައުލަތުން ކުރާ ނުރައްކާތެރި ހަތިޔާރު ރާއްޖެ އެތެރެކޮށް ގެންގުޅުމުގެ ދައުވާގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުމުގައި ނާޒިމްގެ ޤާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވީ، ނާޒިމްގެ ގެއިން ހަތިޔާރު ފެނުމުގެ ކުރިން، ޓުއަރިޒަމް މިނިސްޓަރ އަހްމަދު އަދީބު ވަނީ، ހޯމް މިނިސްޓަރ އުމަރު ނަސީރާއި ނާޒިމްއާއި އެކު ކޮންފެރެންސް ކޯލެއްގައި ނާޒިމްއަށް “ހޭ އަރުވާލާނެ” ކަމަށް ދޭހަވާ ގޮތަކަށް އިންޒާރު ދެއްވާފައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ