އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމަށް ކުރިމަތިލެއްވުމަށް ނިންމެވީ މެންބަރުންގެ ފުރިހަމަ ތާއީދު ލިބިވަޑައިގަންނަވާނެކަން ޔަގީންކުރެއްވޭތީ ކަމަށާ، ނަން އަނބުރާ ނުގެންދަވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނުގެ އަމިއްލަފުޅު ރިސޯޓް، ޕެރަޑައިސް އައިލެންޑްގައި ސަތާރަވަނަ މަޖިލީހުގެ މެންބަރުންނަށް މިރޭ ދެއްވި ފަރިއްކޮޅުގައި ވާހަކަފުޅު ދައްކަވަމުން ގާސިމް އިބްރާހިމް ވިދާޅުވީ މަޖިލީހުގެ ރައީސްކަމުގެ މަގާމަށް އެމަނިކުފާނު ކުރިމަތިލެއްވުމުން ބައެއް ފަރާތްތަކުން އެމަނިކުފާނުގެ ނަން ނަގަން ޖެހޭނެ ކަމަށް ވިދާޅުވަމުން ގެންދަވާ ކަމަށެވެ.
ގާސިމް ވިދާޅުވީ މަޖިލީހުގެ ރައީސްކަމަށް ކުރިމަތިލެއްވުމަކީ ކޮންމެ މެންބަރަކަށް ވެސް އޮތް ގާނޫނީ ހައްގެއް ކަމަށާއި އެހެންވީމަ ވަކި ބޭފުޅަކު ނިކުންނަވާ ނަން ނެންގެވުމަށް ގޮވާލެއްވުމަކީ ވަރަށް ހައިރާންވާން ޖެހޭ އަދި ގަބޫލްފުޅު ނުކުރެއްވޭ ވާހަކައެއް ކަމަށެެވެ.
މަޖިލީހުގެ ރައީސްކަމަށް ބޭފުޅަކު ހަމަޖެއްސުމަށް ސަރުކާރު ކޯލިޝަން ތެރޭގައި މަޝްވަރާ ކުރެވިފައި ނުވާ ކަމަށާއި ޖުމްހޫރީ ޕާޓީއާއެކު އެތައް ފަހަރަކު މަޝްވަރާކޮށްފައިވާ ކަމަށް ބުނެ ކޯލިޝަންގެ މައި ޕާޓީން ދައްކަމުންދަނީ ތެދު ވާހަކަތަކެއް ނޫން ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. އަދި މަޖިލީހުގެ ރައީސްކަމުގެ މަގާމު ވަކި ޕާޓީއެއްގެ މެންބަރަކަށް ދިނުމަށް ކޯލިޝަން ތެރޭގައި އެއްބަސްވެވިފައި ނުވާ ކަމަށާއި މިކަމަކީ މަޝްވަރާކޮށްގެން ހައްލު ހޯދޭނެ ކަމެއް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި ޚުދުމުހުތާރު ވެރިކަމަކަށް ޖާގަ ނުދެއްވާނެ ކަމަށާއި، އެފަދަ ވެރިކަމަކާއި ދިމާއަށް ދާނަމަ އެކަމާ ދެކޮޅަށް ތެދުވާ ފުރަތަމަ ރައްޔިތަކަށް އަބަދުވެސް އެމަނިކުފާނު ވާނެ ކަމަށެވެ. ރާއްޖޭގައި ދުސްތޫރީ ވެރިކަމެއް ގާއިމްކޮށް، ގާނޫނީ އިމުގެ ތެރެއިން ރައްޔިތުންނަށް ހޯދައިދޭންޖެހޭ ހުރިހާ ހައްގުތަކެއް ހޯދައިދިނުމަށް ޖުމްހުރީ ޕާޓީ އޮތީ ތައްޔާރަށް ކަމަށް ވެސް ވިދާޅުވި އެވެ.
"މަޖިލީހުގެ ރައީސްކަމަށް އަޅުގަނޑު ކުރިމަތިލެއްވީ މަޖިލީހުގެ މަސައްކަތްތައް އަވަސްކޮށް، ގާނޫންތައް ފުރިހަމަކުރުމަށް. އެގޮތުން މިހާރުން މިހާރަށް ގާނޫންތަކަށް ގެންނަންޖެހޭ އިސްލާހުތަކާއި، ގާނޫންތައް ފުރިހަމަކުރުމަށް ކުރަންޖެހޭ ކަންކަން އަޅުގަނޑު ކުރާނަން. އިރާދަކުރެއްވިއްޔާ ދޮޅު އަހަރު ތެރޭ އެމަސައްކަތް ނިންމާލެވޭނެ،" ގާސިމް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މަޖިލީހުގެ ރައީސްކަމަށް ކުރިމަތިލެއްވީ އެ މަގާމަށް އިންތިހާބުވާނެ ކަމުގެ ޔަގީންކަން ވަރަށް ބޮޑަށް އޮތުމުން ކަމަށާއި މެންބަރުންނާއި މެދު ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި ވަކި ބަޔަކަށް ވަކި ކުލަޔަކަށް ތަފާތު ކުުރުމެއް ނެތި ހުރިހާ މެންބަރުންނާއި ގުޅިގެން ރައްޔިތުންގެ ހައްގުގައި މަަސައްކަތް ކުރައްވާނެ ކަމަށް ވެސް ގާސިމް އިބްރާހިމް ވިދާޅުވި އެވެ.
މީގެ އިތުރުން ގާސިމް ވިދާޅުވީ ޕާޓީތަކުގެ މެދުގައި ވެފައިވާ އެއްބަސްވުމާއި ޖުމްހޫރީ ޕާޓީން ވެސް އަދި އެމަނިކުފާނު ވެސް ޚިލާފްވެފައި ނުވާނެ ކަމަށެވެ. އެހެން ނަމަވެސް ޕީޕީއެމުން ޢަމަލުކުރަމުން ގެންދަނީ އެެއްބަސްވުމާއި އެއްގޮތަށްތޯ ސުވާލް އުފެދޭ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
މިރޭވެސް ގާސިމް ވިދާޅުވީ މަޖިލީހުގެ ރައީސްކަމަށް އެމަނިކުފާނު ކުރިމަތިލެއްވުމަކީ އަދި މަޖިލީހުގެ ރައީސްކަމަށް ކޮންމެ ބޭފުޅަކު އިންތިހާބުވެގެން ދިޔައަސް އެކަމަކީ ކޯލިޝަން ރޫޅެންޖެހޭ ސަބަބެއް ނޫން ކަމަށެވެ. މިރޭގެ ފަރިއްކޮޅުގައި 17 ވަނަ ދައުރުގެ ގިނަ މެންބަރުންނާއި، 18 ވަނަ ދައުރަށް ހޮވިވަޑައިގަތް ބައެއް މެންބަރުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
ގާސިމް ވަނީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކޮށްދެއްވި އިޚްލާސްތެރި މަސައްކަތްޕުޅަށް ފާހަގަކުރައްވާ އެ ހުރިހާ މެންބަރުންނަށް ޝުކުރު އަދާކުރައްވާފަ އެވެ.
ނަން އަނބުރާ ނުގެންދަވާނެ ކަމަށް ގާސިމް ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ