ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އަބްދުﷲ ދީދީ އާއި ޝުޖާއު އައްޔަންކޮށްފި

ހައި ކޯޓުން ހުސްވެފައިވާ ފަނޑިޔާރުކަމުގެ ދެ މަގާމަށް ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުﷲ ދީދީ އާއި އެ ކޯޓުގެ ގާޒީ ޝުޖާއު އުސްމާނު މިއަދު އައްޔަންކޮށްފި އެވެ. ކުއްލި ގޮތަކަށް އެ ދެ ބޭފުޅުން މިއަދު ހައި ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރީ ހައި ކޯޓަށް ފަނޑިޔާރުން ނެގުމާ ބެހޭ ގޮތުން ޖުޑިޝަލް ސާވިސް ކޮމިޝަން )ޖޭއެސްސީ( އިން އެކުލަވާލި އުސޫލަކީ ރަނގަޅު އުސޫލެއް ކަމަށް މިދިޔަ މަހުގެ ފަހުކޮޅު ސުޕްރީމް ކޯޓުން ހުކުމްކޮށްފައި ވަނިކޮށެވެ. އޭގެ ކުރިން އެ އުސޫލު ބާތިލްކޮށް، ހައި ކޯޓުން ހުކުމް ކުރުމުން އެ މަސައްކަތް އޭރު އޮތީ ހުއްޓިފަ އެވެ. މިއަދު އައްޔަންކުރި އަބްދުﷲ ދީދީ އާއި ޝުޖާއު އުސްމާނަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލަ އާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ދެ ބޭފުޅުންނެވެ. އަދި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާންގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ މައްސަލަ ބަލާ ތިން ފަނޑިޔާރުންގެ ތެރޭގައި ވެސް އެ ދެ ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ. ހައި ކޯޓަށް ފަނޑިޔާރުން ހޯދަން އިއުލާން ކުރުމުން އޭރު ނުވަ ބޭފުޅަކު ވަނީ އެކަމަށް ކުރިމަތިލައްވައިފަ އެވެ. އޭގެ ތެރޭގައި ގިނައީ ކްރިމިނަލް ކޯޓާއި ސިވިލް ކޯޓާއި ފެމިލީ ކޯޓުގެ ގާޒީންނެވެ. ނުވަ ފަނޑިޔާރުން ތިބެންޖެހޭ ހައި ކޯޓަށް ފަނޑިޔާރުން ހޯދަން އިއުލާންކުރީ އެ ކޯޓުގެ އިސް ފަނޑިޔާރަކަށް ހުންނެވި އަހުމަދު ޝަރީފްގެ އަލީގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވެ، އޭނާ ޖުވެނައިލް ކޯޓަށް ބަދަލު ކުރުމުންނާއި އެ ކޯޓުގެ ފަނޑިޔާރު ޔޫސުފް ހުސައިން އަމިއްލަފުޅަށް ފަނޑިޔާރުކަމުން ރިޓަޔާކުރެއްވުމުންނެވެ. އަބްދުﷲ ދީދީ އާއި ޝުޖާއު އުސްމާން އައްޔަންކުރުމުން ހައި ކޯޓުގެ ބެންޗަށް ފަނޑިޔާރުން ހަމަވީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ