މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ދޭ އިނާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ރާއްޖެ އާއި ރާއްޖެއިން ބޭރުން މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްޖޫރިއްޔާ ދެއްވާ ހާއްސަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ. ރައީސް އޮފީހުން ބުނީ މި އިނާމު ދިނުމުގެ މަގުސަދަކީ ރާއްޖެއަށް ރީތި ނަން ހޯދައިދޭ ފަރާތްތަކުގެ ކާމިޔާބީ އާއި ހިތްވަރާއި ހުނަރުން މަތީ ވަނަތައް ހޯދާ ފަރާތްތަކުގެ ކާމިޔާބީ އިހްތިފާލު ކުރުމާއި މިފަދަ ކާމިޔާބީތައް ހޯދުމަށް ހިތްވަރު ދިނުމާއި ރާއްޖެއަށް ބޭނުންވާ ދާއިރާތަކަށް ދިވެހިންގެ އުފެއްދުންތެރިކަމާއި މަސައްކަތްތެރިކަން މިސްރާބު ކުރުން ކަމަށެވެ. މި އިނާމު ދިނުމަށް ހަމަޖައްސާފައި ވަނީ ފަސް ދާއިރާއެއްގެ މައްޗަށް ބިނާކޮށެވެ. އޭގެ ތެރޭގައި ހިމެނެނީ މަތީ ތައުލީމު ތަމްރީނުގެ ކޯހަކުން އެންމެ މަތީ ވަނަ ހޯދުމާއި ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ އެންމެ މަތީ ލެވެލްގެ ސަނަދެއް ހާސިލް ކުރުމާއި ބައިނަލްއަގުވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މިނޫންވެސް ބައިނަލްއަގުވާމީ ފެންވަރުގެ އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯދުމާއި މަސައްކަތްތެރިކަމާއި އުފެއްދުންތެރި ކަމުގެ ރޮނގުން އާދަޔާ ޚިލާފު ކާމިޔާބީއެއް ހާސިލް ކުރުމެވެ. މީގެ އިތުރުން ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއް ކުރުން ނުވަތަ އެއްޗެއް އުފެއްދުން ވެސް ހިމެނެ އެވެ. މި ކަމަށްޓަކައި ރައީސުލް ޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ އިނާމާ ބެހޭ ކޮމިޓީން މިއަދު އެ އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސްގައި ކޮމިޓީގެ މެންބަރު ޑރ. އަހުމަދު އަންވަރު މިއަދު ވިދާޅުވީ މި ގިންތިތަކުގެ ތެރެއިން ފަސް ވަނަ ގިންތި އަށް އިނާމު ދޭން ފަށާނީ އަންނަ އަހަރުން ފެށިގެން ކަމަށެވެ. ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ޑރ. ހަސަން ހަމީދު ވިދާޅުވީ މިއީ އުފެއްދުންތެރިކަމާއި ތަފާތު އެކި މަސައްކަތްތަކަށް ހާއްސަކޮށްފައިވާ ދާއިރާއަކަށްވުމުން މި އަހަރުގެ ތެރޭގައި އެ ދާއިރާއެއް ނުވަތަ މަސައްކަތެއް ކަނޑައަޅައިފި ނަމަ އިނާމަށް ކުރިމަތިލުމަށް އުނދަގޫތަކެއް ކުރިމަތިވެދާނެ ކަމަށެވެ. "މިސާލަކަށް ހަމަޖެއްސިދާނެ ފުރަތަމަ 200 ކިލޯ ބޮޑެތި ކެޕްސިކަމް ކަހަލަ އެއްޗެއް ހައްދާ ފަރާތަކަށް އިނާމެއް ދޭ ގޮތަށް. ނޫނީ ސްކޫލުތަކުގެ މެދުގައި މަސްވެރިކަމުގެ މުބާރާތެއް ބާއްވައިގެން ސްކޫލަކަށް ދޭ ގޮތަށް ހަމަޖައްސަފާނެ،" ޑރ. ހަސަން ހަމީދު ވިދާޅުވި އެވެ. ރައީސް އޮފީހުން ކުރިން ވަނީ ރާއްޖެ އަށް ރީތި ނަން ހޯދައިދޭ ފަރާތްތަކަށް ހާއްސަ އިނާމެއް ދެއްވައިފަ އެވެ. ނަމަވެސް މި އިނާމު އެންމެ ފަހުން ދީފައި ވަނީ 2007 ވަނަ އަހަރެވެ. ރައީސް އޮފީހުން ބުނީ ހަތަރު އަހަރުގެ މެދުކެނޑުމަކަށް ފަހު އަލުން އިނާމު ދިނުމާ ބެހޭ ގޮތުން ކެބިނެޓުން މަޝްވަރާކުރީ ވެސް އެ އިނާމު ގަވާއިދު ނުދޭތީ ގިނަ ފަރާތްތަކެއްގެ ޝަކުވާތައް ލިބެމުންދާތީ ކަމަށެވެ. އަދި 2007 އިން ފެށިގެން ގްރެޖުއޭޓްވެފައިވާ ފަރާތްތަކަށް ވެސް މި އިނާމަށް ކުރިމަތިލުމުގެ ފުރުސަތު އެބަ އޮތް ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. މި އިނާމަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވާނީ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހާ ހަމައަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ