ތައުލީމުގެ އެންމެ ބޮޑު ބިނާއަކަށް ކުއްލިއްޔާ ހަދާނަން: ގާސިމް

ރާއްޖޭގެ އިސްލާމީ ތައުލީމުގެ އެންމެ ބޮޑު ބިނާއަކަށް ކުއްލިޔަތުއް ދިރާސާތުލް އިސްލާމިއްޔާ ހައްދަވައިދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ކުއްލިޔަތުއް ދިރާސާތުލް އިސްލާމިއްޔާގެ އިސްވެރިންނާއި މުވައްޒިފުންނާއި ދަރިވަރުންނާއި ރޭ ބައްދަލްކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ކުއްލިއްޔާގައި ރޭ ބޭއްވި މި ބައްދަލު ކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ކުއްލިއްޔާއަށް މިއަދު ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަން ކުއްލިއްޔާގެ ވެރިންނާއި ދަރިވަރުންގެ ވާހަކަތަކުން ސާފުވެފައިވާ ކަމަށާއި، ކުއްލިއްޔާއަށް ދިމާވެފައި ހުރި މައްސަލަތައް ހައްލުނުވެ ދިގުލައިގެން ދިއުމަކީ އެއްގޮތަކަށް ވެސް އެމަނިކުފާނު ގަބޫލުކުރައްވާނެ ކަމެއް ނޫން ކަމަށެވެ.
ގާސިމް ވިދާޅުވީ އެހާބޮޑެތި ގޮންޖެހުންތަކަކާއެކު ވެސް އިސްލާމީ ތައުލީމުގެ އެންމެ ބޮޑު މުއައްސަސާ މިއަދާހަމަށް ގެނެސްދެއްވުމަށް އެތަނުގެ އިސްވެރިންނާއި ދަރިވަރުންކޮށްފައިވާ އަގުހުރި މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
ގާސިމް ވިދާޅުވީ ޖުމްހޫރީ ގުޅުމުގެ ވެރިކަމެއްގައި ކުއްލިޔާއަށް ދިމާވެފައިވާ ހުރިހާ ދަތިތަކަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމަށާ ކުއްލިޔާއަކީ ރާއްޖޭގައި އުފެދޭ އެންމެ ފުރަތަމަ އިސްލާމިކް ޔުނިވަސިޓީއަށް ހައްދަވައި ދެއްވާނެ ކަމަށެވެ.
ކުއްލިޔާއަށް މިއަދު ޓީޗަރުންނާއި ވަސީލަތުގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށާ އެކަމަށް އަމިއްލަފުޅު ހަރަދުގައި ވެސް ކޮށްދެއްވޭނެކަންކަން ކޮށްދެއްވާނެ ކަމަށާ އަދި އެމަނިކުފާނުގެ ސަރުކާރެއްގައި އެކަންކަމަށް ހާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށެވެ. އަދި މިއަދު ކުއްލިޔާގައި 1400 ކުދިން ކިޔެވި ނަމަވެސް މާދަމާ އެ މުއައްސަސާއަކީ އެތައްހާސް ދަރިވަރަކު ކިޔަވަމުންދާ އެންމެ ބޮޑު ތައުލީމީ މުއައްސަސާއަށް ހެއްދުވެމަކީ އެމަނިކުފާނުގެ އެންމެ ބޮޑު އުއްމީދު ކަމަށްވެސް ވިދާޅުވި އެވެ.
މީގެ އިތުރުން ގާސިމް ވިދާޅުވީ ކުއްލިޔާއާއި ޖެހިގެން އޮތް ބިން އެންމެ ހެޔޮގޮތުގައި ބޭނުންކުރެވެމުން ނުދާތީ ދަރިވަރުން ކަންބޮޑުވާ ކަމަށާ ޖުމްހޫރީ ގުޅުމުގެ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން އެބިމަކީ ކުއްލިޔާގެ ދަރިވަރުން ބޭނުންވާފަދަ ބިމަކަށް ހައްދަވައިދެއްވާނެ ކަމަށެވެ.
ގާސިމް އިބްރާހީމް އިތުރަށް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ރާއްޖޭގެ ހުރިހާ ސުކޫލުގައި އިސްލާމް އަދި ދިވެހި މާއްދާ އަދި ގުރުއާން މަޖުބޫރު މާއްދާއަކަށް ހަދާނެ ކަމަށް ވައުދުވެފައިވާތީ ސުކޫލުތަކަށް ބޭނުންވާ އިސްލާމް އަދި ގުރުއާން ޓީޗަރުން ބިނާކުރުމަށްޓަކައި ކުއްލިއްޔާއާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކުއްލިއްޔާގެ ރެކްޓަ ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ ވިދާޅުވީ ގާސިމްގެ އިސްނެންގެވުމަށް ކުއްލިޔާގެ މުވައްޒިފުންނާއި ދަރިވަރުންނާއި ބައްދަލުކުރެއްވީތީ ވަރަށް އުފާކޮށް ޝުކުރުދަންނަވާ ކަމަށެވެ. އަދި ރިޔާސީ ރޭހަށް ނިކުންނަވާފައި ތިއްބެވި ބޭފުޅުންގެ ތެރެއިން ކުއްލިޔާއަށް ގާސިމް ދެއްވާ ހާއްސަ ސަމާލުކަން ފާހަގަކުރައްވާ އެމަނިކުފާނުގެ ރިޔާސީ މެނިފެސްޓޯގައި ކުއްލިޔާއަށް ހާއްސަ ސަމާލުކަމެއް ދެއްވާފައިވާތީ އެކަމަށް ޝުކުރު އަދާކުރައްވާ ކަމަށްވެސް ޒަކަރިއްޔާ ވިދާޅުވި އެވެ.
"ގާސިމްގެ މިފަދަ ކަންކަމުގެ ސަބަބުން މަތީ ތައުލީމާއި އިސްލާމީ ތައުލީމަށް އެމަނިކުފާނު ދެއްވާ އަހަންމިއްޔަތު އަޅުގަނޑުމެންނަށް މި ފާހަގަވަނީ. އެކަމަށްޓަކައި އަޅުގަނޑުމެން އަބަދުވެސް ގާސިމް އިބްރާހީމަށް ޝުކުރު ދަންނަވަން" ޒަކަރިއްޔާ ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި ދަރިވަރުންގެ ހިތްތަކުގައި އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ދެއްވާ ޖުމްހޫރީ ގުޅުމުގެ ވެރިކަމެއްގައި ކުއްލިއްޔާ ތަރައްގީކުރުމަށް އެމަނިކުފާނު ގެންގުޅުއްވާ ތަސައްވުރު ގާސިމް އިބްރާހީމް ވަނީ ދަރިވަރުންނާއި ތަނުގެ ވެރިންނާ ހިއްސާކުރައްވާފަ އެވެ. އަދި މިބައްދަލުވުމުގައި ކުއްލިއްޔާގެ ކުރިމަގާއި ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ހާއްސަ ޕްރެޒެންޓޭޝަނެއްވެސް ވަނީ ހުށައަޅާދީފަ އެވެ.
މި ބައްދަލުވުމުގައި ގާސިމްގެ އަރިހުގައި ރަނިންމޭޓް ޑރ. ހަސަން ސައީދާއި، ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރ އިލްހާމް އަހްމަދާއި، ކެންޕޭން މެނޭޖަރު މުހައްމަދު ސައީދާއި، ގާސިމްގެ ތަރުޖަމާން އިބްރާހިމް ހަލީލްގެ އިތުރުން ކުއްލިއްޔާގެ އިސްވެރިންނާއި މުވައްޒިފުންނާއި، ދަރިވަރުން ވަނީ ބައިވެރިވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ