ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ޔާމީން އަބްދުލްގައްޔޫމް އާއިބެހޭގޮތުން ޕްރައިމަރީގައި ޔާމީން އާއި ވާދަކުރެއްވި ކެނޑިޑޭޓް އުމަރު ނަސީރު ދެއްކިވާހަކަފުޅުތައް ޔާމީން އަބްދުލްގައްޔޫމް ދޮގުކުރައްވައިފިއެވެ.
ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީ ނިމުމަށްފަހު އަލިމަސްއުފާ ކާނިވާ ސަރަހައްދުގައި ރޭ ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ޔާމީން ވިދާޅުވީ އެމަނިކުފާނަކީ ގޭންގުތައް ގެންގުޅޭ މީހެއް ނޫންކަމަށާއި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހެއްވެސް ނޫން ކަމަށެވެ. އަދި މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު އަލްމަރްހޫމް ޑރ.އަފުރާޝީމް އަލީގެ މަރާ ކުޑަ ގޮތަކަށް ވެސް ގުޅުމެއް އޮތްމީހެއްވެސް ނޫންކަމަށްވެސް ޔާމީން ވިދާޅުވިއެވެ.
"އަޅުގަނޑަކީ މުއްސަންޖެއް ނޫން. އަޅުގަނޑަކީ ބޭރުގައި ފުލެޓް ހުރި މީހެއް ނޫން. އަޅުގަނޑަކީ ގޭންގުތައް ގެންގުޅޭ މީހެއް ނޫން. އަޅުގަނޑަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހެއް ނޫން. އަޅުގަނޑަކީ އަފުރާޝީމްގެ މަރާ ކުޑަ ގޮތަކަށް ވެސް ގާތް ގުޅުމެއް އޮތް މީހެއް ނޫން،" އުމަރު ނަސީރު މިހަފްތާގެ ހޯމަ ދުވަހުގެ ރޭ ޔާމީންއަށް މުހާތަބުކޮށް ދެއްކި ވާހަކަފުޅާ ގުޅިގެން ޔާމީން ވިދާޅުވި އެވެ.
މީގެ އިތުރުން ޔާމީން ވިދާޅުވީ ޕާޓީގެ މަސްލަހަތު ހިފެހެއްޓުމަށްޓަކައި ކުރެވެންހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށާއި އުމަރު ނަސީރުވެސް ޔާމީން އާއެކު ވަޑައިގެންނެވުމަށް ދެންނެވިއެވެ. އަދި ވިދާޅުވީ އެވިދާޅުވާ ކަންކަން އެމަނިކުފާނުގެ ކިބައިގާހުރިނަމަ މިފަދަ މަގާމަކަށް ކުރިމަތިވެސް ނުލައްވާނެކަމަށެވެ. އަދި ސާބިތު ނުކުރެވޭ ވަރަށް ގިނަ ހަމަލާތައް އެތެރެއިންނާއި ބޭރުން އަންނާނެ ކަން އެނގިވަޑައިގަންނަވާ ކަމަށާއި އެކަންކަމަށް ކުރިމަތިލުމަށް ސާބިތުކަމާއެކު ތައްޔާރަށް ހުންނެވި ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.
މީގެއިތުރުން ޔާމީން ވިދާޅުވީ ޕީޕީއެމްއަކީ ރާއްޖޭގައި އޮތް އެންމެ "ސައްހަ މެމްބަރުން" ގިނަ ޕާޓީ ކަމަށާއި އެޕާޓީއަކީ ވަރުގަދަ ޕާޓީއެއްކަމަށެެވެ. އެހެންކަމުން ރައްޔިތުންގެ އުއްމީދުތައް ހަގީގަތަކަށް ހަދާދިނުމަށްޓަކައި ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށާއި އެމަނިކުފާނަށް އިތުބާރު ކުރައްވާ އެމަނިކުފާނާއެކު ރިޔާސީ އިންތިހާބު ޕީޕީއެމްއަށް ކާމިޔާބު ކުރެއްވުމަށް އެންމެހާ މެމްބަރުންގެ އަރިހުން އެދިވަޑައިގަންނަވާ ކަމަށެވެ.
ރާއްޖޭގައި ޒުވާން އާބާދީ އިތުރުވަމުން އަންނަކަމަށާއި އެޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ހޯދާދިނުމާއި އިގްތިޞާދީގޮތުން ރާއްޖެ ހަމަމަގަށް އެޅުވުމަށް ޓަކައި ވަރަށް ގިނަކަންކަން ކުރަން އެބަހުރިކަމަށްވެސް ޔާމީން ވިދާޅުވިއެވެ. އެގޮތުން ޔާމީން ޕްރައިމަރީގައި އާއްމުކޮށް ބޭނުންކޮށްފައިވާ ތެލުގެ ވިޔާފާރިއާއި ގުޅުންހުރި ކަންތައްތަކަށްވެސް އަލިއަޅުއްވާލެއްވިއެވެ. ރާއްޖޭގެ އިޖުތިމާއީ ފޭރާން ވަރަށް ވަރަށްބޮޑަށް ބަލިކަށިވެފައިވާ ކަމަށާއި ރާއްޖޭގެ އިޖުތިމާއީ ފޭރާން ރަނގަޅުކުރައްވާނެ ކަމަށްވެސް ޔާމީން ވިދާޅުވިއެވެ. އަދި އެގޮތުން ޒުވާނުންނާއި މުސްކުޅިންނާއި އަންހެނުންނަށްޓަކައި ހާއްސަގޮތެއްގައި މަސައްކަތްތަކެއް ކުރައްވާނެ ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ ރިޔާސީ އިންތިހާބު އަންނަންވާއިރަށް ޕީޕީއެމްގެ މެމްބަރުންގެ އަދަދު އެއްލައްކައަށް އެރުވުމަށްޓަކައި ވަރަށްބޮޑަށް މަސައްކަތް ކުރައްވާނެ ކަމަށާއި އަދި ޕާޓީގެ އާއްމު މެމްބަރުންވެސް ޕާޓީއަށް އިތުރު މެމްބަރުން ވެއްދުމަށް މަސައްކަތްކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ.
ޔާމީންއާ ގުޅޭގޮތުން އުމަރު ދެއްކި ވާހަކަތައް ޔާމީން ދޮގުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ