އިންޑިޔާގެ ޖީއެމްއާރަށް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ކުއްޔަށް ދިނުމަށް އެކުންފުންޏާއެކު ސޮއިކޮށްފައިވާ އެއްބަސްވުން ދިވެހި ސަރުކާރުން ބާތިލްކުރުމާއި ގުޅިގެން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 1.4 ބިލިއަން ޑޮލަރު ހޯދަން ޖީއެމްއާރުން ހުށަހަޅައިފިއެވެ. 
އިންޑިޔާގެ އޮންލައިން ނޫސް ތަކުގައި ބުނެފައިވަނީ ޖީއެމްއާރުން ބަދަލުގެ ގޮތުގައި ނަގަން ހުށަހަޅާފައިވާ އަދަދު ހިސާބުކޮށްފައިވަނީ ޖީއެމްއާރުން އެއާޕޯޓު ހިންގައިގެން ލިބޭނެ ކަމަށް ލަފާކޮށްފައިވާ ފައިދާގެ ތެރެއިން އެއްބަސްވުން ބާތިލުކުރުމުން ލިބުނު ގެއްލުމާއި ސަބް ކޮންޓްރެކްޓަރުންނަށް ދޭން ޖެހޭ ފައިސާވެސް ހިމަނައިގެން ކަމަށެވެ. 
ޖީއެމްއާރުން ގެއްލުމުގެ ބަދަލު ހޯދުމަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާ ދިވެހި ސަރުކާރުގެ އަތުންވެސް ބަދަލު ހޯދުމަށް ވަނީ ހުށަހަޅާފައެވެ. 
ޖީއެމްއާރުން ގެއްލުމުގެ ބަދަލުގެ ހޯދުމަށް ހުށަހަޅާފައިވީ ނަމަވެސް އާބިޓްރޭޝަނުގެ އަޑުއެހުންތައް ފެށޭނީ އަންނަ އަހަރުގެ މާޗު މަހުގެ ތެރޭގައި ކަމަށްވެސް އިންޑިޔާގެ ނޫސް ތަކުގައި ވަނީ ބުނެފައެވެ. 
ޖީއެމްއާރު އެއްބަސްވުން އުވާލި ސަބަބުތައް ބަޔާންކޮށް ދިވެހި ސަރުކާރުން ހުށަހަޅަންޖެހޭ ލިޔެކިޔުންތައް މިދިޔަ މަހު ސަރުކާރުން ވަނީ އާބިޓްރޭޝަނަށް ހުށަހަޅާފައެވެ. 
ޖީއެމްއާރުގެ އެއްބަސްވުން ބާތިލްކުރުމުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ޖީއެމްއާރުން އާބިޓްރޭޝަނަށް ހުށަހަޅާފައިވާއިރު، ރާއްޖޭގެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ޖީއެމްއާރަށް ކުއްޔަށް ދިނުމުގައި ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގާފައި ނުވާ ކަމަށެވެ. 
ނަމަވެސް އޭސީސީގެ ރިޕޯޓް ދޮގުކޮށް އިއްޔެ އެޓާނީ ޖެނަރަލް އޭސީސީގެ ރައީސްއަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ އެމައްސަލަ ތަހުޤީގު ކުރިއިރު ބަލަންޖެހޭ މުހިއްމު ބައެއް ކަންކަން އޭސީސީން ބަލާފައި ނުވާ ކަމަށާއި، އަދި ސުވާލުކުރަންޖެހޭ ބައެއް ފަރާތްތަކާއި ސުވާލުވެސް ކޮށްފައި ނުވާ ކަމަށެވެ. 
ޖީއެމްއާރަށް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ކުއްޔަށް ދިނުމަށް ސޮއިކޮށްފައިވާ އެއްބަސްވުން ދިވެހި ސަރުކާރުން ބާތިލްކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ. އަދި އެއާޕޯޓް ހިންގުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހު ސަރުކާރުން ވަނީ އެމްއޭސީއެލްއާ އަލުން އެއާޕޯޓް ހަވާލުކޮށްފައެވެ.
    
    ޖީއެމްއާރުގެ އެއްބަސްވުން ބާތިލްކުރުމުން ބަދަލުގެ ގޮތުގައި 1.4 ބިލިއަން ޑޮލަރު ހޯދަން އެކުންފުނިން ހުށަހަޅައިފި
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ