މޫސުން ގޯސްވެގެން ވިލިމާލޭ ފެރީ ހިދުމަތް ހުއްޓާލުމަށްފަހު ފަށައިފި

މޫސުން ގޯސްވުމުގެ ސަބަބުން ވިލިމާލޭ ފެރީގެ ހިދުމަތް އެމްޓީސީސީން ވަގުތީ ގޮތުން މެދު ކަނޑާލުމަށްފަހު އަނެއްކާވެސް ފަށައިފި އެވެ.
އެމްޓީސީސީން ބުނީ ވިލިމާލޭ ފެރީގެ ހިދުމަތް މިއަދު ހަވީރު 4:00 އިން ފެށިގެން މެދު ކަނޑައިލި ކަމަށާއި ނަމަވެސް ހިދުމަތް މިހާރު އަލުން ފަށާފައިވާ ކަމަށެވެ.
އެ ކުންފުނިން ބުނީ މޫސޫމް ގޯސްވުމުގެ ސަބަބުން ވަގުތީ ގޮތުން ހަވީރު ހިދުމަތް މެދު ކަނޑައިލީ މެރިން ފުލުހުން އެކުންފުންޏަށް ދަތުރުތައް ހުއްޓާލުމުގ ލަފައެއް ދިނުމުން ކަމަށެވެ. އެމްޓީސީސީގެ ސީނީއާ ޕަބްލިކް ރިލޭޝަން އޮފިސަރު މަރިޔަމް ސުހާނާ ވިދާޅުވީ ހިދުމަތް މެދު ކަނޑައިލުމަށްފަހު ފެށީ ވެސް މެރިން ފުލުހުންގެ އިރުޝާދާއެކުގައި ކަމަށާއި ހިދުމަތް ފެށި ނަމަވެސް ފެރީ ދަތުރުތައް ކުރާނީ މޫސުމަށް ބަލައިގެން ދަތުރުތަކުގެ ދޭތެރެ ދުރުކޮށް ކަމަށެވެ.
"މިވަގުތުވެސް ދަތުރުތައް ކުރާނީ މޫސުމަށް ބަލައިގެން ދޭތެރެ ދުރުކޮށް. އަދިވެސް ހިދުމަތް އެއްކޮށް ކަނޑައިލަން ޖެހިދާން،" އޭނާ ވިދާޅުވި އެވެ.
ގިނަ އަދަދެއްދެގެ މީހުން ދިރިއުޅެމުން އަންނަ ވިލިމާލޭގެ ވިލިމާލޭ ފެރީގެ ހިދުމަތް މެދު ކަނޑައިލުމަށްފަހު އަލުން ފެށިއިރު ހުޅުމާލޭ ފެރީގެ ހިދުމަތް މެދު ކަނޑާލާފައެއް ނުވެ އެވެ.
ރާއްޖެއަށް މޫސުން ގޯސްވެ ވިއްސާރަ ކުރަމުންދާއިރު މާލެ އާއި އަތޮޅުތަކުގެ ބައެއް ރަށްރަށް ދަނީ ގެއްލުންތައް ލިބެމުންނެވެ. އަދި ވިއްސާރައިގައި ކަނޑު ގަދަވުމުގެ ސަބަބުން ކަނޑުމަތީގައި ތިން ހާދިސާއެއްގައި ވަނީ ހަތަރު މީހަކު ގެއްލިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ