މޮރީނިއޯގެ މައްޗަށް ވެންގާ ފުރަތަމަ މޮޅު ހޯދާ އާސެނަލް ޝީލްޑް އުފުލާލައިފި

ލަންޑަން (އޮގަސްޓް 2) - ޗެލްސީގެ ކޯޗު ހޯސޭ މޮރީނިއޯއާ ދެކޮޅަށް އާސެނަލްގެ ކޯޗު އާސެން ވެންގާ ނުކުތް 14 ވަނަ މެޗުގައި ފުރަތަމަ ފަހަރަށް މޮރީނިއޯގެ މައްޗަށް ވެންގާ ކުރި ހޯދާ އާސެނަލް އިން ކޮމިއުނިޓީ ޝީލްޑް މިރޭ އުފުލާލައިފި އެވެ. އިނގިރޭސި ފުޓުބޯޅަ ސީޒަން ހުޅުވުުުމުގެ ގޮތުން ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ހަމައެކަނި ލަނޑު 24 ވަނަ މިނިޓުގައި އާސެނަލް އަށް ޖަހައިދިނީ އިންގްލެންޑުގެ މިޑްފީލްޑަރު އެެލެކްސް އޮކްސްލޭޑް-ޗެމްބަލޭން އެވެ. މިއީ ޗެލްސީއާ ދެކޮޅަށް ކުޅުނު 506 މިނިޓުގައި އާސެނަލް ޖެހި ފުރަތަމަ ލަނޑެވެ. އާސެނަލްގެ ދެ ކުޅުންތެރިން ކައިރިން ބޯޅަ ހިފައިގެންދާން ޗެލްސީގެ ހަޒާޑް މަސައްކަތް ކުރަނީ. --ފޮޓޯ:އޭއެފްޕީ މި މެޗުގައި އާސެނަލްގެ ގޯލު ބެލެހެއްޓީ ޗެލްސީގައި 11 އަހަރު ހޭދަކުރުމަށް ފަހު މި ސީޒަނުގައި އާސެނަލް އަށް ބަދަލުވި ޕެޓާ ޗެކެވެ. "ޕްރީ ސީޒަނުގައި ވެސް އާސެނަލްގެ ޑިފެންސް ފެނުނީ ވަރަށް ވަރުގަދަކޮށް. މިއީ މުބާރާތާ ކުރިމަތިލާ އިރު ރަނގަޅު ފެށުމެއް،" މެޗަށް ފަހު ވެންގާ ބުންޏެވެ. "މި ޓީމުގެ ރޫހު ވަރަށް ރަނގަޅު. އެހެންވީމާ އަހަރެމެން މި ފަހަރު ނުރައްކާވާނެ." މިދިޔަ ސީޒަނުގެ ކޮމިއުނިޓީ ޝީލްޑް ވެސް އާސެނަލް ވަނީ މެންޗެސްޓާ ސިޓީގެ މައްޗަށް 3-0 އިން ކުރި ހޯދައިގެން ކާމިޔާބުކޮށްފަ އެވެ. ޗެލްސީ ކޮޅަށް ލަނޑު ޖެހުމަށް ފަހު އާސެނަލްގެ ޗެމްބަލޭން (ވ) އުފާފާޅު ކުރަނީ. --ފޮޓޯ:އޭއެފްޕީ މި މެޗުން ބަލިވި ނަމަވެސް މޮރީނިއޯ ބުނީ ޗެލްސީ އަކީ އަދިވެސް އެންމެ މޮޅު ޓީމު ކަމަށެވެ. "އާސެނަލް އިން ދިޔައީ 10 ކުޅުންތެރިން ފަހަތަށް ލައިގެން ޑިފެންސް ކުރަމުން. އެ މީހުންގެ ހުރިހާ ކުޅުންތެެރިން ފަހަތުގައި އަތުރައިގެން ކުޅުނުލެއް ވަރަށް އޮގަނައިޒް،" މޮރީނިއޯ ބުންޏެވެ. "މަރުހަބާ އާސެނަލް. ކައުންޓަ އެޓޭކުގައި އެ މީހުންނަށް މަދު ފުރުސަތުތަކެއް ލިބުނީ. އެކަމަކު އަހަރެމެން ކުޅުނީ ވަރަށް އޮގަނައިޒް ފުޓުބޯޅައެއް." އަނިޔާގެ ސަބަބުން ޗެލްސީގެ އެއް ވަނަ ފޯވާޑް ޑިއެގޯ ކޮސްޓާ މިރޭ ނުކުޅެ އެވެ. އެކަމަކު އެ ޓީމާ އަލަށް ގުޅުނު ރަޑަމެލް ފަލްކާއޯ ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައިފަ އެވެ. އެފްއޭ ކޮމިއުނިޓީ ޝީލްޑް ޓްރޮފީއާ އެކު އާސެނަލްގެ ކުޅުންތެރިން އުފާފާޅު ކުރަނީ. --ފޮޓޯ:އޭއެފްޕީ މެޗުގައި ނަތީޖާ ހަމަހަމަ ކުރުމަށް އެޑިން ހަޒާޑަށް ވަނީ ރަނުގެ ފުރުސަތެއް ލިބިފަ އެވެ. ހުސްކޮށް އަރާ ހަޒާޑް ގޯލަށް ފޮނުވާލި ބޯޅަ ދިޔައީ ކީޕަރު ޗެކް ކުރިއަށް އަރަނިކޮށް ގޯލު މަތިންނެވެ. މެޗުގެ ފަހު ކޮޅު ވަނީ ލީޑް ފުޅާ ކުރުމަށް އާސެނަލްގެ ސެންޓަ ކަޒޯލާ އާއި ކިއެރަން ގިބްސް އަށް ވެސް ހުސް ބޯޅަތައް ލިބިފަ އެވެ. ނަމަވެސް މި ބޯޅަތަކުގެ ހުރަހަކަށްވީ ޗެލްސީގެ އުއްމީދީ ކީޕަރު ތިބުއާ ކޯޓުވާ އެވެ. މިރޭގެ މެޗުގެ ހަމައެކަނި ލަނޑު ޖެހި ޗެމްބަލޭން ޓްރޮފީ އުފުލާލަނީ. --ފޮޓޯ:އޭއެފްޕީ މެޗަށް ފަހު ޝީލްޑާ ހަވާލުވެގެން އާސެނަލްގެ ކުޅުންތެރިން ރޮސްޓްރަމުން ފޭބި ވަގުތު އެ ކުޅުންތެރިންނަށް ސަލާމް ކުރަން މޮރީނިއޯ ގޮސް ހުއްޓެވެ. ފަހަރަކު ކުޅުންތެރިއަކާ އަތާ އަތް ޖަހަމުން ގޮސް ވެންގާއާ ޖެހުނު ވަގުތު އޭނާ ވަނީ ސަލާމް ނުކޮށް މޮރީނިއޯގެ ފުރަގަހުން އަޅާ ގޮހެވެ. ޕްރިމިއާ ލީގުގެ ކުޅުން ފަށާނީ އަންނަ ހޮނިހިރު ދުވަހު އެވެ. ފުރަަތަމަ މެޗުގައި އެ ދުވަހު ރާއްޖޭ ގަޑިން 16:45 ގައި ކުޅޭނީ މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމެވެ. --އޭއެފްޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ