ގަޑި ހެދި އަހުމަދު ސޫދާންގެ ރައީސްއާ ބައްދަލުކޮށްފި

ޚަރުތޫމް (އޮކްޓޯބަރު 17) - ގަޑިއެއް ހަދައިގެން ސްކޫލަށް ގެންގޮސް ޓީޗަރަށް ދެއްކުމުން އެއީ ބޮމެއް ކަމަށް ހީކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 14 އަހަރުގެ އަހުމަދު މުހައްމަދު ސޫދާންގެ ރައީސް އުމަރު އަލް ބަޝީރާ ބައްދަލުކޮށްފި އެވެ. އަހުމަދުގެ ބައްޕައަކީ ސޫދާން މީހެކެވެ. ނަމަވެސް އެ އާއިލާ އެމެރިކާ އަށް ބަދަލުވެ އެ މީހުން މިހާރު ދިރިއުޅެނީ ޓެކްސަސްގަ އެވެ. އަހުމަދުގެ ބައްޕަ މުހައްމަދު ހަސަން އަލް ސޫފީ ވަނީ ސޫދާންގެ ރިޔާސީ އިންތިޚާބުގައި އުމަރު ބަޝީރާ ދެކޮޅަށް ވާދަކުރައްވައިފަ އެވެ. ސޫދާންގެ ރަސްމީ ރޭޑިއޯ އިން ބުނި ގޮތުގައި ރައީސް އުމަރު ބަޝީރާ ބައްދަލު ކުރުުމުން އަހުމަދު ހުރީ ވަރަށް ބޮޑަށް އުފާވެފަ އެވެ. އަދި އެއް ދުވަހަކުން އެހެން ދައުވަތެއްގައި ސޫދާނަށް ޒިޔާރަތް ކުރެވޭނެ ކަމަށް އޭނާ އުއްމީދުކުރާ ކަމަށް ބުނެފައިވެ އެވެ. އަހުމަދު ހެދި ގަޑި: އޭނާ އަކީ އާދަޔާޚިލާފަށް ތޫނުފިލި ކުއްޖެއް. އަހުމަދަަށް ވަނީ އެެމެރިކާގެ ރައީސް ބަރަކް އޮބާމާއާ ބައްދަލު ކުރުމުގެ ދައުވަތު ވެސް ލިބިފަ އެވެ. އަދި އޭނާ އަށް ވަނީ ފޭސްބުކުގެ މައި އޮފީހަށް ޒިޔާރަތް ކުރުމަށް ސީއީއޯ މާކް ޒުކަބާގް ދައުވަތު ދެއްވައިފަ އެވެ. މީގެ އިތުރުން ނާސާ އަށް ޒިޔާރަތް ކުރުމަށް އެސްޓްރޮނޮޓް ކްރިސް ހެޑްފީލް ވަނީ ދައުވަތު ދެއްވައިފަ އެވެ. ޓެކްސަސްގެ ތޫނުފިލި ދަރިވަރު ހެދި ގަޑިއާ ގުޅިގެން އޭނާ ހައްޔަރުކުރި ނަމަވެސް އަހުމަދަށް އޮހޭ ތައުރީފް ދަނީ އިތުރުވަމުންނެވެ. ފޭސްބުކުގެ ބާނީ ޒުކަބާގު ވިދާޅުވީ އަހުމަދު ކަހަލަ ހުނަވެރި ކުއްޖަކު ގަޑިއެއް ހެދުމުން ޖެހޭނީ އޭނާ ހައްޔަރު ކުރަން ނޫން ކަމަށާއި އޭނާ އަށް ތައުރީފް ކުރަން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ