ގާސިމް އެހެން ކެންޑިޑޭޓެއްގެ ފަހަތަކަށް ނުދާނެ: ހަލީލް
ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމް އެހެން ކެންޑިޑޭޓެއްގެ ފަހަތަށް ވަޑައިނުގަންނަވާނެ ކަމަށް އޭނާގެ ތަރުޖަމާނު އިބްރާހިމް ހަލީލް މިރޭ ވިދާޅުވެއްޖެ އެވެ. ހަލީލް "ހަވީރަށް" ވިދާޅުވި ގޮތުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދާ ވާދަކުރެއްވަން އެއް ކެންޑިޑޭޓަކު ނެރުއްވުމަށް މަޝްވަރާކުރެއްވި ނަމަވެސް އެކަމުން ނަތީޖާއެއް ނުނެރެވުނު ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް އޭނާ ނުދެއްވަ އެވެ. ހަލީލް ވިދާޅުވީ "ގާސިމް އެހެން ކެންޑިޑޭޓަކާ ގުޅިވަޑައިގަތުމުގެ މާނައެއް ނެތް" ކަމަށާއި "އެހެން ބޭފުޅުން ވަޑައިގެން ގުޅުމަށް ގާސިމްގެ އަތް ވަނީ ހުޅުވާލެވިފައި" ކަމަށެވެ. ސެޕްޓެމްބަރު 7 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ސުޕްރީމް ކޯޓުން ބާތިލުކުރުން، އަލުން މި މަހު 19 ގައި ބާއްވާ އިންތިހާބުގެ ފުރަތަމަ ބުރުގައި ގާސިމަށް ވަރަށް ރަނގަޅު ނަތީޖާއެއް ލިބިވަޑައިގެން، ދެ ވަނަ ބުރަށް ވަޑައިގަންނަވާނެ ކަމަށް ހަލީލް ވިދާޅުވި އެވެ. ނަޝީދާ ދެކޮޅަށް އެއް ކެންޑިޑޭޓަކު ނެރުމާ ބެހޭ ގޮތުން މަޝްވަރާ ކުރަމުން ދިޔަ ނަމަވެސް ކަންތައްތައް ނިންމާނީ ހިސާބުތަކަށް ބަލައިގެން ކަމަށް ޖުމްހޫރީ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެސް ހަލީލް ވަނީ ވިދާޅުވެފަ އެވެ. ހަލީލް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ގާސިމަށް 2008 ވަނަ އަހަރު ލިބުނު ވޯޓަށް ވުރެ، މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި އިންތިހާބުގައި ލިބުނު ވޯޓުގެ އަދަދު ދެގުނައަށް ވުރެ އިތުރުވެފައިވާ ކަމަށެވެ. އެކަމަކު މީގެ ފަސް އަހަރު ކުރިން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް، 71،000 ވޯޓު ލިބުނު އިރު އެ މަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ ޕީޕީއެމްގެ ކެންޑިޑޭޓު އަބްދުﷲ ޔާމީނަށް މިއަހަރު ލިބިވަޑައިގެންނެވި ވޯޓުގެ އަދަދު 30،000 ދަށް ކަމަށް ހަލީލް ވިދާޅުވި އެވެ. ބާތިލްކުރި އިންތިހާބުގެ ފުރަތަމަ ބުރުގައި ގާސިމަށް ލިބިވަޑައިގަތީ 50،422 ވޯޓެވެ. އެ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދަވައިގެން ދެ ވަނަ ބުރަށް ވަޑައިގެންފައިވަނީ ނަޝީދާއި ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުﷲ ޔާމީނެވެ. އެ ބުރުން ނަޝީދަށް ލިބިވަޑައިގަތީ 95،224 ވޯޓެވެ. އަދި ޔާމީނަށް ލިބިވަޑައިގަތީ 53،099 ވޯޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ