ޖީއެމްއާރު އެއްބަސްވުން ކެންސަލް ކުރުމަކީ ގޯސް ކަމެއް ކަމަކަށް މައުމޫން ވިދާޅެއް ނުވޭ: އޮފިޝަލް

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގި އިންޑިއާގެ ޖީއެމްއާރު ކުންފުންޏާ އެކު ދިވެހި ސަރުކާރުން ވި އެއްބަސްވުމުގެ މައްސަލަތައް ވާހަކަ ދައްކައިގެން ހައްލުކުރަން ރައީސް މުހަންމަދު ވަހީދުގެ ސަރުކާރުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެއްވެސް ހަސިއްޔަތަކުން އެދިވަޑައިނުގަންނަވާ ކަމަށް ސަރުކާރުގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވެއްޖެ އެވެ. "ޖީއެމްއާރުގެ އެއްބަސްވުން ނިމުމަކަށް ގެނައީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކަށް ފެނިވަޑައިގަންނަވާ ގޮތަކަށް ނޫން. އެކަން ކުރީ މި ސަރުކާރަށް ނިސްބަތްވާ ކޯލިޝަނުގެ ހުރިހާ ޕާޓީއެއްގެ މަޝްވަރާ ފުޅާ ދާއިރާއެއްގައި ހޯދުމަށް ފަހު. އެއިން އެއްވެސް މަރުހަލާއެއްގައި ޖީއެމްއާރުގެ އެއްބަސްވުން ނިމުމަކަށް ގެނައުމަކީ ގޯސް ކަމެއް ކަމަށް ފަރުދީ ގޮތުން ވިޔަސް، ކުރީގެ ރައީސްގެ ހައިސިއްޔަތުން ވިޔަސް އަދި ޕީޕީއެމްގެ ރައީސްގެ ހައިސިއްޔަތުން ވެސް ރައީސް މައުމޫން އެއްޗެއް ވިދާޅެއް ނުވޭ،" އޮފިޝަލް ވިދާޅުވި އެވެ. އިންޑިއާގެ ބޮޑުވަޒީރު މަންމޯހަން ސިންހްގެ ދައުވަތަކަށް އެ ގައުމަށް ކުރެއްވި ދަތުރުފުޅުގައި ދެއްވި އިންޓަވިއުގައި މައުމޫން ވިދާޅުވީ ޖީއެމްއާރުގެ އެއްބަސްވުމުގެ މައްސަލަތައް ވާހަކަ ދައްކައިގެން ހައްލުކުރަން ރައީސް ވަހީދުގެ ސަރުކާރުގައި އެދިވަޑައިގަތް ކަމަށެވެ. އެކަމަކު އެގޮތަށް އެކަން ނުކޮށް އެއްބަަސްވުން މި ސަރުކާރުން ބާތިލްކުރީ ކަމަށް މައުމޫން ވިދާޅުވި އެވެ. އެ ވާހަކަތަކަށް ރައްދު ދެއްވައި "ހަވީރާ" ވާހަކަ ދެއްކެވި ސަރުކާރުގެ އޮފިޝަލް ވިދާޅުވީ ޖީއެމްއާރުގެ މައްސަލާގައި ގޮތެއް ނިންމެވުމަށް ސަރުކާރުގެ ކޯލިޝަން ޕާޓީތަކުގެ އިސްވެރިންނާ އެކު ރައީސް ވަހީދު ދެ ފަހަރެއްގެ މަތިން ބައްދަލުވުމެއް ބޭއްވި ކަމަށެވެ. އަދި އެ ދެ ބައްދަލުވުމުގައި ވެސް ބައިވެރިވެވަޑައިގެންނެވި ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަބްދުﷲ ޔާމީން ލަފާ އެރުވީ ޖީއެމްއާރުގެ އެއްބަސްވުން އުވާލަން ކަމަށް އޮފިޝަލް ވިދާޅުވި އެވެ. "އޭގެ ތެރެއިން ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުވުމުގައި، ޖީއެމްއާރުގެ އެއްބަސްވުމާއިގެން ކުރިއަށް ދެވިދާނެ ތަފާތު ގޮތްތަކުގެ ޕްރެޒެންޓޭޝަނެއް ދެއްވަން ބަންޑާރަ ނާއިބު އާޒިމާ ފެއްޓެވުމުން، އެ އެއްބަސްވުން ނިމުމަކަށް ގެނައުން ނޫން ގޮތަކަށް ހިޔާލު ވެސް ކުރާ މަޖިލީހެއްގައި ބައިވެރިވާން ބޭނުން ނޫން ކަމަށް ޔާމީން ވިދާޅުވި. އެ ބައްދަލުވުން ވެސް ދޫކުރައްވައި ޔާމީން ވަޑައިގަތީ،" އޮފިޝަލް ވިދާޅުވި އެވެ. ޖީއެމްއާރުގެ އެއްބަސްވުން ބާތިލުކުރަން ޕީޕީއެމްގެ ކައުންސިލުން ފާސްކޮށް އަދި ރައީސް ވަހީދަށް ސިޓީއަކުން ވެސް ވަނީ ދަންނަވައިފަ އެވެ. އޮފިޝަލް ވިދާޅުވީ ޖީއެމްއާރު އެއްބަސްވުން އުވާލީ ސަރުކާރުގައި ހިމެނޭ ކޯލިޝަން ޕާޓީތަކުގެ އިތުރުން ރާއްޖެ އާއި ސިންގަޕޫރާއި އިނގިރޭސިވިލާތުގެ ގާނޫނީ ބޭފުޅުންގެ ލަފާގެ މަތިން ކަމަށެވެ. "އެއީ ގާނޫނީ ގޮތުން ދެމެހެއްޓޭނެ އަދި ފެށުނީއްސުރެ ބާތިލް އެއްބަސްވުމެއް ކަމަށް އެ ބޭފުޅުން ލަފާ ދެއްވި،" އޮފިޝަލް ވިދާޅުވި އެވެ. ޖީއެމްއާރުގެ މައްސަލަ ވާހަކަ ދައްކައިގެން ހައްލުކުރަން އެންމެ ބޮޑަށް ބާރު އެޅުއްވީ ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ އެވެ. އެހެންވެ ބައެއް ޕާޓީތަކުން އޭރު ވެސް ތަސްމީނަށާއި ޑީއާރުޕީ އަށް ފާޑުކިޔަމުން ދިޔަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ