ކޮމެޓީގެ މަސައްކަތް ޗުއްޓީ ތެރޭގައި ބާރަށް ކުރިއަށްދާނެ: އަލީ ވަހީދު

ރައްޔިތުންގެ މަޖިލީސް ޗުއްޓީއަށް ދިޔަ ނަމަވެސް މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމެޓީގެ މަސައްކަތްތައް ޗުއްޓީތެރޭގައި ކުރިއަށްގެންދިއުމަށް އެކޮމެޓީން ނިންމައިފިއެވެ.
މަޖިލިސް ޗުއްޓީގެ ދުވަސްވަރުވެސް ކޮމެޓީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ފާސްކޮށްފައިވަނީ އެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.
ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމެޓީގެ މުގައްރިރު ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު ވިދާޅުވީ ކޮމެޓީން ބަލަންޖެހޭ ވަރަށްގިނަ މައްސަލަތައް އެބަހުރި ކަމަށާއި މިހާރުވެސް ކޮމެޓީއަށް ހުށަހެޅިފައިވާ މުހިއްމު މައްސަލަތައް ހުރި ކަމަށާއި އެ މައްސަލަތައް އަވަހަށް ނިންމެވުމަށްޓަކައި ކޮމެޓީގެ ހުރިހާ މެމްބަރުންގެ އެއްބާރުލުން ބޭނުންވާކަމަށެވެ.
އިތުރަށް ކޮމެޓީގެ މުގައްރިރު އަލީ ވަހީދު ވިދާޅުވީ " ކޮމެޓީގެ މަސައްކަތްތަށް މިހާތަނަށް ވެސް ވަރަށް ބާރަށް ކުރިއަށް ގެންދެވިފައިވަނީ. އެހެންކަމުން ކުރިއައްއޮތް ތަނުގައިވެސް ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ހުރިހާ މެމްބަރުންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވޭ،" އަލީ ވަހީދު ވިދާޅުވިއެވެ.
މިހާރު ކޮމެޓީގައި ނުނިމިވާ ބޮޑެތި މައްސަލަތަކުގެ ތެރޭގައި، ކޮމިޝަން އޮފް ނެޝަނަލް އިންކްއަރީ (ކޯނީ) އިން މިއަހަރު ފެބްރުއަރީ މަހު ހަތްވަނަ ދުވަހު ރައީސް ނަޝީދުގެ ސަރުކާރު ބަދުލުވިގޮތުގެ މައްޗަށް ތައްޔާރުކޮށްފައިވާ ރިޕޯޓާ ގުޅިގެން ބަލާ މައްސަލައާއި، މިއަހަރުގެ އޯގަސްޓް 17 ވަނަ ދުވަހު ސ ހިތަދޫ ރަންފުސްގޭ އަބްދުﷲ ގާސިމް އިބްރާހީމް މަރުވީ ފުލުހުންގެ އިހުމާލުންކަމަށްބުނެ ކޮމެޓީއަށް ހުށަހަޅާފައިވާ މައްސަލައާއި އައިޖީއެމްއެޗް (ހޮސްޕިޓަލް)ގެ އިހުމާލުން ތިނަދޫ އަންހެނަކު މަރުވި ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަ އާއި، ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ހަދާފައިވާ ފްލެޓްތަކުގެ އެގްރިމެންޓްގައި ސޮއިކުރަމުންދާ މައްސަލައާއި، ޑިފެންސް މިނިސްޓަރީގެ ދަށަށް ޑިޕާޓްމަންޓް އޮފް އެމިގްރޭޝަން އެންޑް އިމިގްރޭޝަން ގެނެސްފައިވާ މައްސަލަ ހިމެނޭކަމަށް ކޮމެޓީގެ މުގައްރިރު މެމްބަރު އަލީ ވަހީދު ވިދާޅުވިއެވެ.
އަދި ރަށްރަށުގެ ކައުންސިލްތަކުން އެކޮމެޓީއަށް ހުށަހަޅާފައިވާ މައްސަލަތަކުގެ އިތުރުން އެހެނިހެން މައްސަލަތައް ހިމެނޭކަމަށްވެސް މެމްބަރު އަލީ ވަހީދު އިއްޔެ އޮތް ކޮމެޓީގެ ބައްދަލުވުމުގައި ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ