ފުޅާކޯލިޝަނެއް ނަހަދައިފިނަމަ ޖެހޭނީ ވެލިކާން – އުމަރު

ފުޅާ ކޯލިޝަންއެއްގެ ތެރެއިން ނޫން ގޮތަކަށް މިއަހަރުގެ ރިޔާސީ އިންތިހާބަށް ކުރިމަތިލައިފި ނަމަ 2008 ގައި ޑީއާރްޕީއަށް ވީގޮތައް ޖެހޭނީ ވެލިކާން ކަމަށް ޕީޕީއެމް ޕުރައިމަރީ ގައި ނާކާމިޔާބު ވެވަޑައިގަތް އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރުގެ ޖަގަހަ ކައިރީގައި މިރޭ އުމަރަށް ތާއިދު ކުރާ ސަތޭކައެއްހާއި މީހުންނާއި ބައްދަލުކޮއް އުމަރު ވިދާޅުވީ "މިފަހަރު ވެސް 2013 ގެ އިންތިހާބު އަޅުގަނޑުމެންގެ ޕާޓީ ތަކުން އެކަނިމައިއެކަނި ނިކުމެ ފުޅާކޯލިޝަނެއް ނުހަދާ އެމްޑީޕީއާއި ބައްދަލު ކޮއްފިނަމަ 2008 ވަނަ އަހަރު ޑީއާރްޕީ ވެލިކޭގޮތައް މިފަހަރު ވެސް ޖެހޭނީ ވެލިކާން. އެހެންވީމާ ޕީޕީއެމްގެ ލީޑާރ ޝިޕަށްވެސް އަޅުގަނޑު މިދަންނަވަނީ ޑރ.ވަހީދަށް ވެސް މިދަންނަވަނީ އަޅުގަނޑުގެ އަހް ގާސިމް އިބުރާހިމަށް ވެސް މިދަންނަވަނީ ފުޅާކޯލިޝަނެއް ތިބޭފުޅުން ހައްދާވާށޭ. އަޅުގަނޑު ތިބޭފުޅުންނަށް ގުލާނުކޮއްދޭން ތިބޭފުޅުންނާއި އެކު ހުންނާނަމޭ. މިފަދަ ކޯލިޝަނެއްގެ ތެރެއިން ނޫނީ އެމްޑީޕީ ބައްޔެއް ނުކުރެވޭނެ." ފުޅާކޯލިޝަނެއް ނުހަދައިފިނަމަ ޕީޕީއެމްއިން ވެލިކާން ޖެހޭނެކަމަށް އިޝާރާތް ކުރައްވަވާ އުމަރު ވިދާޅުވިއެވެ.
އުމަރު ނަސީރު ވިދާޅުވީ ފުޅާ ކޯލިޝަނެއް ހެދުމަށް މިހާރު ރައީސް ވަހީދާއި ގާސިމް އިބުރާހިމްއާއި މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށާއި އެދެބޭފުޅުން ރުހޭކަހަލަ އެއްބަސްވުމަކަށް އައުމުން ޕީޕީއެމްގެ ލީޑާރޝިޕް އާއި ހަމައަށް ކޯލިޝަންގެ ކަންތަކުގައި ވަޑައިގެން ދޫދެއްވަން ޖެހޭ ތަނުގައި ދޫދެއްވަން އެދިވަޑައިގަންނަވާނެ ކަމަށެވެ.
މިއަހަރުގެ ރިޔާސީ އިންތިޙާބު އެމްޑީޕީން ކާމިޔާބު ކޮއްފިނަމަ ދެން ވެސް މިގައުމު ސަލާމަތްކުރަން ނިކުންނާނީ އޭނާގެ ލީޑާރޝިޕްގެ ދަށުން އޭނާގެ ސަޕޯޓަރުންކަމަށް ވެސް އުމަރު މިރޭ ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ އޭނާ އުޅުއްވަނީ ޕީޕީއެމް ފަނިކުރަންކަމަށް ބައެއް ބޭފުޅުން ވިދާޅުވާ ކަމަށާއި ނަމަވެސް އޭނާ ކުރާކަމަކީ ޕީޕީއެމް ރަނގަޅުކޮށް ޕީޕީއެމް ސާފުކުރުން ކަމަށެވެ.
ޑީއާރުޕީއާއި ގުޅިވަޑަައިގަތުމަށް ފަހު ޑީއާރުޕީގެ ލީޑާރޝިޕާރ ޖެހުނު މައްސަލައިގައި އެޕާޓީން ވެސް އެންމެ ފަހުން ވަކިކުރި އުމަރު މިރޭ ވިދާޅުވީ އޭނާ ޑީއާރްޕީ އާއި ގުޅުނީ އެޕާޓީގެ ލީޑަރު ރައީސް މައުމޫނަކީ އަމާނާތްތެރި ތެދުވެރި ބޭފުޅަކަށް ވީމާކަމަށެވެ.
ނަމަވެސް އެމަނިކުފާނުގެ ކޮއްކޯފުޅު ޔާމިނަކީ އެހާ ތެދުވެރި އަމާނާތްތެރި ބޭފުޅެއް ކަމަށް ނުދެންނެވޭނެ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.
ޕީޕިއެމްގެ ރިޔާސީ ޕުރައިމަރީއަށް ފާޑު ކިއުމުން އިސްލާހުވާން އުމަރަށް ދިން ފުރުސަތު ހަމަ ވާއިރު އިސްލާހު ނުވެއްޖެނަމަ ޕީޕީއެމްއިން ވަކިކުރާނަންކަމަށް ޕާޓީން ދީފައިވާ އިންޒާރަށް އިޝާރަތް ކުރައްވަވާ އުމަރު މިރޭ ވިދާޅުވީ ޕީޕީއެމްއިން ކަނޑާލައިފިނަމަ ޕީޕީއެމް އޮފީސް ދޮރުމަތީގައި ހުންނަވާނަން ކަމަށެވެ. އަދި ޕީޕީއެމްއިން ކެނޑިގެން ވެސް ނުދާނެ ކަމަށާއި އަދި އޭނާގެ ސަޕޯޓަރުން ވެސް ޕީޕީއެމް ދޫކޮއް ނުދިއުމަށް އުމަރު ގޮވާލެއްވެވިއެވެ.
އުމަރު ނަސީރު ވިދާޅުވީ އޭނާ ޕުރައިމަރީގެ ނަތީޖާ ގަބޫލު ކުރެއްވެވި ކަމަށް ބައެއް މީޑިއާތަކުގައި ބުނާ ކަމަށާއި ނަމަވެސް އޭނާ އެދުވަހު ނަތީޖާ ގަބޫލުކުރައްވާ ޔާމިނަށް ގުޅުއްވުމުން ޔާމިން ފޯންނުނަންގަވާ ކަމަށާއި އޭގެ ފަހުން ރައީސް މައުމޫނަށް ގުޅުއްވި ކަމަށާއި ނަމަވެސް ރައީސް މައުމޫނަށް ގުޅުއްވިތާ 30 މިނެޓް ފަހުން ޔާމިންގެ ނަން ޖަހާފައިވާ ވޯޓް ކަރުދާސް ކޮޅުތައް ފޮއްޓަށް އެޅިކަން ޔަގީންވި ކަމަށެވެ.
ޕީޕީއެމްގެ ޕުރައިމަރީ ބާތިލްކުރަން އުމަރުގެ ސަޕޯޓަރަކު މިހާރު ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް އަލިއަޅުއްވާލައްވާ އުމަރު ވިދާޅުވީ "އަޅުގަނޑާއި ހަމައަށް މައްސަލަ އައީމާ އަޅުގަނޑު ގަސްދުކުރީ ޝަރުއީ ކޯޓާއި ހަމައަށް މިމައްސަލަ ގެންދަން.ސަބަބަކީ އަޅުގަނޑު މިދެއްކި ވާހަކައަކީ ހަގީގީ ވާހަކައެއްކަން ތިބޭފުޅުންނަށް ސާބިތު ކޮއްދޭން. އަދި ޕީޕީއެމްގެ އާންމު މެންބަރުންނާއި މުޅި ރާއްޖެއަސް ސާބިތު ކޮއްދޭން. ﷲ އިރާދަކުރެއްވިއްޔާ އެމައްސަލަ ނިމުނީމާ ތިބެފުޅުންނަށް އިނގޭނެ އެދުވަހުން ވޯޓުގައި ކިހިނެއް ކަން، ކަންކަން ހިނގައި ދިޔައީ."
އުމަރު ވިދާޅުވީ އޭނާގެ ސަޕޯޓަރުން ޕީޕީއެމްއިން ކެނޑިގެން ދާންއުޅޭ ކަމުގެ އަޑުތައް އިވޭ ކަމަށާއި ޕީޕީއެމް ތެރޭގައި ފަންޏެއް އުޅޭނަމަ ޕާޓީއިން ކެނޑިގެން ދިއުމުގެ ބަދަލުގައި ޕީޕީއެމް ތެރެ ސާފުކުރަން ޖެހޭނެ ކަމަށެވެ. އުމަރު ނަސީރު އޭނާގެ ސަޕޯޓަރުން ޕީޕީއެމް އިން ނުކެނޑުމަށް އިލްތިމާސް ކުރި ނަމަވެސް ޕީޕީއެމް ކޮންގުރެސް ގައި އުމަރުގެ އަމާނާތްތެރި ޓީމަށް ތާއިދު ކުރި އިސް ހަ އެކްޓިވިސްޓަކު ކޮންގުރެސް އަށް ފަހު ޖުމްހޫރީ ޕާޓީއަށް ސޮއި ކޮއްފައިވެއެވެ.
އަދި ޕީޕިއެމްގެ ޕުރައިމަރީގައި އުމަރަށް ތާއިދު ކުރެއްވި ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދާއި އޭނާގެ އަނބިކަބަލުން ވެސް ވަނީ ޖުމްހޫރީ ޕާޓީއަށް ސޮއި ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ