ރިޝްވަތާ ދެކޮޅަަށް މިއަދު ދިން ހުކުރު ހުތުބާއަކީ ވަރަށް ރަނގަޅު ފިލާވަޅެއް: މައުމޫން

ރިޝްވަތަކީ މިހާރު މުޖުތަމައުގައި ވަރަށް ބޮޑަށް އަށަގެންފައިވާ ވަބާއެއް ކަމަށާއި އެއީ ތަރައްގީ އަށް ވެސް އޮތް ހުރަހެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނުމަކީ ވަރަށް ރަނގަޅު ފިލާވަޅެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދުގެ "ހުތުބާއަކީ ހާލަތާ ވަރަށް ގުޅޭ ހުތުބާއެއް" ކަމަށެވެ.
އެ މަނިކުފާން ވިދާޅުވީ މިއަދުގެ ހުތުބާ އަކީ ކޮރަޕްޝަނާއި ރިޝްވަތުގެ ނުބައިކަމާ ގުޅޭ ގޮތުން ދިން ވަރަށް ރަނގަޅު ފިލާވަޅެއް ކަމަށެވެ. އަދި ހުތުބާ ލިޔުއްވި ބޭފުޅަކަށް މައުމޫން ވަނީ މަރުހަބާ ވެސް ދަންނަވައިފަ އެވެ.
ރާއްޖޭގައި ކޮރަޕްޝަނާއި ރިޝްވަތުގެ މައްސަލަތައް ވަރަށް ބޮޑަށް ފެންމަތިވެ، ގިނަ ބައެއްގެ ފާޑުކިޔުންތައް މިހާރުގެ ސަރުކާރަށް ވެސް އަމާޒުވެފައިވާ ދަނޑިވަޅެއްގައި، ދިން މިއަދުގެ ހުތުބާގައި ބުނެފައި ވަނީ، ކޮރަޕްޝަނާއި ރިޝްވަތަކީ ގައުމާއި މުޖުތަމައު ހަލާކުގެ ތެރެއަށް ވެއްޓިގެން ދިއުމަށް މެދުވެރިވާ ކަމެއް ކަމަށެވެ.
އަދި މިފަދަ ކަންކަމުގެ ސަބަބުން މުޖުތަމައުގެ އަމާންކަމާއި ހަމަހަމަކަން ގެއްލި އެތައް ބަޔަކަށް ނުޙައްގު އެތަކެއް އެއްޗެއް ލިބެމުންދާ ކަމަށް ހުތުބާގައިވެ އެވެ. މީގެ އިތުރުން ރިޝްވަތާއި ނާޖާއިޒު ފައިދާ އާއި ޚިޔާނާތުގެ އަމަލުތައް ގިނަވެ އެކަން އާދައިގެ ކަމެއްގެ ގޮތުގައި ދުށުމަކީ ގައުމުގެ މުސްތަގުބަލާއި ތަރައްގީ އަރައިނުގަނެވޭނެ ވަރުގެ ފުންވަޅުގަނޑަކަށް ވެއްޓިދާނެ ކަމެއް ކަމަށް ވެސް ހުތުބާގައި ބުންޏެވެ.
Strong timely khuthba today. Very good lesson exposing the evil of corruption & bribery. Congratulations to the writer!— Maumoon Abdul Gayoom (@maumoonagayoom) December 2, 2016
ހުތުބާ އާ ބެހޭ ގޮތުން މައުމޫން ކުރެއްވި ޓްވީޓް.މީގެ އިތުރުން ތިމާގެ ނުފޫޒު ބޭނުންކޮށްގެން ނުހައްގުން ހޯދާ ނުވަތަ ހޯދައިދޭ މަންފާތަކާއި ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލު ކުރުމަކީ ކޮރަޕްޝަން ކަމަށް ހުތުބާގައިވެ އެވެ.
"ރިޝްވަތަކީ ތަރައްގީ އޮތް ހުރަހެއް" މި މައުލޫއުގެ ދަށުން ދިން ހުތުބާގައި ބުނީ ރިޝްވަތުގެ ސަބަބުން ނުވަތަ މަކަރާއި ހީލަތުގެ ސަބަބުން ވަގުތީ ހައްލެއް ނުވަތަ އުފަލެއް ލިބުނަސް ރިޝްވަތު ދޭ މީހުންނާއި ހިފާ މީހުންނާއި ރިޝްވަތު ދިނުމުގައި މެދުވެރިއަކަށް ވާ މީހުން، ފަހުން ލިބިދާނެ ގެއްލުމަކަށް ވިސްނަން ޖެހޭ ކަމަށެވެ.
"ތިމާގެ އިތުރުން ތިމާމެ އަނބިދަރިން ނަރަކައަށް އެއްލައިލަނީ ތިމާމެންގެ އަތުންނެވެ. ހަރާން ތަކެތި އަނބި ދަރިންނަށް ކާން ދިނުމަކީ ތިމާމެންގެ ދަރިން ބަސް ނޭހުމާއި ވިޔާނުދާ އަމަލުތައް ކުރުމަށާއި ބޮޑެތި ޖަރީމާތައް ހިންގުމަށް މަގުފަހި ވާނެ ކަމެކެވެ." ހުތުބާގައި ބުންޏެވެ.
ކޮރަޕްޝަނާއި ރިޝްވަތުގެ ނުބައި ކަމާ ގުޅޭ ގޮތުން ކީރިތި ޤުރުއާނާއި ރަސޫލާގެ ހަދީސުން ވެސް ހުތުބާގައި ވަނީ ދަލީލް ދައްކައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ