ބޮތްކެއް ދިއްލައިގެން އުޅޭ މީހެއްގެ ކަރަންޓް ބިލަށް 2.5 ލައްކަ

އިންޑިޔާގެ މަދްޔަ ޕްރަދޭޝްގެ ސްޓޭޓްގެ ގުނާ ކިޔާ ރަށެއްގައި ދިރިއުޅޭ އުމުރުން 65 އަހަރުވީ އަންހެނެއްގެ ކަރަންޓް ބިލަށް 2.5 ލައްކަ އިންޑިއަން ރުޕީސް އަރައިފި އެވެ. ގޭގޭގައި ނޯކިރީ ކޮށްދީގެން ބަނޑުފުރާނަ މުއްތި ކުރާ ރާމްބާއީ ޕްރަޖާބަތީ ދިރިއުޅެނީ ކުޑަ ކުޑަ ޖިފުޓިއެއްގަ އެވެ. އެތަނުގައި ކަރަންޓުން މަސައްކަތް ކުރަނީ އެންމެ ދޭއްޗެކެވެ. އެއީ ދިއްލާފައި ހުންނަ ބޮތްކަކާއި މޭޒުމަތީ ފަންކާ އެކެވެ.
ރާމްބާއީ ބުނި ގޮތުގައި އާންމުކޮށް އޭނާގެ ބިލަށް ކޮންމެ މަހަކުވެސް އަރަނީ 300 އާއި 500 އާ ދެމެދުގެ އަދަދެއްގެ ފައިސާ އެވެ. މިފަހަރު ލޮކްޑައުންކޮށްފައި އޮތް ދުވަސްވަރު އައި ދެ ބިލުގެ ފައިސާ އަންހެންމީހާއަށް އޮތީ ނުދެއްކި އެވެ. އެހެން އޮއްވާ ތިން ވަނަ މަހުގެ ބިލް އައިއިރު ކަމަކު ދާކަށް ނެތެވެ. އެ ބިލުގައި 2.7 ލައްކަ ރުޕީސް ދައްކަން ޖެހޭ ކަމަށް އޮތެވެ.
ރާމްބާއީއަށް ބިލު ލިބުމުން ލިބުނީ ޝޮކެކެވެ. އަދި އިލެކްޓްރިސިޓީ ޑިޕާޓްމަންޓަށް ދިޔަ އެވެ. ރާމްބާއީ ބުނި ގޮތުގައި އެ ތަނުގެ ބޭރުގައި ހުރި ގަހެއްގެ ދޮށުގައި އޭނާ ކޮންމެ ދުވަހަކު ވެސް ގޮސް ހުރެ އެވެ. ނަމަވެސް އެ ތަނުގެ އެއްވެސް މީހަކާ އޭނާއާ ބައްދަލެއް ނުވި އެވެ.
އެނޫން ވެސް އާންމުންނަށް ހިދުމަތް ފޯރުކޮށްދޭ ވަރަށް ގިނަ މީހުން ކައިރިއަށް ރާމާބާއީ ހިނގި އެވެ. ނަމަވެސް އޭނާއަށް އެކަމާ އުޅެލައި ދޭނޭ މީހަކު ވެސް ނުވި އެވެ.
ހަމަ މި ކަހަލަ ކަމެއް މިދިޔަ ފެބްރުއަރީ މަހު ވެސް އިންޑިޔާގެ ރަށެއްގެ 80 އަހަރުގެ ފިރިހެނަކަށް ދިމާވި އެވެ. އެމީހާއަށް ލިބުނީ 80 ކްރޯޑު ރުޕީސްގެ ބިލެކެވެ.
ގަންޕަތު ނާއިކް ކިޔާ މި މީހާއަށް ބިލް ފެނިފައި ލޭގެ ޕްރެޝަރު މަތިވެގެން ދިޔަ ދިޔައިނުން އެންމެ ފުރަތަމަ ވެސް އިމަޖެންސީކޮށް ގެންދަން ޖެހުނީ ހޮސްޕިޓަލަށެވެ. ފަހުން އެނގުނު ގޮތުގައި އެއީ ބިލު ހެދި މުވައްޒަފަށް އޮޅިގެން ޖެހިފައި އިން އަދަދެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ