2018 ވަނަ އަހަރު އަރަބިއްޔާއިން ހުރިހާ ގޮތަކުން އެންމެމޮޅު ދަރިވަރަކަށް އަލްހާފިޟް ސުލްޠާން މުޙަންމަދު ލަޠީފް

އަލްމަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާއިން 2018 ވަނަ އަހަރުގެ ހުރިހާގޮތަކުން އެންމެ މޮޅު ދަރިވަރަކަށް އަލްހާފިޟް ސުލްތާން މުހަންމަދު ލަތީފް ހޮވައިފިއެވެ.
ހުރިހާ ގޮތަކުން އެންމެމޮޅު ދަރިވަރާއި، ކިޔެވުމަށް އެންމެ މޮޅު ދަރިވަރުގެ އިތުރުން، ވޭތުވެދިޔަ އަހަރު މަތީ ޘާނަވީއާއި، ޘާނަވީ އިމްތިހާނުތަކުން ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދާފައިވާ ދަރިވަރުން ހޮވައި އިނާމު ދިނުމަށް ބޭއްވި ހަފްލާ އޮތީ ބުރާސްފަތި ދުވަހުގެރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.
2018 ވަނަ އަހަރުގެ ހުރިހާ ގޮތަކުން އެންމެމޮޅު ދަރިވަރަކަށް ހޮވުނު ދ. މީދޫ ފެހިގޭ އަލްހާފިޟް ސުލްތާން މުހަންމަދު ލަތީފަށް، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހަދާނީ ފިލާ، މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ދެއްވާ އިނާމް، ސްކޫލުންދޭ ހަނދާނީ ލިއުމާއި ޓްރޮފީ އަދި އަސްކޮއި ހައްޖު އެންޑް އުމްރާ ގްރޫޕުންދޭ އުމްރާ ދަތުރު ހަވާލު ކޮށްދެއްވީ، އިނާމް ދިނުމުގެ ހަފްލާގެ ޝަރަފްވެރި މެހްމާން، ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒްގެ ޑީން އައްޝައިޚް އަލީ ޒާހިރެވެ.
2018 ވަނަ އަހަރު ތައުލީމީ ގޮތުން އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ މާޒިނާ އަބްދުރައްހީމެވެ. އޭނާއަށް ޚާއްސަ ސްކޮލަރޝިޕްގެ ލިއުމާއި، މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ދެއްވާ އިނާމް، އަރަބިއްޔާއިން ދޭ ހަނދާނީ ލިއުމާއި ޓްރޮފީ ހަވާލުކޮށްދެއްވީ، މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރ އާއިޝަތު އާޠިޔާ ނަސީރެވެ.
2018 ވަނަ އަހަރުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނު އަލްހާފިޟް ސުލްތާން މުހަންމަދު ލަތީފް އަލްމަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގައި ތައުލީމް ހާސިލް ކުރަން ފަށާފައިވަނީ 2000 ވަނަ އަހަރު، ގްރޭޑް އެކަކުންނެވެ.
ސްކޫލް ދައުރުގައި އޭނާ ފާހަގަ ކުރެވުނީ ކިޔެވުމާއި އެހެނިހެން ގޮތްގޮތުންވެސް ވަރަށް ފާހަގަ ކޮށްލެވޭ މޮޅު، ހުނަރުވެރި، ކަންކަމުގައި އިސްނަގާ، ކާމިޔާބު އިލްމީ ދަރިވަރެއްގެ ގޮތުގައި ކަމަށް އަރަބިއްޔާއިން ހާމަކޮށްފައި ވެއެވެ.
މަދްރަސީ ދައުރުގައި އޭނާވަނީ ކީރިތި ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތްތަކުނާއި، އަދި އެނޫން ފެންވަރުތަކުގައި ބޭއްވި ޤުރުއާން މުބާރާތްތަކުން ރަން ވަނަތައް ހޯދާފައެވެ.
ކީތިރި ޤުރުއާން ހިތުދަސްކޮށް ސުލްތާން މުހަންމަދު ލަތީފް ހާފިޟްކަމުގެ ސަނަދު ހާސިލްކޮށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ އިނާމް ހާސިލްކޮށްފައިވަނީ 2016 ވަނަ އަހަރުއެވެ.
އަރަބިއްޔާގައި އޭނާ އަދާކޮށްފައިވާ މަގާމުތަކުގެ ތެރޭގައި އިސްލާމިކް ފޯރަމް ކްލަބްގެ ރައީސްކަން، ސްކޫލްގެ ސީނިއަރ ޕްރިފެކްޓްކަން ހިމެނެއެވެ.
އިނާމް ދިނުމުގެ ޖަލްސާގައި ޝުއޫރު ފާޅުކުރަމުން ސުލްތާން މުހަންމަދު ލަތީފް ބުނީ، ތައުލީމް ހާސިލްކުރުމުގައި އޭނާއަށް ލިބުނު ކާމިޔާބީއަކީ މައިންބަފައިންގެ ބަސްއަހައިގެން ކިޔެވުމަށް ގަދައަޅައި މަސައްކަތް ކުރުމުގެ ނަތީޖާ ކަމަށެވެ.
އަލްމަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާގައި، ޔުނިފޯމް ހަރަކާތްތަކުންވެސް އެންމެ ރަނގަޅު ދަރިވަރުން ހޮވައި އިނާމް ދެއްވިއެވެ.
އެގޮތުން، 2018 ވަނަ އަހަރު އަރަބިއްޔާއިން ހުރިހާ ގޮތަކުން އެންމެމޮޅު ސްކައުޓަކަށް ހޮވުނީ ޔޫސުފް އިނާޝް އިނާޒްއެވެ. ތައުލީމީގޮތުން އެންމެމޮޅު ސްކައުޓަކަށް ހޮވުނީ އަބްދުﷲ ސަރޫފް މުހަންމަދުއެވެ.
ހުރިހާގޮތަކުން އެންމެމޮޅު ގާރލް ގައިޑަކަށް ހޮވުނީ އާމިނަތު އީމާން ހުސައިންއެވެ. ތައުލީމީ ގޮތުން އެންމެ މޮޅު ގާރލް ގައިޑަކަށް ހޮވުނީ ފާތިމަތު ހުޔާމް ޚަލީލްއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ