މައުމޫން ހަމީދުގެ ސުލުކީ މައްސަލައެއް ބާ ކައުންސިލަށް ހުށަހަޅައިފި

އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު ބްލޮގަރު، ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި، ދައުވާ ލިބޭ އިިސްމާއިލް ރަޝީދުގެ ދިފާއީ ހެއްކެއްގެ ގޮތުން ޕީޕީއެމްގެ ކުރީގެ ކައުންސިލް މެމްބަރު ޒާހިދު ރަމީޒުގެ ނަން، ރަޝީދުގެ ދިފާއީ ވަކީލު އަދި ބާ ކައުންސިލުގެ ރައީސް މައުމޫން ހަމީދު ހުށަހެޅުމުން، މައުމޫން ހަމީދާ ދެކޮޅަށް ސުލޫކީ މައްސަލައެއް ހުށަހަޅައިފިއެވެ.
ޒާހިދު މިރޭ ކުރި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެ މައްސަލައާ ގުޅިގެން މައުމޫން ހަމީދުގެ ސުލޫކީ މައްސަލަ ބަޔާންކޮށް ބާ ކައުންސިލަށް ސިޓީ މެއިލްކޮށްފައިވާ ކަމަށެވެ.
ޒާހިދުގެ ސިޓީގައި ވިދާޅުވެފައިވަނީ ރަޝީދަކީ އެއްވެސް ވަރަކަށް ދަންނަ މީހެއް ނޫން ކަމަށާއި ދުވަހަކުވެސް ބައްދަލުވެ ވާހަކަ ދައްކާފައިވާ މީހެއް ވެސް ނޫން ކަަމަށެވެ. އަދި ޔާމީން ރަޝީދުގެ މަރާ އޭނާއާ ގުޅުމެއް ވާކަމަށް ބުނެ އާނާގެ އަބުރު ކަތިލަން ބަޔަކު މަސައްކަތް ކުރަމުންދާތާ އަހަރުތަކެއް ވެއްޖެ ކަމަށާއި ވަކިން ހާއްސަކޮށް ސިޔާސީ ގޮތުން އޭނާ އާއި އޭނާ ނިސްބަތްވާ، ޕީޕީއެމް ބަލިކަށިކުރުމަށް އެފަދަ ދޮގު އިލްޒާމު ބޮލުގައި އަޅުވަމުންދާތީ ހިތާމަކުރާ ކަމަށް ޒާހިދު ވިދާޅުވެފައިވެއެވެ.
ބާ ކައުންސިލަށް ޒާހިދު ހުށަހެޅި ސިޓީގައި ވިދާޅުވެފައިވަނީ ބާ ކައުންސިލުގެ ރައީސް ފަދަ ގަދަރުވެރި މަގާމެއްގައި މައުމޫން ހަމީދު ހުރެ، އެފަދަ ދޮގު އިލްޒާމު އަޅުވާ މީހުންނާ ބައިވެރިވެގެން، މުޖުތަމައުގައި ޒާހިދުގެ އަގުވައްޓާލަން މަސައްކަތް ކުރުމަކީ ވަކީލުންގެ ސުލޫކީ މިންގަނޑާ ހިލާފުކަމެއް ކަމުގައި ދެކޭ ކަމަށެވެ.
ޒާހިދު ހުށަހެޅި ސިޓީގައި މައުމޫން ހަމީދު ހިލާފުވެފައިވާ ގާނޫނީ ފަންނުގެ ގާނޫނުގެ މާއްދާތައްވެސް ހިމަނާފައިވެއެވެ.
އެގޮތުން 39 ވަނަ މާއްދާގެ (ބ) އަށް ރިއާޔަތް ކުރައްވައި ޒާހިދު ވިދާޅުވީ، ރިލުވާންގެ މައްސަލައިގައި މައުމޫން ހަމީދު ކަންކުރެއްވި ގޮތުން އާންމު މުޖުތަމައުން ވަކީލުންނާ މެދު ކުރާ އިތުބާރު ގެއްލިއްޖެ ކަމަށް ދެކޭ ކަމަށެވެ. އޭނާ ފަދަ މައްސަލައާ އެއްވެސް ގުޅުމެއްނެތް، އެ މައްސަލައިގައި ފުލުހުންވެސް އަދި ޕީޖީ އޮފީހުންވެސް ސުވާލުކޮށްފައި ނުވާ މީހަކާ މެދު އެފަދައިން ބާ ކައުންސިލުގެ ރައީސްގެ ގޮތުގައި ހުރެ މައުމޫން ހަމީދު އަމަލުކޮށްފިނަމަ ދެން ސަލާމަތުން ހުންނާނީ ކާކުތޯ އާންމުން ސުވާލު އުފައްދަމުންދާކަން ވެސް ޒާހިދު ފާހަގަކުރެއްވިއެވެ.
އޭގެ އިތުރުން 42 ވަނަ މާއްދާގެ (ހ) އަށް ރިއާޔަތްކޮށް ޒާހިދު ވިދާޅުވީ ދައުވާ އުފުލާފައިވާ އިސްމާއިލް ރަޝީދަކީ މައުމޫން ހަމީދުގެ އަނބިކަނބަލުންގެ ކޮއްކޮ ކަމަށްވާ އިރު، އަދި އެ މައްސަލައިގައި ޖަޒުބާތުން ފުރިފައިވާ ޕްރޮފެޝަނަލިޒަމެއް ނެތް ގޮތަށް މައުމޫން ހަމީދު ވަކާލާތު ކުރައްވަން ޖެހިވަޑައިގަތުމުގެ އަސްލަކީ މިނިވަންކަމާއެކު މަސައްކަތް ކުރުމަށް ހުރަސްއެޅޭ ފަދަ މައްސަލައެއް އެނގިހުރެ ނެންގެވުން ކަމުގައި ދެކޭ ކަމަށް ޒާހިދު ވިދާޅުވެފައިވެއެވެ. އަދި އެކަމުގެ ސަބަބުން މައުމޫން ހަމީދުގެ ނަޒާހާތްތެރިކަމާ މެދު ސުވާލު އުފެދޭކަމަށްވެސް ޒާހިދުގެ ސިޓީގައި ވިދާޅުވެފައިވެއެވެ.
އެހެންކަމުން ބާ ކައުންސިލުން އެކަންކަން އިތުރަށް ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ޒާހިދު ވަނީ ގޮވާލައިފައެވެ.
ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި އިސްމާއީލް ރަޝީދުގެ ދިފާއީ ހެއްކެއްގެ ގޮތުން ޒާހިދުގެ ނަން ހުށަހެޅުމާ ގުޅިގެން، ރަޝީދަކީ ދަންނަ މީހެއް ނޫން ކަމަށާއި މައުމޫން ހަމީދު އުޅެނީ ޝަރީއަތް ސިޔާސީ ކުރަން ކަމަށް ވިދާޅުވެ އިއްޔެ ޒާހިދު ވަނީ ބަޔާނެއްވެސް ނެރެފައެވެ.
ޔާމީން މަރާލި މައްސަލައިގައި ދައުލަތުން ދައުވާ ކުރަނީ ހ. އަންނާރުމާގޭ، އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރަސްމިކުގޭ، އަހުމަދު ޒިހާން އިސްމާއިލާއި ގދ. ގައްދޫ، ސިންދުބާދުގޭ، މުހައްމަދު ދިފްރާނާއި މ. ކުދެހިގޭ، ހަސަން ޝިފާޒްގެ އިތުރުން މ. ތާއިފް، އިސްމާއިލް ރަޝީދު އަދި މ. ކޮޅުފުށީ، އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށެވެ.
އެ މައްސަލައިގެ ހުލާސާ ބަޔާން ހުށަހެޅުމުގެ އަޑުއެހުން ތާވަލުކޮށްފައިވަނީ އަންނަ މަހުގެ 15ގައި ބާއްވާގޮތަށެވެ. އަދި އަންނަ މަހުގެ 30 ވަނަ ދުވަހު އެ މައްސަލައިގެ ހުކުމް އިއްވާނެ ކަމަށް އެ މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ގާޒީ އަލީ ރަޝީދު ވިދާޅުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ