ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުލް ބާރީ ޔޫސުފާއި އެއްމޭޒަކުން ރޭ ބައްދަލުކުރެއްވިކަން ސާބިތުކޮށްދީފިނަމަ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގަމުން އިސްތިއުފާ ދެއްވާނެ ކަމަށް ޕީޖީ މުހުތާޒް މުހުސިން ވިދޅުވެއްޖެ އެވެ.
ވީނިއުސްއަށް މައުލޫމާތު ދެއްވަމުން މުހުތާޒް ވިދާޅުވީ ރޭގެ ވަގުތެއްގައި ގާޒީ އަބްދުލް ބާރީ ޔޫސުފާއި ކެފޭ ލަޔާލީގައި އެމަނިކުފާނު ބައްދަލުކުރެއްވި ކަމަށް ދައްކާ ވާހަކަތަކަކީ ދޮގުވާހަކަތަކެއް ކަމަށާއި އެކަން ސާބިތު ކޮށްދީފިނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަަމަށެވެ.
"އަޅުގަނޑަކީ އެހާ ނަޒާހަތްތެރިކަން ދަށް ބޭފުޅެއް ނޫން. ސިއްރު ބައްދަލުވުމެއް ވެއްޖިއްޔާ ކީއްކުރަންތޯ އަޅުގަނޑު އޯޕަން އޭރިއާއެއްގައި ބައްދަލުކުރަންވީކީ،" މުހުތާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރޭ ލަޔާލީ ކެފޭއަށް އާއިލާގެ ބޭފުޅުންތަކަކާއެކު ދިޔައިރު ގާޒީ އަބްދުލް ބާރީ ޔޫސުފް އެތަނުގައި އިންނެވި ކަމަށާއި ނަމަވެސް އެމަނިކުފާނު އިށީންނެވީ ގާޒީއާއި ދުރުގައި ހުރި މޭޒެއްގައި ކަމަށެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން ރާއްޖެ ޓީވީގެ މުއައްޒަފުންތަކެއް އެތަނަށް އައިސް އަބްދުލް ބާރީގެ ވީޑިއޯ ކުރަން ފެށި ކަމަށާއި އެތަނުގައި އެމަނިކުފނު އިންނެވިކަން އެ މުއައްޒަފުންނަށް ނޭނގޭނެ ކަމަށެވެ.
"ވީޑިއޯ ކުރަން ފެށީމަ އެތަނުގެ އޯނަރު އައިސް ކެމަރާ ލެންސްގައި އަތް އެޅީ. އެތަނުގައި ހައިޖާނުގަނޑެއް ހިނގާފާނެތީ އަޅުގަނޑު ކެފޭއިން ނުކުމެގެން ސިޑިން ފައިބަނިކޮށް ރާއްޖެ ޓީވީގެ ފަޒީންއާ ދިމާވީ. އަޅުގަނޑު ކީއްކުރަނީތޯ އެހީމަ ބުނީ އެތަނަށް ޖައްސާލީ ކަމަށް،" މުހުތާޒް ވިދާޅުވި އެވެ.
ޕީޖީ ވިދާޅުވީ ކެފޭ ލަޔާލީއަށް ފުލުހުން އައިކަން އެނގުނީވެސް ފަހުން ކަމަށެވެ. އަދި ވިދާޅުވީ ތަނެއްގައި ކަމެއް ހިނގާނަމަ އެތަނެއް ވީޑިއޯ ކުރުމުގެ ފުރުސަތު ނޫސްވެރިންނަށް ގާނޫނުން ލިބިދީފައިވާ ކަމަށާއި އެހެންކަމުން އެފަދަ މައްސަލައެއްގައި ފުލުހުންނަށް އެފަރާތެއް ހައްޔަރުކޮށް ދައުވާ ނުކުރެވޭނެ ކަމަށް ގަބޫލުކުރައްވާ ކަަމަށެވެ.
ރާއްޖެ ޓީވީން ބުނީ އެތަނުގެ ހަތަރު މުވައްޒަފަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ކެފޭ ލަޔާލީގައި ޕްރޮސެކިއުޓަ ޖެނަރަލް މުހުތާޒް މުހުސިނާއި ގާޒީ ބާރީ ބައްދަލުކުރައްވަމުން ގެންދަވަނިކޮށް ރާއްޖެ ޓީވީގެ ނޫސްވެރިން އެތަަނަށް ދިއުމުން ކަމަށެވެ.
ގާޒީ އަބްދުލް ބާރީ ޔޫސުފަކީ އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލާގައި ދައުވާ ލިބޭ ފަރާތްތަކުގެ މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އަދި އެބޭފުޅާއަކީ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްސަލަ ބައްލަވާ ތިން ފަނޑިޔަރުންގެ ތެރެއިން ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރެެވެ.
ގާޒީ ބާރީއާ ބައްދަލުކުރިކަން ސާބިތުކޮށްދީފިނަމަ މަގާމުން އިސްތިއުފާ ދޭނަން: ޕީޖީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ