ލޯކަލް ގަވަރުމެންޓް އޮތޯރިޓީއަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ވަޒީރުގެ ގޮތުގައި ހޯމް މިނިސްޓަރު އުމަރު ނަސީރު އައްޔަންކުރައްވައިފި އެވެ.
ލާމަރުކަޒީ ގާނޫނުގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވުމަށްޓަކައި ރައީސުމްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ވަޒީރަކު އެލްޖީއޭގެ ބޯޑުގައި އިންނަން ޖެހޭނެ ކަމުގަ އެވެ.
އެލްޖީއޭގެ ބޯޑަށް ހޯމް މިނިސްޓަރު އުމަރު ނަސީރު އައްޔަންކުރައްވާފައި މިވަނީ ވަޒީރުންގެ މަޖިލީހުން އެލްޖީއޭގައި ކުރިން އިންނެވި މުހައްމަދު ނާޒިމް ޑިފެންސް މިނިސްޓަރު ކަމުން ވަކިކުރެއްވުމާއި ގުޅިގެންނެވެ.
އެލްޖީއޭގައި ބޯޑުގައި ތިއްބަވަނީ ޖުމްލަ ނުވަ މެންބަރުންނެވެ.
އެލްޖީއޭގެ ބޯޑު މެންބަރު ކަމަށް އުމަރު މިއަދު އައްޔަންކުރައްވާފައިވާއިރު އެލްޖީއޭގެ ބޯޑު މެންބަރު އަދި އެލްޖީއޭގެ ކުރީގެ ނައިބް ރައީސް ސުޖާއު ހުސައިން ހުށަހެޅުއްވި އިތުބާރު ނެތް ކަމުގެ މައްސަލައަކާއި ގުޅިގެން އެލްޖީއޭގެ ރައީސް ކަމުގައި ހުންނެވި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްއާ އެލްޖީއޭގެ ނއިބް ރައީސް ކަމުގައި ހުންނެވި މުސާ ނަސީރު މަގާމުން ވަކިކުރެވިފައިވާ ކަމަށް ސުޖާއު ވަނީ ވިދާޅުވެފަ އެވެ. އަދި އެ ދެބޭފުޅުން ވަކިކުރަން ނިންމި އެލްޖީއޭގެ ބޯޑުގެ ބައްދަލުވުމުގައި އެލްޖީއޭގެ ހިންގުން އޭނާއާ ހަވާލުކުރައްވާފައިވާ ކަމަށްވެސް ސުޖާއު ވިދާޅުވި އެވެ.
ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމިޓީން މިހާރު ވަނީ ސުޖާއު މަގާމުން ސަސްޕެންޑްކޮށް އޭނާ އެލްޖީއޭގެ ބޯޑުން ވަކިކުރަން މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް ނިންމާފަ އެވެ.
އެލްޖީއޭގެ ބޯޑަށް ހޯމް މިނިސްޓަރު އުމަރު ނަސީރު އައްޔަންކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ