ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ސިފައިންގެ ބެލުމުގެ ދަށަށް ގެންދިއުމަށް އަމުރުކުރެއްވީ ކުރީގެ ރައީސް އަދި އޭރު ސިފައިންގެ އެންމެ މަތީ ވެރިޔާގެ މަގާމުގައި ހުންނެވި މުހައްމަދު ނަޝީދު ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތް އިބްރާހިމް ކަލޭފާނު ވިދާޅުވެއްޖެ އެވެ.
ތޮލްހަތުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން މިރޭ ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުވާއަށް ޖަވާބު ދެއްވަމުން ތޮލްހަތުގެ ގާނޫނީ ވަކީލު މުހައްމަދު ޝާހު ވިދާޅުވީ އަބްދުﷲ ގާޒީ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިއުމަށް އަމުރުކުރުމާއި ގުޅިގެން އެ އޮޕަރޭޝަން ކުރިއަށް ގެންދެވީ މާލޭ އޭރިއާގެ ކޮމާންޑަރަކަށް އޭރު ހުންނެވި ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑު އިބްރާހިމް ދީދީ ކަމަށެވެ.
އަބްދުﷲ ގާޒީ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މައްސަލައިގައި ރައީސް ނަޝީދާ ތޮލްހަތާއި ދީދީގެ އިތުރުން މިހާރުގެ ޑިފެންސް މިނިސްޓަރު އަދި ކުރީގެ ޗީފް އޮފް ޑިފެންސް މޭޖަ ޖެނަރަލް ރިޓަޔާޑް މޫސާ އަލީ ޖަލީލާއި އަދި ކުރީގެ ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށްވެސް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފަ އެވެ.
އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލައިގައި މީގެ ކުރިން މިހުރިހާ ބޭފުޅުންގެ މައްޗަށްވެސް ދައުލަތުން ދައުވާ އުފުލީ ކުށެއް ނުކުރާ މީހަކު ހައްޔަރުކޮށްގެން ގެންގުޅުމުގެ ދައުވާ އެެވެ. އެ ދައުވާ ކޯޓުގައި ހިނގަމުންދަނިކޮށް ޕީޖީ ވަނީ އެ ދައުވާ މިދިޔަ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހު އަނބުރާ ގެންދަވާފަ އެވެ. އެ ދައުވާ އެ ބޭފުޅުންގެ މައްޗަށް ސާބިތުވި ނަމަ ގިނަވެގެން އަންނާނީ ތިން އަހަރުގެ ޖަލު ހުކުމެކެވެ. ނަމަވެސް މިހާރު އެބޭފުޅުންގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ ސާބިތުވެއްޖެނަމަ އެ ބޭފުޅުންގެ މައްޗަށް 10 އަހަރާއި 15 އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
އަބްދުﷲ ގާޒީ ހައްޔަރުކުރަން އަމުރު ނެރުއްވީ ނަޝީދު: ތޮލްހަތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ