އަބްދުﷲ ގާޒީ ހައްޔަރުކުރުމަށް އަމުރެއް ކޮށްފައެއް ނުވޭ: މޫސާ ޖަލީލު

އެއްވެސް މީހަކު ހައްޔަރު ކުރުމަށް ދައުލަތުގެ އެއްވެސް ވެރިއަކު އަމުރު ކުރައްވާފައި ނުވާކަމަށް ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލު ވިދާޅުވެއްޖެ އެވެ.
މޫސާ އަލީ ޖަލީލު މިހެން ވިދާޅުވީ، ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުޙައްމަދު ހައްޔަރުކޮށް ގިރިފުށީގައި ބަންދުކޮށްފައި ބެހެއްޓި މައްސަލައިގައި ދައުލަތުން މޫސާ އަލީ ޖަލީލުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމުގެ ދައުވާގެ ޝަރީއަތުގެ ދެވަނަ އަޑު އެހުމުގަ އެވެ.
ކްރިމިނަލް ކޯޓުގައި މިރޭ 7 ޖެހިއިރު ބޭއްވި މި ދައުވާގެ ދެވަނަ އަޑު އެހުމުގައި ދައުލަތުން ހުށަހަޅާފައިވާ ދައުވާއަށް ޖަވާބުދާރީވެވަޑައިގަންނަވަމުން މޫސާ އަލީ ޖަލީލު ވިދާޅުވީ، ދައުލަތުގެ އެއްވެސް ވެރިއަކު މީހަކު ހިފާ ހައްޔަރުކުރުމަށް އޭނާއަށް އަމުރު ކުރައްވާފައި ނުވާކަމަށާއި، އަދި އެފަދަ އަމުރެއް އޭނާވެސް އެއްވެސް މީހަކަށް ކުރައްވާފައި ނުވާނެ ކަމަށެވެ.
އަދި އެކަމާ ބެހޭގޮތުން އެއްވެސް މަޝްވަރާއެއް ވެސް އޭނާއާ ކޮށްފައި ނުވާ ކަމަށާއި ގާޒީ ބަންދުގައި ހުންނެވި 22 ދުވަސް ތެރޭގައި ވެސް އެފަދަ މަޝްވަރާއެއް އޭނާއާ ކޮށްފައި ނުވާ ކަމަށް ޖަލީލް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރުކުރުމާ ބެހޭގޮތުން، އޭނާ ހުންނެވި ތަނެއްގައި ވެސް ވާހަކައެއް ދެކެވިފައި ނުވާ ކަމަށެވެ.
އަދި ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމުގެ ދައުވާއަށް އިންކާރު ކުރައްވާ ކަމަށް ވެސް މިރޭ ބޭއްވި އަޑު އެހުމުގައި މޫސާ އަލީ ޖަލީލު ވަނީ ވިދާޅުވެފަ އެވެ.
ދައުލަތުން ހުށަހަޅާފައިވާ ދައުވާއަށް މޫސާ އަލީ ޖަލީލު އިންކާރު ކުރެއްވުމާއި ގުޅިގެން އެ ދައުވާ ސާބިތު ކުރުމަށް ދައުލަތުން ވަނީ ގިނަ ހެކިތަކެއް ޝަރީއަތަށް ހުށަހަޅާފަ އެވެ. ހަތަރު ބަޔަކަށް ބަހާލައިގެން ހެކި ހުށަހަޅާފައިވާއިރު، ދައުލަތުން ހުށަހެޅި ހެކިތައް ބަހާލާފައިވަނީ، ހައްޔަރު ކުރިކަން ސާބިތުކުރުމާއި، އަބްދުﷲ ގާޒީ ހައްޔަރު ކުރުމަށް މަޝްވަރާކުރި ކަން ސާބިތު ކުރުމާއި، އަބްދުﷲ ގާޒީ ހައްޔަރުކޮށް ގިރިފުށީގައި ބަންދުކޮށްފައި ބެހެއްޓުމުގެ އިތުރުން އެ އޮޕަރޭޝަން ކުރިއަށް ގެންދިޔަ ކަން ސާބިތު ކޮށްދިނުމެވެ.
މީގެ އިތުރުން މޫސާ އަލީ ޖަލީލުގެ ފަރާތުން ވެސް ވަނީ ދިފާއީ ހެކި ޝަރީއަތަށް ހުށަހަޅުއްވާފަ އެވެ. މޫސާ އަލީ ޖަލީލު ހެކީގެ ގޮތުގައި ހުށަހަޅުއްވާފައި ވަނީ، އަބްދުﷲ ގާޒީ ހައްޔަރުކުރި ކަމަށް ދައުލަތުން ތުހުމަތު ކުރާ މުއްދަތުގެ ތެރޭގައި ސިފައިންނާއި ފުލުހުންގެ އިސް ވެރިންގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ހަ ފަރާތެއްގެ ނަމެވެ.
ދެ ފަރާތުން ވެސް ހެކި ހުށަހެޅުއްވުމާއި ގުޅިގެން މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ވަނީ، ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ އެއްވެސް ބޭފުޅެއްގެ ހެކި ބަސް މި މައްސަލައިގެ ހެކި ބަހެއްގެ ގޮތުގައި ޝަރީއަތަށް ބަލައި ނުގަންނަވާނެކަމަށް ވިދާޅުވެފަ އެވެ.
މޫސާ އަލީ ޖަލީލުގެ އިތުރުން ދައުލަތުން ޓެރަރިޒަމުގެ ދައުވާ އުފުލާފައިވާ މާލޭ އޭރިއާގެ ކުރީގެ ކޮމާންޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީގެ ޝަރީއަތުގެ ދެވަނަ އަޑު އެހުން ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
ވަކި ވަކިން ކުރިއަށް ގެންދިޔަ މި ދެ އަޑު އެހުމުގައި އިބްރާހިމް ދީދީ ވަނީ މައްސަލައާއި ގުޅޭ ގިނަ އަދަދެއްގެ ލިޔުންތައް ދިރާސާކުރަން ހުރުމާއި އެކު ދައުވާއަށް ޖަވާބުދާރީވުމަށް ހަތް ދުވަހުގެ މުހުލަތެއް ދެއްވުމަށް އެދިވަޑައިގެންފަ އެވެ. އެކަމަކު ދައުލަތުން ޓެރަރިޒަމުގެ ދައުވާ އުފުލާފައިވާ ހުރިހާ ފަރާތްތަކަށް ވެސް ދެމުން ގޮސްފައިވަނީ ތިން ދުވަހުގެ ފުރުސަތެއް ކަމަށް ވިދާޅުވެ އިބްރާހިމް ދީދީއަށް ވެސް ވަނީ ތިން ދުވަހުގެ ފުރުސަތު ދީފަ އެވެ.
ޓެރަރިޒަމުގެ ދައުވާ އުފުލާފައިވާ ކުރީގެ ކާނަލް މުޙައްމަދު ޒިޔާދު މިރޭ ބޭއްވި ޝަރީއަތުގެ އަޑު އެހުމުގައި ވެސް ދައުވާއަށް ޖަވާބުދާރީވެފައެއް ނުވެ އެވެ. މިރޭގެ އަޑު އެހުމުގައި ވެސް ޒިޔާދު ވަނީ ޖަވާބުދާރީވުމަށް އިތުރު ފުރުސަތަކަށް އެދިފަ އެވެ. ފަނޑިޔާރުންގެ ބެންޗުން ވަނީ ޒިޔާދުއަށް ވެސް ދައުވާއަށް ދާރީވުމަށް ތިން ދުވަހުގެ ފުރުސަތެއް ދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ