އިސްދޫއަށް ކަރަންޓް ދިނުމަށް އާ އިންޖީނެއް ގަންނަން ބަޔަކާ ހަވާލުކޮށްފި

ލ. އިސްދޫއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލުކުރުމަށް އާ ޖަނަރޭޓަރެއް ގަތުމަށް ބަޔަކާއި ހަވާލުކޮށްފި އެވެ.
ފެނަކަ ކޯޕަރޭޝަންގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޖަނަރޭޓަރު ގަތުމަށް ހަވާލުކުރީ ޔުނި އިންޖީނޭރިން ޕްރައިވެޓް ލިމިޓެޑަށެވެ.
މިކަމުގައި އެއްބަސްވުމުގައި އެކުންފުނީގެ ފަރާތުން ސޮއިކުރީ ޖެނަރަލް މެނޭޖާ ގައިސް އިސްމާއިލް އެވެ. ފެނަކައިގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް އެވެ.
އިސްދޫ އަށް ގެންދިއުމަށް މިއަދު ގަންނަން ހަވާލުކުރީ 360 ކިލޯ ވޮޓުގެ ޖަނަރޭޓަރެކެވެ.
މިރަސްމިއްޔާތުގެ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް ވިދާޅުވީ މިއަދު ގަންނަން ހަވާލުކުރި ޖަނަރޭޓަރު އަންނަ އާދިއްތަ ދުވަހު ރާއްޖެއަށް ލިބޭނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި އަންނަ ހަފްތާ ނިމުމުގެ ކުރިން މި ޖަނަރޭޓަރު އިސްދޫއަށް ގެންގޮސް މި ޖަނަރޭޓަރު ބޭނުންކޮށްގެން ކަރަންޓްގެ ހިދުމަތް ދެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.
އިސްދޫގެ ފެނަކަ އިންޖީނުގޭގައި ހުރީ 160 ކިލޯ ވޮޓާއި 80 ކިލޯ ވޮޓުގެ ޖަނަރޭޓަރެކެވެ.
އިސްދޫ އަށް ކަރަންޓުގެ މައްސަލަ ކުރިމަތިވީ 160 ކިލޯ ވޮޓުގެ ޖަނަރޭޓަރަށް ދިމާވި މައްސަލައަކާއި ގުޅިގެންނެވެ. އެމައްސަލައަށް ވަގުތީ ހައްލެއް ގެނެފައިވީ ނަމަވެސް ކަރަންޓްގެ މައްސަލަ އެރަށުގައި ބޮޑު ކަމަށް އިސްދޫ ކައުންސިލް އިދާރާއިން ބުނެ އެވެ.
ފެނަކައިން ބުނީ އިސްދޫއަށް ގެންދާ އާ ޖަނަރޭޓަރު ބޭނުންކޮށްގެން ހިދުމަތް ދޭން ފެށުމާއެކު އެރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ