ލީތަލް އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ދެވިދާނެ ކަމަށް އެމެރިކާގެ ސްޕްރީމް ކޯޓުން މިއަދު ނިންމައިފިއެވެ.
އެމެރިކާގެ އޮކްލޮހޯމާގައި މަރުގެ އަދަބު ދޭން ޙުކުމް ކޮށްފައިވާ މީހަކު ކޯޓަށް ހުށަހެޅި މައްސަލައަކާއި ގުޅިގެން ސްޕްރީމް ކޯޓުން މިއަދު ނިންމި ނިންމުގައި ބުނެފައި ވަނީ އޮކްލޮހޯމާގައި ވެސް އަދި އެމެރިކާގެ އެހެން ސްޓޭޓެއްގައި ވެސް ލީތަލް އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ދިނުމަށް ޤާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށެވެ.
މިމައްސަލަ ކޯޓަށް ވެއްދި ގައިދީގެ ވަކީލް ބުނެފައި ވަނީ މަރުގެ އަދަބު ދިނުމުގައި ބޭނުންކުރާ އިންޖެކްޝަންގައި ހުންނަ ކެމިކަލްގެ ސަބަބުން ކަށިގަނޑަށް ލިބޭ ގެއްލުމަކީ ޤާނޫނުން އޭނާގެ މައްޗަށް ދިނުމަށް ކަނޑައަޅާފައިވާ އަދަބެއް ނޫން ކަމަށާއި އެހެން ކަމުން އިންޖެކްޝަން ޖަހައިގެން މީހަކު މެރުމަކީ ޤާނޫނާއި ހިލާފު ކަމެއް ކަމަށް ނިންމައި ދިނުމަށް އެދޭ ކަމަށެވެ.
އިންޖެކްޝަން ޖަހައިގެން މަރުގެ ޙުކުމް ތަންފީޒު ކުރެވޭނެ ކަމަށް ނިންމާފައި ވަނީ އެމެރިކާ ސްޕްރީމް ކޯޓުގެ ނުވަ ފަނޑިޔާރުންގެ ތެރެއިން 5 ފަނޑިޔާރެއްގެ ތާއީދާއި އެކުއެވެ. އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ނުދެވޭނެ ކަމަށާއި މަރުގެ އަަދަބު ދިނުމަށް އެއަށްވުރެ ލުއިގޮތެއް ހޯދަން ޖެހޭނެ ކަމަށް 4 ފަނޑިޔާރަކު ވަނީ ރައުޔު ނެރުއްވާފައެވެ.
އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ދެވޭނެ ކަމަށް އެމެރިކާ ސްޕްރީމް ކޯޓުން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ