ގައުމީ ސިއްހީ ފަރުވާގެ އިންޝުއަރެންސްގެ ބިލްގައި ބުނާ ވަޒީފާ އަދާކުރާ ފަރާތާއި ވަޒީފާ ދޭ ފަރާތުން ދައްކަންޖެހޭ ހަތް ޕަސެންޓް ފައިސާ ދައްކަން ނުޖެހޭ ގޮތަށް ޑީއާރްޕީން އިސްލާހެއް ހުށަހަޅައިފި އެވެ.
މަޖިލިސްކުރާ ގޭގެ ބޭރުގައި ހުންނަވައިގެން ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ވިދާޅުވީ ސިއްހީ ހިދުމަތް ލިބުމުގެ ފުރުސަތު ދައުލަތުން ދޭން ޖެހެނީ އެމީހާ ނުވަތަ ވަޒީފާ އަދާކުރާ ފަރާތުގެ ހިއްސާއަކާއި ނުލައި ކަމަށެވެ. އެހެން ބަޔަކު އަތުން ފައިސާ ނުނަގައި ދައުލަތުގެ ހަރަދުގައި ހިދުމަތް ފޯރުކޮށްދޭން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސިއްހީ ފަރުވާގެ އިންޝުއަރެންސްގެ ބިލް ހުށައަޅާފައިވާ ގޮތުން ސްކީމްގައި ބައިވެރިވާއިރު ވަޒީފާ އަދާކުރާ ފަރާތުން 3.5 ޕަސެންޓް ފައިސާ ދައްކަން ޖެހެ އެވެ. އަދި ވަޒީފާ ދޭފަރާތުން ވެސް 3.5 ޕަސަންޓް ދައްކަން ޖެހެ އެވެ. 
ތަސްމީން ވިދާޅުވީ އެއްވެސް ފައިސާއެއް ނުދައްކާ ހުރިހާ އެންމެންނަށް ވެސް އެ ސްކީމްގައި ބައިވެރިވެވޭ ގޮތަށް ޑީއާރްޕީން ހުށައަޅާފައިވާ އިސްލާހު ފާސްކުރެވޭތޯ މަސައްކަތް ކުރަށްވާނެ ކަމަށެވެ. 
"މިހާރު ދައުލަތަށް ލިބޭ އާމްދަނީއަށް ބަލާއިރު އިންޝުއަރެންސް ސްކީމުގެ ބައިވެރިވުމުގެ ފުރުސަތު އޮންނަން ޖެހޭނީ އެމީހާ ނުވަތަ ވަޒީފާ ދޭފަރާތުގެ ހިއްސާއަކާއި ނުލައި. އެގޮތަށް އެ އިސްލާހު ފާސްވޭތޯ ޑީއާރްޕީން މަސައްކަތް ކުރާނަން،" ތަސްމީން ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ ގައުމީ ސިއްހީ ފަރުވާގެ އިންޝުއަރެންސް ސްކީމް އެންމެ ފުރިހަމައަށް ރައްޔިތުންނަށް ފޯރުކޮށްދެވޭނީ މިހާރު ވިޔަފާރީގެ އުސޫލަށް ސަރުކާރުން ހިންގާ ސިއްހީ ހިދުމަތް ހުއްޓާލައި، ނޭޝަނަލް ހެލްތު ސާވިސް އެއް ގާއިމްކޮށްގެން ކަމަށެވެ.
ހެލްތު ސްކީމެއް ތައާރަފު ކުރުމުން ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުވެގެން ނުދާނެ ކަމަށާއި ސިއްހީ ހިދުމަތް ރަނގަޅު ކުރެވޭނީ ސަރުކާރުން އެހިދުމަތް ފެންވަރު މަތިކުރަން މަސައްކަތްކޮށްގެން ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.  
ލިޔުމާ ގުޅޭ އޯޑިއޯ:Ahmed Thasmeen (mp3)
    
    ސިއްހީ ފަރުވާގެ އިންޝުއަރެންސަށް ފައިސާ ނުދައްކާ ގޮތަށް ޑީއާރްޕީން އިސްލާހު ހުށަހަޅައިފި
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
             
             
            