ފަނޑިޔާރު އަބްދުﷲ ސައީދަށް ގްރޫޕަކުން ގޯނާކޮށްފި

ކުރީގެ އުއްތަމަ ފަނޑިޔާރު އަދި މިހާރު ސުޕްރީމް ކޯޓްގެ ފަނޑިޔާރު އަބްދުﷲ ސައިދު މިއަދު ހުކުރު ނަމާދުން ފައިބައިގެން ގެއަށް ވަޑައިގަންނަވަނިކޮށް ގުރޫޕަކުން ގޯނާކޮށްފި އެވެ.
ޝަރުއީ ދާއިރާގެ އޮފިޝަލަކު މިއަދު "ސަން"އަށް މައުލޫމާތު ދެއްވަމުން ދެންމެ ވިދާޅުވީ ފަނޑިޔާރު އަބްދުﷲ ސައީދު ހުކުރުން ފައިބައިގެން ގެއަށް ވަޑައިގަންނަވަނިކޮށް ގުރޫޕަކުން އޭނާ ވަށާލައި ހަޑި ހުތުރު ބަހުރަވައިން މުހާތަބުކޮށް ހެދި ކަމަށެވެ. ނަމަވެސް އެ ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފަނޑިޔާރު އަބްދުﷲ ސައިދަށް ބަޔަކު ގޯނާ ކުރި ކަމެއް އަދި ފުލުހުންނަށް ރިޕޯޓްކޮށްފައި ނުވާ ކަމަށާއި ނަމަވެސް އެފަދަ ކަމެއް ހިނގާފައިވޭތޯ ފުލުހުން ބަލަމުންދާ ކަމަށެވެ.
އަބްދުﷲ ސައިދަކީ ނިމިދިޔަ އިންތިގާލީ ސްޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރެވެ. އޭނާ ދެކޮޅަށް ރައީސް އޮފީހުގައި މަސައްކަތް ކުރައްވާ ބޭފުޅަކު ވަނީ ކޮރަޕްޝަންގެ މައްސަލައެއް އެންޓި ކޮރަޕްޝަންގެ ކޮމިޝަން (އޭސީސީ)އަށް ހުށަހަޅާފަ އެވެ.
ސުޕްރީމް ކޯޓާއި ފަނޑިޔާރުންނަށް ނިސްބަތްކޮށް އެމްޑީޕީގެ ޗެއާޕާސަން ރީކޯ މޫސަ މަނިކު ވިދާޅުވެފައި ވަނީ ސަރުކާރަކީ ލާދީނީ ސަރުކާރެކޭ ބުނާ ނަމަ ސުޕްރީމް ކޯޓުން "ވަގުތުން" އެ މައްސަލަ ބަލަން ޖެހޭނެ ކަމަށެވެ. އަދި ސަރުކާރާ މެދު އެފަދަ ތުހުމަތުތަކުން އިލްޒާމްތަކެއް ސަރުކާރަށް ނުކުރެވޭނެއޭ ބުނެ "ތިޔަހެނެއް ނުކިޔޭނެ" ކަމަށް ސްޕްރީމް ކޯޓުން ކަނޑައަޅަން ޖެހޭނެ ކަމަށް މޫސަ ވިދާޅުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ