ކަސްޓަމްސް އާއި އިމިގްރޭޝަން އެއްކޮށްލުމަށް ވިސްނަން: އުމަރު

ކަސްޓަމްސް އާއި އިމިގްރޭޝަން އެއްކޮށްލުމުގެ ވިސްނުން ސަރުކާރުގައި ގެންގުޅޭ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ. ކަސްޓަމްސް އިން މިއަދު ފާހަގަކުރާ 125 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އުމަރު ވިދާޅުވީ ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި ވެސް އޮންނަ ފަދައިން ކަސްޓަމްސްއާއި އިމިގްރޭޝަން އެއްކޮށްލުމުގެ ވިސްނުން ސަރުކާރުގައި ގެންގުޅޭ ކަމަށެވެ. މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރު އުމަރު ވާހަކަ ދައްކަވަނީ-- ފޮޓޯ: ކަސްޓަމްސް "އޭގެ މަޤުސަދަކީ މިދެ މުއައްސަސާ އެއްކޮށްލުމުން ދައުލަތަށް ހަރަދު ކުޑަވެ، މިދެ މުއައްސަސާއަކީ ގާތްގަނޑަކަށް އެއްކަހަލަ ދެތަންކަމަށް ވާތީވެ މިކަމުގެ ސަބަބުން ހަލުވި ކުރިއެރުންތަކެއް ހޯދޭނެކަމަށް ދެކިވަޑައިގަންނަވާކަމަށް." މިނިސްޓަރު އުމަރު ވިދާޅުވިއެވެ. މިހާރު ކަސްޓަމް ހޯމް މިނިސްޓްރީގެ ދަށުން ހިންގާއިރު އިމިގްރޭޝަން ހިންގަމުން ދަނީ އިކޮނޮމިކް މިނިސްޓުރީގެ ދަށުންނެވެ. އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އައްބާސް އާދިލް ރިޒާ ވިދާޅުވީ ކަސްޓަމްސްގެ 125 ވަނަ އަހަރީ ދުވަސް ފެށިގެންދާއިރު، ކަސްޓަމްސް މިވަނީ "ރިސްކް ބޭސްޑް މެނޭޖްމަންޓް ފްރޭމްވާކްއަކަށް" ބަދަލުވުމަށް ޓަކައި ކުރަން ޖެހޭ ކަންކަން ކުރެވިފައިކަމަށާއި މިކަމުގެ ސަބަބުން ކަސްޓަމްސްއިން ފޯރުކޮށްދޭ ހިދުމަތްތައް އަވަސްވެގެން ދާނެކަމަށެވެ. "ރާއްޖޭގައި ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ 24 ރިސޯޓަށް ގެނެވޭ މުދަލާއި އަދިވެސް ބައިނަލްއަޤްވާމީ ވިޔަފާރި ފުޅާވަމުންދާ ސްޕީޑާ އެއްވަރަށް ކަސްޓަމްސްގެ ހިދުމަތްތައް ތަރައްގީކޮށް، މިކަންކަމަށް ސާބިތުކަމާއެކު ކުރިމަތިލުމަށް ވާން ޖެހޭ ތައްޔާރީތައް މިހާރު ވަމުންދަނީ." އައްބާސް ވިދާޅުވި އެވެ. މި ބޭއްވި އެ ރަސްމިއްޔާތުގައި ދުވަހާ ގުޅޭގޮތުން ހާއްސަ ދުއާއެއް ކުރުން އޮތެވެ. އެ މިދުއާ ކޮށްދެއްވީ އައްޝައިހް އަޒްމަތު ޖަމީލް އެވެ. ކަސްޓަމްސް މައި އޮފީހުގެ އިތުރުން ރާއްޖޭގެ ކަންކޮޅުތަކުގައި ޤާއިމުކޮށްފައިވާ ކަސްޓަމްސް އޮފީސްތަކުގައި ވެސް ދިދަ ނެގުމުގެ ރަސްމިއްޔާތު ވަނީ ބާއްވާފައި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ