މާދަމާ ހަވީރު 5 އިން ފެށިގެން އައްޑޫގައި އާއްމު ވިޔަފާރި ކުރުން މަނާ!

މާދަމާ ހަވީރު 5 ގެ ފަހުން އައްޑޫގައި އާއްމު ވިޔަފާރި ކުރުން އައްޑޫ ސިޓީ ކައުންސިލުން މަނާކޮށްފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން މިރޭ ނެރުނު އިއްލާނެއްގައި ބުނެފައިވަނީ ކޮރޯނާ ވައިރަސް ރާއްޖޭގައި ފެތުރޭ ނިސްބަތް އިތުރުވަމުން ދިއުމާއި ގުޅިގެން އައްޑޫ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މާދަމާ ހަވީރު 5ގެ ފަހުން އާއްމު ވިޔަފާރި ކުރުމަކީ މަނާކަމެއް ކަމަށެވެ.
"(ކޮވިޑް-19) އަށް ޕޮޒިޓިވްވާ މިންވަރު ދިވެހިރާއްޖޭގައި ވެސް އިތުރުވަމުން ދިއުމާއިގުޅިގެން ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލަމާރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 39 ވަނަ މާއްދާގެ (ޓ)، (ޗ) އާއި ޤާނޫނު ނަންބަރު 2012/7 (ޢާންމު ސިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 41 ވަނަ މާއްދާގެ (ށ) ، (ނ) އިން ކައުންސިލަށް ލިބިދީފައިވާ ބާރުގެ ދަށުން އައްޑޫގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި 19 އެޕްރީލް 2020 ވާ އާދިއްތަ ދުވަހުގެ ހަވީރު 05:00 އިން ފެށިގެން ޢާންމު ވިޔަފާރީގެ ޚިދުމަތްތައް ދިނުމަކީ މަނާކަމެވެ." ކައުންސިލް އިއްލާނުގައި ވެއެވެ.
ކައުންސިލުން ބުނީ މާދަމާ ހަވީރު 5 ގެ ފަހުން ޢާންމު ވިޔަފާރިތަކުން ދެވޭ ޚިދުމަތަކީ ހަމައެކަނި އެރަށެއްގެ ގެތަކަށް ޑެލިވަރީގެ ޚިދުމަތް ކަމަށެވެ. އަދި ޑެލިވަރީ ހިދްމަތް ދިނުމަށް އެރަށެއްގެ ސޯޝަލް ސަޕޯރޓު ޑެސްކުގައި ރަޖިސްޓްރީ ކުރެއްވުމުން އެފަރާތްތަކަށް ޑެލިވަރީ ކުރުމުގެ ހުއްދަ ދޭނެ ކަމަށެވެ.
މި އިއްލާނާއި ހިލާފުވާ ފަރާތްތަކާއި މެދު ގާނޫނީ ފިޔަވަޅު އަޅާނެކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.
އައްޑޫ ކައުންސިލުން މިފަދަ އިއްލާނެއް ނެރުނު އިރު އިސްލާމިކް މިނިސްޓްރީން މިއަދު ވަނީ އައްޑޫ އާއި ފުވައްމުލަކުގައި ޖަމާއަތުގައި ނަމާދު ނުކުރުމަށް އަންގާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ