އުއްތަމަ ފަނޑިޔާރު އަލްއުސްތާޒު އަބްދުﷲ ސައީދުގެ މައްޗަށް އުފުލާފައިވާ ދައުލަތުގެ މަސައްކަތަށް ހުރަސްއެޅުމުގެ ދައުވާގެ ޝަރީއަތް ކުރިއަށް ގެންދެވޭނެ ކަމަށް ނިންމައި، ދެފަރާތުން ލިޔުންތައް ހުށަހެޅުމަށް ދެދުވަހުގެ މުއްދަތެއް ދީފިއެވެ.
އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގެ އަޑުއެހުން މިއަދު ފެށީ މެންދުރުފަހު 3:00 ގައެވެ. މިއަޑުއެހުމުގެ ބައެއް މިރޭވެސް ކުރިއަށް ގެންގޮސްފައިވާއިރު، މިއީ ދައުލަތުގެ ލިޔެކިޔުންތައް ބަދަލުކުރުމަށް ގާއިމުކޮށްފައިވާ ނެޓްވޯކު ގަވަރުމަންޓް އީ-ލެޓަރ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް)ގެ ޚިދުމަތް މެދުކނަޑާލަން ސުޕްރީމް ކޯޓު މުވައްޒަފުންނަށް އެންގެވި ކަމަށް ބުނާ މައްސަލައިގެ ޝަރީއަތެވެ.
މިއަޑުއެހުމުގައި ގާޒީ ވަނީ މިމައްސަލަ ބެލޭނެ ކަަމަށް ނިންމަވައި ދެފަރާތުން ލިޔެކިޔުންތައް ހުށަހެޅުމަށް 2 ދުވަހުގެ މުއްދަތެއް ދެއްވާފައެވެ. އެހެންކަމުން ބުރާސްފަތި ދުވަހު އަޑުއެހުމެއް އޮންނާނެކަން ވެސް ގާޒީ އިއުލާންކުރެއްވިއެވެ.
އުއްތަމަ ފަނޑިޔާރުގެ މައްޗަށް އުފުލާފައިވާ މިދައުވާގެ އަޑުއެހުން ކުރިއަށްގެންދަވާ ގާޒީ ބަދަލުވެފައި ވުމުން، ދިފާއީ ވަކީލާއި ގާޒީއާއި ދެމެދު ވަނީ ހޫނުގަދަ ބަހުސެއް ވެސް ހިނގާފައެވެ. މިއަދުގެ އަޑުއެހުމުގައި ޝަރީއަތް ކުރައްވަން އިންނެވީ ގާޒީ އިބްރާހީމް އަލީއެވެ. މިމައްސަލާގައި މީގެ ކުރިން ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވަން އިންނެވީ ގާޒީ އަހުމަދު ހައިލަމް ކަމަށް އުއްތަމަ ފަނޑިޔާރުގެ ވަކީލުން ވިދާޅުވިއެވެ. ނަމަވެސް ގާޒީ އިބްރާހީމް އަލީ ވިދާޅުވީ މިއަދުން ފެށިގެން މިމައްސަލަ ބައްލަވާނީ އޭނަ ކަމަށެވެ.
މީގެ އިތުރަށް ދައުލަތުގެ ފަރާތުން ދައުވާ ހުށަހެޅުމުން ދައުވާއަށް އުއްތަމަ ފަނޑިޔާރު އިންކާރު ކުރައްވާ ކަމަށް ވިދާޅުވީ މައްސަލަ ބައްލަވަން އިންނެވި ގާޒީކަން ފާހަގަވެއެވެ. ދައުވާ ސާފުވެއްޖެއްތޯ ނުވަތަ ދައުވާއަށް އިންކާރުކުރައްވާތޯ ނުވަތަ އިއުތިރާފުވޭތޯ އާންމު އުސޫލުން ގާޒީ އެއްސެވުމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ޖަވާބު ދެއްވާނީ ވަކީލުން ކަމަށެވެ. ވަކީލުން ވިދާޅުވީ ދައުވާއާ ގުޅޭ ލިޔެކިޔުންތައް ހަމައަށް ނުލިބޭ ކަމަށާއި ލިޔެކިޔުންތައް ނުލިބެނީސް ދައުވާ ސާފުވުމާއިމެދު އެއްޗެއް ވިދާޅުވާން ދަތި ކަމަށެވެ. މިބަހުސް ދިގުލައިގެންދާން ފެށުމުން ގާޒީ ވަނީ އުއްތަމަ ފަނޑިޔާރު ދައުވާއަށް އިންކާރުކުރެއްވީ ކަމަށް ކަނޑައަޅުއްވާފައެވެ.
މިމައްސަލާގައި ދައުލަތުން ވަނީ އުއްތަމަ ފަނޑިޔާރާ ދެކޮޅަށް ސިއްރު ހެކިންގެ ގޮތުގައި 3 މީހަކާއި ސިއްރު ލިޔެކިޔުންތަކެއް ހުށަހަޅާފައެވެ. މިހެކިތައް ސިއްރު ކުރުމުގެ ވަގުތީ އަމުރަކަށް ދައުލަތުން އެދުމުން ގާޒީ ވަނީ އެފަދަ އަމުރެއް ވެސް ނެރުއްވާފައެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ވަނީ އަދުލުއިންސާފު ގާއިމުކުރަން ހުރަސްއެޅުމުގެ ދައުވާއާއި، ރިޝްވަތު ހިފުމުގެ ދައުވާއާއި، ޓެރަރިޒަމުގެ ދައުވާވެސް އުފުލާފައެވެ. ނަމަވެސް މިދައުވާތަކުގެ ތެރެއިން ރިޝްވަތުގެ ދައުވާއާއި ޓެރަރިޒަމުގެ ދައުވާގެ ޝަރީއަތް އަދި ފަށާފައެއް ނުވެއެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހައްޔަރުކުރީ ސުޕްރީމް ކޯޓުން ފެބްރުއަރީ 1ގައި ނެރުނު އަމުރު ތަންފީޒުކުރުމަށް ސަރުކާރުން ދެކޮޅު ހެދުމަށްފަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އެދުވަހަށްފަހު އުއްތަމަ ފަނޑިޔާރު ޖަލުގައި ބަންދުކޮށްފައިވާއިރު، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ހެކިތައް ސިއްރުކޮށް، ދައުވާއަށް އިންކާރުކުރެއްވީ ކަމަށް ގާޒީ ނިންމަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ