އަލްމަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާއިން 2018 ވަނަ އަހަރުގެ ހުރިހާގޮތަކުން އެންމެ މޮޅު ދަރިވަރަކަށް އަލްހާފިޟް ސުލްތާން މުހަންމަދު ލަތީފް ހޮވައިފިއެވެ.
ހުރިހާ ގޮތަކުން އެންމެމޮޅު ދަރިވަރާއި، ކިޔެވުމަށް އެންމެ މޮޅު ދަރިވަރުގެ އިތުރުން، ވޭތުވެދިޔަ އަހަރު މަތީ ޘާނަވީއާއި، ޘާނަވީ އިމްތިހާނުތަކުން ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދާފައިވާ ދަރިވަރުން ހޮވައި އިނާމު ދިނުމަށް ބޭއްވި ހަފްލާ އޮތީ ބުރާސްފަތި ދުވަހުގެރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.
2018 ވަނަ އަހަރުގެ ހުރިހާ ގޮތަކުން އެންމެމޮޅު ދަރިވަރަކަށް ހޮވުނު ދ. މީދޫ ފެހިގޭ އަލްހާފިޟް ސުލްތާން މުހަންމަދު ލަތީފަށް، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހަދާނީ ފިލާ، މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ދެއްވާ އިނާމް، ސްކޫލުންދޭ ހަނދާނީ ލިއުމާއި ޓްރޮފީ އަދި އަސްކޮއި ހައްޖު އެންޑް އުމްރާ ގްރޫޕުންދޭ އުމްރާ ދަތުރު ހަވާލު ކޮށްދެއްވީ، އިނާމް ދިނުމުގެ ހަފްލާގެ ޝަރަފްވެރި މެހްމާން، ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒްގެ ޑީން އައްޝައިޚް އަލީ ޒާހިރެވެ.
2018 ވަނަ އަހަރު ތައުލީމީ ގޮތުން އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ މާޒިނާ އަބްދުރައްހީމެވެ. އޭނާއަށް ޚާއްސަ ސްކޮލަރޝިޕްގެ ލިއުމާއި، މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ދެއްވާ އިނާމް، އަރަބިއްޔާއިން ދޭ ހަނދާނީ ލިއުމާއި ޓްރޮފީ ހަވާލުކޮށްދެއްވީ، މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރ އާއިޝަތު އާޠިޔާ ނަސީރެވެ.
2018 ވަނަ އަހަރުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނު އަލްހާފިޟް ސުލްތާން މުހަންމަދު ލަތީފް އަލްމަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގައި ތައުލީމް ހާސިލް ކުރަން ފަށާފައިވަނީ 2000 ވަނަ އަހަރު، ގްރޭޑް އެކަކުންނެވެ.
ސްކޫލް ދައުރުގައި އޭނާ ފާހަގަ ކުރެވުނީ ކިޔެވުމާއި އެހެނިހެން ގޮތްގޮތުންވެސް ވަރަށް ފާހަގަ ކޮށްލެވޭ މޮޅު، ހުނަރުވެރި، ކަންކަމުގައި އިސްނަގާ، ކާމިޔާބު އިލްމީ ދަރިވަރެއްގެ ގޮތުގައި ކަމަށް އަރަބިއްޔާއިން ހާމަކޮށްފައި ވެއެވެ.
2018 ވަނަ އަހަރު އަރަބިއްޔާގެ އެންމެމޮޅު ދަރިވަރަކަށް އަލްހާފިޟް ސުލްޠާން މުޙަންމަދު ލަޠީފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ