ހިޔާ ފުލެޓުތަކަށް ކަރަންޓު ކަނެކްޝަންތައް ގުޅައި ނިމޭނީ އަންނަ މަހު 17ގައި

ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ މަޝްރޫއުގެ ފްލެޓުތަކަށް ކަރަންޓު ކަނެކްޝަންތައް ގުޅައި ނިންމާލެވޭނީ އަންނަ އޮގަސްޓް މަހުގެ މެދުތެރޭގައި ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޖުމުލަ 434 މިލިއަން ޑޮލަރު (6.6 ބިލިއަން ދިވެހި ރުފިޔާ)ގެ ލޯނެއް ނަގައިގެން ހިޔާ މަޝްރޫއުގެ ދަށުން 25 ބުރީގެ 16 ޓަވަރު ހެދީ ޗައިނާ ސަރުކާރުގެ އެންމެ ބާރުގަދަ ކުންފުނި،  ޗައިނާ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެސްއީސީ) އާ ހަވާލުކޮށްގެންނެވެ.
ނަމަވެސް އެތަނުގެ ކަރަންޓުގެ މަސައްކަތް ހަވާލުކުރީ ޗައިނާގެ އެހެން ކުންފުންޏެއް ކަމަށްވާ، ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާ އެވެ. ފެން ގުޅުމުގެ މަސައްކަތް ހަވާލުކުރީ އެމްޑަބްލިޔުއެސްސީއާ އެވެ.
ހިޔާ ފްލެޓުތައް ލިބުނު މީހުންގެ މެދުގައި ގުރުއަތު ނަގައި ނިންމައި، އެއްބަސްވުމުގައި ސޮއިކޮށް، ފްލެޓުތަކުގެ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ އިރު، ފެނުގެ ކަނެކްޝަންތައް ގުޅައި ނިމިފައިވީ ނަމަވެސް އަދިވެސް ކަރަންޓެއް ނެތެވެ. އެ މަސައްކަތް ލަސްވީ އެޗްޑީސީ އާއި ހައުސިން މިނިސްޓްރީން ކުރިން ބުނި ގޮތުގައި، ކޮވިޑުގެ ސަބަބުން ޗައިނާ ކުންފުނީގެ މަސައްކަތް ހުއްޓުމަކަށް އައުމުންނެވެ.
އެޗްޑީސީން ބުނީ، ހިޔާ ހައުސިން ޔުނިޓުތަކަށް ކަރަންޓު ސަޕްލައި ކުރުމަށް ސީއެމްއީސީއާ ހަވާލުކުރި މަސައްކަތް ނިންމައި، އެ ކޯޕަރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އެ މަސައްކަތް އަވަހަށް ނިންމާލެވުނީ ސްޓެލްކޯގެ ޓެކްނިކަލް އެހީތެރިކަމާއެކުގައި ކަމަށްވެސް ބުންޏެވެ.
އެޗްޑީސީން ބުނީ، ކަރަންޓު ސަބްސްޓޭޝަންތަކުން ކޮންމެ ޓަވަރަކަށް ފައިނަލް ކަނެކްޝަންތައް ގުޅުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ. އަދި އެ މަސައްކަތް އަންނަ އޮގަސްޓު މަހުގެ 17 ވަނަ ދުވަހަށް ނިންމާލެވޭނެ ކަމަށް ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ