ސްވެޑެންގެ ފުރަތަމަ އަންހެން ބޮޑުވަޒީރު މަގާމާ ހަވާލުވެލެއްވި ދުވަހު އިސްތިއުފާ ދެއްވައިފި

ސްވެޑެންގެ ފުރަތަމަ އަންހެން ބޮޑުވަޒީރު މެގްޑަލޭނާ އެންޑާސަން، މަގާމާ ހަވާލުވެލެއްވި ދުވަހު އިސްތިއުފާ ދެއްވައިފިއެވެ.
އެ ގައުމުގެ ބޮޑުވަޒީރުކަމަށް އެންޑާސަން އައްޔަނު ކޮށްފައިވަނީ އިއްޔެއެވެ. އަދި އޭގެ މަދު ގަޑިއިރުތަކެއްގެ ތެރޭގައި އޭނާ ވަނީ އިސްތިއުފާ ދެއްވައިފައެވެ. އެންޑާސަން އިސްތިއުފާ ދެއްވީ އޭނާގެ ކޯލިޝަން ބައިވެރިޔާވެސް އިސްތިއުފާ ދެއްވުމުންނެވެ.
ސްވެޑެންގެ މީޑިއާތަކާ ވާހަަ ދައްކަވަމުން އެންޑާސަން ވިދާޅުވީ، ކޯލިޝަން ސަރުކާރެއްގެ ބައިވެރިޔަކު ވަކިވުމުން އެ ސަރުކާރެއް އިސްތިއުފާ ދިނުމަކީ ދުސްތޫރީގޮތުން އަމަލުކުރަމުން އަންނަ އުސޫލެއް ކަމަށެވެ. އަދި ސަރުކާރެއްގެ ސައްހަކަމާމެދު ސުވާލު އުފެއްދޭނެ ހާލަތެއްގައި ސަރުކާރެއް ހިންގަން ބޭނުން ނުވާކަމަށް ވިދާޅުވިއެވެ.
އެންޑާސަން އިސްތިއުފާ ދެއްވި ދެވަނަ ސަބަބަކީ އޭނާ ހުށަހެޅުއްވި ބަޖެޓު ގާނޫނު ހަދާ މަޖިލީހުން ފާސް ނުކުރުމެވެ. އޭގެ ބަދަލުގައި މަހިލީހުން ފާސްކޮށްފައި ވަނީ އިދިކޮޅުން ހުށަހެޅި ބަޖެޓެވެ.
އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ވަނީ ދެން ކުރިއަށް ގެންދާނެ ގޮތެއް މަޖިލީހުގެ މެންބަރުންނަށް އަންގާނެ ކަމަށް ވިދާޅުވެފައެވެ.
ސްވެޑެންގައި އަންހެނުންނަށް ވޯޓު ލުމުގެ ހައްގު ލިބުނުތާ 100 އަހަރު ފަހުން އަންހެނަކު ބޮޑުވަޒީރު ކަމަށް ހޮވުމުން ގިނަ ބަޔަކު ދިޔައީ އުފާ ފާޅުކުރަމުންނެވެ. އެހެން ނަމަވެސް ދުވަސް ނުވެސް ނިމެނީސް އެންޑާސަން އިސްތިއުފާ ދެއްވުމުން ގިނަ ބަޔަކަށް ލިބިގެން ދިޔައީ ޝޮކެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ