ހިފި ފްލެމިންގޯއެއް ހޯދާ، އީޕީއޭގެ ބެލުމުގެ ދަށަށް. މައްސަލަ ބަލަނީ

މި ހިނގާ ހަފްތާގައި ރާއްޖެ އައި ފްލެމިންގޯތަކެއް ހިފައި ވިއްކަން އުޅުނު މައްސަލައެއްގައި ހއ. ބާރަށުން މީހަކު ހޯދައި، އެމީހާ ހިފި ފްލެމިންގޯ އެއް ހޯދިފައިވާ ކަމަށް، އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނެފިއެވެ.
އީޕީއޭ އިން ބުނީ އެމީހާ ހިފި ފްލެމިންގޯގެ ފިޔަތައް ވަނީ ކޮށާލާފައި ކަމަށާއި، އެއަށް އެކިވަރުގެ އަނިޔާތަށްވެސް ލިބިފައިވާ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި ޑިފެންސް މިނިސްޓްރީގެ އެއްބާރުލުމާ އެކު، ޅ. މާކޯގައި އޮންނަ ކުޅިއަށް އެ ފްލެމިންގޯ ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެ އޭޖެންސީން ބުންޏެވެ.
އެ އޭޖެންސީން ވަނީ މިކަމުގައި ފުލުހުން ދިން އެއްބާރުލުމާއި، އާންމުންގެ އެހީތެރިކަން ލިބުނުކަން ފާހަގަކޮށް، ޝުކުރު އަދާކޮށްފައެވެ.
އީޕީއޭގެ އޮފިޝަލަކު "ދަ ޕްރެސް" އަށް ވިދާޅުވީ، ރާއްޖެއަށް ހިޖުރަކުރާ ދޫނިތައް ހިފާ ކަމުގެ މައުލޫމާތު، އެ އޭޖެންސީއަށް ލިބެމުންދާ ކަމަށާއި، މިފަދަ ކަންތައްތައް ހުއްޓުވުމަށްޓަކައި ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.
އީޕީއޭއިން ވަނީ ރާއްޖެއަށް ހިޖުރަކުރާ ދޫނިފަދަ ތަކެތި ހިފައި، އެތަކެއްޗަށް ގޯނާ ކުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް، ދާދިފަހުން ބުނެފައެވެ. އެ އިދާރާއިން މިހެން ބުނީ ބަޔަކު ފްލެމިންގޯތައް ބޮޑު އަގުގައި ވިއްކަން އުޅުނު މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ.
އީޕީއޭއިން ވަނީ އެފަދަ ދޫނިތައް ހިފާ ހައްޔަރުކޮށް ގޯނާކުރާފަރާތްތައް ހުއްޓުވާ އަދި އެފަދަ ފަރާތްތަކަށް ފާރަވެރިވެ އެފަދަ ކަންކަން ކުރާ ފަރާތްތަކުގެ މައުލޫމާތު (ދޫނި ހިފާ ވިއްކާ ފަރާތުގެ ނަން، ގޭގެ ނަމާއި އަތޮޅާއި ރަށް، އަދި ހިފާ ވިއްކާ ދޫނީގެ ބާވަތާއި އަދަދު) އަދި ފޮޓޯ އެ އެޖެންސީގެ ހޮޓްލައިން ނަންބަރު، 7980379 އަށް މެސެޖުކުރުމަށް ނުވަތަ އީމެއިލް ކުރުމަށް އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ