ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން: ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލާނީ ޖެނުއަރީ 20ގައި

ފެބުރުއަރީ މަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލާނީ އަންނަ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ ނަން ތަރުތީބުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވިދާޅުވީ އިންތިޚާބުގެ ކަންކަން ކަނޑައެޅިފައިވާ ތާރީޚުތަކުގައި ނިންމައި އިންތިޚާބު އަމާން ކަމާއި އޮމާން ކަމާއިއެކު ބޭއްވުމަށް ކޮމިޝަނުން މަސައްކަތް ކުރާނެކަމަށެވެ.
އިންތިޚާބުގައި ވޯޓުލެވޭ މީހުންގެ ލިސްޓު މިހާރު އާންމުކޮށް، ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހޯމަ ދުވަހަށް ހަމާނެއެވެ. ފުއާދު ވިދާޅުވީ މިލިސްޓަށް ރީ-ރަޖިސްޓްރީ ވުމަށް ޖެނުއަރީ 20 ވަނަ ދުވަހު ހުޅުވާލާނެކަމަށެވެ. ރީރަޖިސްޓްރީވުމަށް ހުޅުވާލުމުން، އެންމެ ބޮޑަށް ސަމާލުކަމެއް ދެއްވަންވީ ކޮމަންޑޫ ދާއިރާގައާއި، މާލެ ނޫން ރަށްރަށުގަިއ ތިބި މިއިންތިޚާބުގައި ވޯޓުލެވޭ މީހުން ރަޖިސްޓްރީ ކުރުމަށް ކަމަށް ފުއާދު ވިދާޅުވިއެވެ. މިއިންތިޚާބުގައި ވޯޓުލުން ކުރިއަށްދާނީ މާލޭގެ އިތުރުން ކޮމަންޑޫ ދާއިރާގެ ތިން ރަށުގައެވެ.
މިއިންތިޚާބުގައި ކެނޑިޑޭޓުންގެ މަންދޫބުންގެ ނަންތައް އިލެކްޝަންސަށް ހުށަހެޅުމުގެ މުއްދަތުވެސް ވަނީ ޖެނުއަރީ މަހުގެ 4 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައެވެ. ނަންތައް ހުށަހަޅުއްވާއިރުވެސް ކޮންމެ ކެނޑިޑޭޓަކުންވެސް ވަގުތު އޮއްވައި ނަންތައް ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.
މިއިންތިޚާބުގައި ވާދަކުރާ ތިން ކެނޑިޑޭޓުންވެސް އިންތިޚާބުތަކާއިބެހޭ ޤާނޫނާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުތަކާއި ބެހޭ ޤާނޫނަށް ފުރިހަމައަށް އަމަލު ކުރުމަށް ކޮމިޝަންގެ ރައީސްވަނީ އެދިވަޑައިގަންނަވާފައެވެ. އަދި މިއިންތިޚާބުގައިވެސް ކެނޑިޑޭޓުން ޚަރަދު ކުރާއިރު، ކޮންމެ ކެނޑިޑޭޓަކުވެސް އިންތިޚާބަށް ޚާއްސަ އެކައުންޓެއް ހުޅުވައި، ޤާނޫނުގައި ބުނެފައިވާ ގޮތަށް އަމަލު ކުރުމަށް ވަނީ ދަންނަވާފައެވެ.
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ އިތުރުން ހަމަ އެދުވަހު އަންހެނުންގެ ކޮމެޓީތަކުގެ ތިން އިންތިޚާބެއްވެސް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ދަނީ މަސައްކަތް ކުރަމުންނެވެ. ހއ.ތަކަންދޫ، ތ.ވިލުފުށި އަދި ގއ.ގެމަނަފުށީގައި ބާއްވާ މި އިންތިޚާބަށް މިހާތަނަށް އެއްވެސް ކެނޑިޑޭޓަކު ކުރިމަތިލާފައި ނުވާތީ ކޮމިޝަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިޚާބުގައި ކުރިމަތިލާން އެދޭ ފަރާތްތަކުން އަންނަ މަހުގެ 6 ވަނަ ދުވަހުގެ ކުރިން ނަންތައް ހުށަހެޅުމަށް އެދިވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ