ރިލްވާން ގެއްލުނު މައްސަލައާއި އަދީބާ ގުޅުމެއް އޮތްކަމުގެ ހެއްކެއް އަދި ނެތް: އުމަރު
ގެއްލިގެން ހޯދަމުންދާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެއްލުމާއި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބާ ގުޅުމެއް އޮތްކަމުގެ ހެއްކެއް އަދި ލިބިފައިނުވާ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ. ދިޓީވީ ޚަބަރު ތެރެއިން ޕްރޮގްރާމުގައި މިރޭ ވާހަކަފުޅުދައްކަވަމުން މިނިސްޓަރު އުމަރު ވިދާޅުވީ، ރިލްވާން ގެއްލުނު މައްސަލައާ އަދީބާ ގުޅުމެއް ހުރިކަމަށް ބުނާ މައްސަލަ ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް އެކަން ޔަގީންކޮށްދެވޭނެ ހެއްކެއް އަދި ލިބިފައިނުވާ ކަމަށް ވިދާޅުވި އެވެ. "އަޅުނގަޑުމެން އަތުގަ އަދިއެއްނެތް ސީދާ އެކަމާ {ރިލްވާން ގެއްލުނު މައްސަލައާ} އަދީބާ ގުޅުވާދޭނެ އެއްވެސް ހެއްކެއް އަދި އެއްނެތް. ނަމަވެސް ތިހެން ހެކިހުރިކަމަށް ދައްކާ އަޑުއިވޭތީވެ، އަޅުގަނޑުމެން މިދަނީ ތަހުގީގުކުރަމުން. އަޅުގަނޑުމެންނަށް އެކަށީގެންވާ ހެއްކެއް ލިބޭ ދުވަހު އަޅުގަނޑުމެން ދަންނަވާނަން އެބަ އޮތޭ ގުޅުން. އެ ހެކި ނުލިބޭހާ ހިނދަކު އަޅުގަނޑުމެން ބުނާނީ އަދިއެއްނެތޭ ހެއްކެއް،" މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވަނީ، މީގެ އެއް މަސް ނުވަތަ ފަސް ވަރަކަށް މަސް ފަހުން ރިލްވާން ގެއްލުނު މައްސަލައާއި އަދީބާ ގުޅުމެއް އޮތް ކަމުގެ ހެކި ހުރި ކަމަށް ފުލުހުން ބުނުމުން ވެސް އެއީ ފުލުހުން ކަމެއް ފޮރުވަންވެގެން އުޅުނު ކަމަށް ހީނުކުރުމަށް މީޑިއަތަކުގެ ކިބައިން އެދިވަޑައިގެންފައެވެ. "ގުޅުމެއް އެބަ އޮތޯ ބުނާކަމަށްވާނަމަ އަޅުގަނޑުމެން އަތުގަ އޮންނަންވާނެ ކްރެޑިބަލް ކޮންމެވެސް ތުހުމަތެއް ނުވަތަ އެވިޑެންސެއް. ނެތް ހާލަތެއްގަ އަޅުގަނޑުމެންނަކަށް ނުބުނެވޭނެ އޮތެކޭއެއް. އަޅުގަނޑުމެން ޒިންމާ އުފުލަންޖެހޭ އަޅުގަނޑުމެން ބުނާ އެއްޗިއްސަށް،" އުމަރު ވިދާޅުވި އެވެ. ރިލްވާން ގެއްލުނުތާ މިއަދަށް 613 ދުވަސް ވެފައިވާއިރު، މިމަހުގެ ފަސް ވަނަ ދުވަހު ފުލުހުން ވަނީ ރިލްވާން ގެއްލުނު މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފައެވެ. އެ ދެމީހުން ހައްޔަރު ކުރީ ރިލްވާން ގަދަކަމުން އެރުވި ކަމަށް ބުނާ ރަތް ކުލައިގެ ކާރާ ގުޅުމެއް އޮވެގެންނެވެ. އެ ކާރުން ފެނުނު އިސްތަށްޓެއްގެ ޑީއެންއޭ، ރިލްވާންގެ މަންމަގެ ޑީއެންއޭއާ ދިމާވެ އެވެ. ރިލްވާން ގެއްލުނު މައްސަލާގައި 2014 ވަނަ އަހަރު ފަސް މީހަކު ހައްޔަރު ކުރި ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް ކޯޓުން އެ މީހުން ދޫކޮށްލި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެ ފަސް މީހުންގެ ތެރެއިން އެކަކު ރާއްޖޭގައި މިހާރު ނެތް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. މިމަހުގެ ދެވަނަ ދުވަހު އިސްކަންދަރު ބިލްޑިންގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަތީހު ވިދާޅުވީ ރިލްވާން ގެއްލުނު ދުވަހު އޭނާއަށް ފާރަލަމުން ބަޔަކު ދިޔަ ކަމަށާއި އެކަން ކުރީ ކުޑަހެންވޭރަށް ނިސްބަތްވާ ބައެއް ކަމަށެވެ. ރިލްވާންއަށް ފާރަލުމުގައި އިސްކޮށް އުޅުނީ ސ. ހުޅުދޫ، އަތިރިއާގެ، މުހައްމަދު ސުވައިދު ކަމަށާއި އޭނާ މިހާރު ރާއްޖޭގައި ނެތް ކަމަށް ޝަތީހު ވިދާޅުވި އެވެ. ސުވައިދުއަކީ ރިލްވާންގެ މައްސަލާގައި ހައްޔަރު ކުރުމުން ކޯޓުން ދޫކޮށްލި މީހެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ