ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނަށް ސްކޫލް ޓްރެފިކް މޮނިޓަރސް ޕްރޮގްރާމް ފަށައިފި

ސްކޫލް ދަރިވަރުންނަށް އަމާޒުކޮށް ފުލުހުން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނާއި ރޯޑް ޕޮލިސް ގުޅިގެން، ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނަށް ސްކޫލް ޓްރެފިކް މޮނިޓަރސް ޕްރޮގްރާމް ފަށައިފިއެވެ.
އެކަމަށްޓަކައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އެ ޕްރޮގްރާމް ފައްޓަވައި ދެއްވީ ދ. އަތޮޅު ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ސުުޒީނާ ޔޫސުފްއެވެ. ޕްރޮގްރާމު ފައްޓަވައި ދެއްވައި ދެއްކެވި ވާހަކަފުޅުގައި، މި ޕްރޮގްރާމުގައި ދަރިވަރުންނަށް ކިޔަވައިދޭ ކަންކަން ދަސްކޮށް އޭގެ ބޭނުން އަމަލީ ގޮތުން ހިފާ ނަމޫނާ ދަރިވަރުންތަކަކަށް ވުމަށް ދަރިވަރުންނަށް ނަސޭހަތްތެރި ވެލެއްވިއެވެ. އަދި މި ޕްރޮގްރާމުން ދަސްވާކަންކަން އެހެން މީހުންނަށް ކިޔައިދިނުމުގެ އިތުރުން މަގުމަތީގެ އަދަބުތަކަށް ހުރުމަތްތެރިކޮށް ހިތައި އެހެން މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތްކުރުމަށް ނަސޭހަތްތެރިވެލެއްވިއެވެ.
މިޕްރޮގްރާމްގައި، އެއްގަމު ދަތުރު ފަތުރުގެ ގާނޫނާއި ގަވާއިދުތަކާ އަދި އަމިއްލަ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ސެލްފް ޑިފެންސް ކްލާސްތައް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. އަދި ސްކޫލް ސަރަހައްދާއި މަގުމަތީގައި ހަރަކާތްތެރިވާ ދަރިވަރުން އާންމުންނާ މުޢާމަލާތު ކުރުމުގައި ވާހަކަ ދެއްކުމުގެ ރީތި އަދަބުތައް ގެންގުޅުމާއި ގުޅޭގޮތުންނާއި ދިވެހިބަހުގެ ހަމަތަކާއި އުސޫލުތައް ހިމެނޭ ކޮމިއުނިކޭޝަން ސްކިލްސްގެ ކްލާސްތައް މިޕްރޮގްރާމްގައި ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. އަދި މަގުމަތީގައި ދަރިވަރުންނަށް ޕްރެކްޓިކަލް ސެޝަންތަކެއްވެސް ކުރިއަށް ގެންދާގޮތަށްވަނީ ހަމަޖެހިފައެވެ.
މާރިޗް 20 އިން 24 އަށް ދ. އަތޮޅު ތައުލީމީ މަރުކަޒުގައި ކުރިއަށް ގެންދާ ޕްރޮގްރާމުގައި 40 ދަރިވަރުން ބައިވެރިވެއެވެ.
ޓްރެފިކް މޮނިޓަރސް ޕްރޮގްރާމަކީ ރޯޑް ޕޮލިހާއި މިނިސްޓްރީ އޮފް އެޑިއުކޭޝަން ގުޅިގެން ސްކޫލުތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ސްކޫލު މަދަރުސާ ހިމެނޭ ސަރަހައްދުގެ ޓްރެފިކް ބެލެހެއްޓުމުގައި ދަރިވަރުންގެ ބައިވެރިވުން އިތުރުކޮށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުމާއި ޓްރެފިކް މައްސަލަތައް ހައްލުކުރުމުގެ ރޫހު އަށަގެންފައިވާ ދަރިވަރުންތަކެއް އުފެއްދުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ސިލްސިލާ ޕްރޮގްރާމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ