ސިޔާސަތެއް ގެންގުޅެނީވެސް އެމްޑީޕީން އެކަނި: މެމްބަރު ޝިފާއު

އެމްޑީޕީގެ ސިޔާސަތަކީ ރައްޔިތުންގެ ފުރިހަމަ އިތުބާރު ލިބިފައިވާ ސިޔާސަތެއް ކަމަށާއި، ސިޔާސަތެއް އޮތީވެސް ހަމައެކަނި އެމްޑީޕީގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.
މެމްބަރު މިފަދައިން ވިދާޅުވީ ވީޓީވީގެ "ފަސްމަންޒަރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާއި ބެހޭގޮތުން މެމްބަރު ވިދާޅުވީ، އިންތިޚާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދަށް ތާއީދުކޮށް ވޯޓުދޭނެ މީހުންނަކީ އެޕާޓީގެ ސިޔާސަތާއި، އެއާއެކު އަންނަ ފިކުރަށް ވޯޓުދޭނެ މީހުން ކަމަށެވެ.
މެމްބަރު ވިދާޅުވީ ރައްޔިތު މީހާއަށް ލުއި ލިބިގެންދާނީ ސިޔާސަތުތަކެއް ހިފައިގެން އައިސް އެ ސިޔާސަތުތައް ތަންފީޒްކުރުމުން ކަމަށާއި، އެއީ މިއަދު ރައްޔިތުން ގަބޫލުކުރާ ގަބޫލުކުރުން ކަމަށެވެ.
ސަރުކާރުގެ ވާދަވެރިންގެ ލޮލަށް ސަރުކާރުން ކުރާ ރަނގަޅު އެއްވެސް ކަމެއް ނުފެންނާނެ ކަމަށާއި، އަދުގެ ސަރުކާރުގެ މެނިފެސްޓޯގެ ފޮނިމީރުކަން ވޭތުވެދިޔަ ތިން އަހަރު ތެރޭގައި ރައްޔިތުންނަށް ލިބެން ފަށާފައިވާކަމަށް ޝިފާއު ވިދާޅުވިއެވެ.
ރާއްޖެ ލާމަރުކަޒީކޮށް އަތޮޅުތެރޭގެ ރަށްރަށް ތަރައްގީކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހް ކުރައްވާ މަސައްކަތުގެ ނަތީޖާ ފެންނަމުންދާކަން ފާހަގަކުރައްވައި، މެމްބަރު ޝިފާއު ވިދާޅުވީ، ރާޝިދު ނޫން ބޭފުޅަކު މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް އިންތިޙާބުވެއްޖެނަމަ ރައީސް ސާލިހްގެ މަސައްކަތަށް އެއްބާރުލުން ނުލިބޭނެ ކަމަށެވެ.
މީގެއިތުރުން، މެމްބަރު ވިދާޅުވީ، ރައްޔިތުން ޕާޓީ ބަލައިގަންނަނީ އެ ޕާޓީއަކުން ގެންގުޅޭ ސިޔާސަތެއްގެ ސަބަބުން ކަމަށާއި، ކޮމަންޑޫ ދާއިރާގެ ރައްޔިތުން ސަރުކާރު ކޯލިޝަނަށް ތާއީދުކުރާ ސަބަބަކީވެސް އެއީ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ