ޗައިނާގެ ސެންޓްރަލް މިލިޓަރީ ކޮމެޓީގެ މެމްބަރު އެޑްމިރަލް ވު ޝެންގްލީ ރާއްޖެ ވަޑައިގެންފި

ޗައިނާގެ ސެންޓްރަލް މިލިޓަރީ ކޮމިޓީގެ މެމްބަރ އަދި ނޭވީ ކޮމާންޑަރ އެޑްމިރަލް ވު ޝެންގްލީ ރަސްމީ ދަތުރެއްގައި ރޭ ރާއްޖެ ވަޑައިގެންފިއެވެ.
ޝެންގްލީ އަށް އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުޙަބާ ދެންނެވީ ޑައިރެކްޓަރޭޓް އޮފް ކައުންޓަރ ޓެރަރިޒަމްގެ ޑައިރެކްޓަރ ޖެނެރަލް އަދި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ކޮމާންޑަރ ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންޞޫރެވެ.
އެމްއެންޑީއެފުން ހާމަކުރާގޮތުގައި މިދަތުރުގެ މަގްސަދަކީ ދެޤައުމުގެ އަސްކަރިއްޔާގެ ގުޅުން ބަދަހިކުރުމެވެ..
ޝެންގްލީގެ މިދަތުރުގައި ރާއްޖޭގެ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އަލްފާޟިލް އާދަމް ޝަރީފާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙުމަދު ޝިޔާމާއި ބައްދަލުކުރައްވާގޮތަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.
އަދި ނޮވެމްބަރު ތިނެއްގެ ހަނދާނީ ބިނާއަށް އިޙުތިރާމްގެ ޒިޔާރަތެއް ކުރުމުގެ އިތުރުން ޗައިނާ ސަރުކާރުން ބިނާކޮށްފައިވާ ޤައުމީ ދާރުލް އާސާރަށްވެސް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެމްއެންޑީއެފުން ހާމަކުރެއެވެ.
މިދަތުރު ނިންމަވާލެއްވުމަށްފަހު އެމަނިކުފާނު ރާއްޖެއިން ފުރާވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ނޮވެންބަރު 17 ވާ އަންގާރަ ދުވަހުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ