ރައީސްގެ ހާއްސަ މަންދޫބެއްގެ ގޮތުގައި މައުމޫން އޮމާންއަށް ފުރާވަޑައިގެންފި

ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް މިއަދުގެ ވަގުތެއްގައި އޮމާންއަށް ފުރާވަޑައިގެންފިއެވެ.
ޕީޕީއެމްގެ އޮފިޝަލަކު ވިދާޅުވީ މައުމޫން، އޮމާންއަށް ފުރާވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ކަމަށެވެ.
ރައީސް މައުމޫންގެ މި ދަތުރުފުޅުގައި އޮމާންގެ އިސް ބައެއް ބޭފުޅުންނާއި ބައްދަލު ކުރައްވާނެ ކަމަށާއި މިއީ އަރަބި އިސްލާމީ ގައުމުތަކާ ގުޅުން ބަދަހި ކުރުމަށް ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން އޮމާންއަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"މި ދަތުރުފުޅުގައި އޮމާން އާއި ރާއްޖެ އާއި ދެމެދު އޮތް ގުޅުން އިތުރަށް ބަދަހި ކުރުމަށާއި ރާއްޖެ އަށް އެކި އެކި ދާއިރާތަކުން އެހީ ހޯދުމާ ބެހޭ ގޮތުން މަޝްވަރާ ކުރާނެ." އޮފިޝަލް ވިދާޅުވިއެވެ.
ރައީސް މައުމޫންގެ މި ދަތުރުފުޅުގައި އޮމާންގެ ރަސްގެފާނާ ސުލްތާން ޤާބޫސް އާއި އޮމާންގެ ބައެއް މިނިސްޓަރުންނާއި ބައްދަލުކުރައްވާނެއެވެ.
ރައީސް މައުމޫން އޮމާންއަށް ކުރައްވާ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގަންނަވާނީ މިމަހުގެ ފަހުކޮޅުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ