މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފި

މިރެއާއި ކުރިއަށް އޮތް ދެ ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެކަމަށް މޫސުމާބެހޭ އިދާރާއިން ލަފާކޮށްފައިވާތީ، ދަތުރު ފަތުރުކުރުމުގައި ސަމާލުވުމަށް މެރިން ޕޮލިސް އިން އިލްތިމާސްކޮށްފިއެވެ.
ޢީދު ބަންދާ ދިމާކޮށް ރާއްޖޭގެ އެކި ހިސާބުތަކަށް ގިނަ ޢަދަދެއްގެ ބަޔަކު ފުރައިގެން ގޮސްފައިވާއިރު މިރެއާއި މާދަމާއިން ފެށިގެން ގިނަ ޢަދަދެއްގެ ބަޔަކު އެނބުރި މާލެއަށާއި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދިޔުމަށް ކަނޑު މަގުން ދަތުރުކުރަމުންދާނެކަމަށް ބެލެވޭތީ ކަނޑު ދަތުރު ކުރުމުގައި މިފަދަ ވަގުތެއްގައި ހާއްސަ ސަމާލުކަމެއް ދިނުމަކީ ރައްޔިތުންގެ ފުރާނައާއި މުދަލުގެ ސަލާމަތަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް، ފުލުހުން ވިދާޅުވިއެވެ.
ވަކިން ހާއްސަކޮށް މިހާރު ކުރަމުންދާ ވިއްސާރައިގާ ވައިބާރުވެ، ކަނޑު ގަދަވެ ރާޅު ބޮޑުވުމުގެ ސަބަބުން ކަނޑުގެ ދަތުރުކުރާ އުޅަނދުފަހަރަށް ނުރައްކާތެރި ހާލަތްތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑުވުމާއެކު ދަތުރުކުރެއްވުމުގެ ކުރިން މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދަވައިގެން ދަތުރު ކުރެއްވުމަށާއި ދަތުރަށް ފެއްޓެވުމުގެ ކުރިން ދަތުރުގެ މަޢުލޫމާތު އެންމެ ކައިރި ރަށެއްގެ ހުރި ފުލުހުންގެ މަރުކަޒަކަށް ނުވަތަ ކޯސްޓް ގާޑަށް މަޢުލޫމާތު ހިއްސާކުރުމަށްފަހު ފުރުއްވުމަށް ވެސް ފުލުހުން އިލްތިމާސްކުރަމެވެ.
މީގެއިތުރުން ގިނަ ޢަދަދެއްގެ މީހުން ގޮވައިގެން ކަނޑުމަގުން ކުރާ ދަތުރުތަކާ، އެއް ރަށުން އަނެއް ރަށަށް ފެރީތަކުގައި ކުރައްވާ ދަތުރުތަކުގައި ވެސް ދަތުރު ކުރައްވާއިރު މީހުންގެ ރައްކާތެރިކަމަށާއި މުވާޞަލާތީ ކަންކަމަށް އިސްކަން ދެއްވުމަށާއި، އަދި ކުޑަ އޮޑިފަހަރުގައި މަސްވެރިކަމަށް ނުކުންނަވާއިރު އަދި ދަތުރު ދިއުންފަދަ ކަންކަމަށް ރަށްރަށުން ފުރާއިރު ސަލާމަތީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށް މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދަވައިގެން ދަތުރުކުރެއްވުމަށް ވެސް ފުލުހުން އިލްތިމާސްކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ