ރާއްޖޭގެ ފަނޑިޔާރުންނާއި ޝަރުއީ ދާއިރާގެ މުވައްޒަފުން ތަމްރީންކޮށްދޭން އިންޑިއާ އިން ހުށަހަޅައިފި

ރާއްޖޭގެ ޝަރުއީ ދާއިރާގައި މަސައްކަތްކުރާ ފަނޑިޔާރުންނާއި އެހެނިހެން އޮފިޝަލުންނަށް ގަވާއިދުތައް ހެދުމާ ގުޅޭގޮތުން ތަމްރީނު ދިނުމަށް ތައްޔާރަށް އޮތް ކަމަށް އިންޑިއާ އިން އިއްޔެ ބުނެފި އެވެ.
ދަ ޓައިމްސް އޮފް އިންޑިއާ ނޫހުން ބުނެފައިވަނީ މިހާރު އިންޑިއާ އަށް ވަޑައިގެން އުޅުއްވާ ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒް ހުސައިނަށް މިކަން ހުށަހެޅުއްވީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސަލްމާން ހުރުޝީދު ކަމަށެވެ.
ހުރުޝީދާ ހަވާލާދީ އެނޫހުން ބުނެފައިވަނީ ރާއްޖޭގެ ޝަރުއީ ނިޒާމާއި ދައުލަތުގެ އެހެން މުއައްސަސާތައް އިސްލާހުކުރުމުގެ މަސައްކަތް ރާއްޖެއިން ކުރަމުން އަންނައިރު އެ ެމަސައްކަތުގައި ދިވެހި ރައްޔިތުންނާ އެކު ވަރަށް ގާތުން މަސައްކަތް ކުރުމުގެ ފުރުސަތު އިންޑިޔާއަށް ލިބިފައިވާ ކަމަށެވެ.
ޓައިމްސް އޮފް އިންޑިއާ އިން ބުނެފައި ވަނީ ވިލިމާލޭގައި ހަދާފައިވާ ޖުޑީޝަލް ޓްރޭނިން އިންސްޓިޓިއުޓް ކުރިއެރުވުމަށް އިންޑިއާގެ ބޯޕާލްގައި ހުންނަ ނެޝަނަލް ޖުޑީޝަލް އެކަޑެމީން އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް ހުށައަޅާފައިވާ ކަމަށެވެ.
އިންޑިއާގެ އުއްތަމަ ފަނޑިޔާރު އަލްމާސް ކަބީރްގެ ދައުވަތަކަށް އުއްތަމަ ފަނޑިޔާރު ފާއިޒް ކުރައްވާ ދަތުރުފުޅުގައި ބޯޕާލް އަށް ޒިޔާރަތް ކުރައްވާ އެތަނުގެ ޖުޑީޝަލް އެކަޑެމީގެ މަސައްކަތްތައް ބައްލަވާލެއްވުމަށް ވެސް ހަމަޖެހިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ